ނަވާރަސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުގެ ޖޫން މަހުން
ދުވަހެއްގައި އޭރުގެ ގަތަރުގެ އަމީރު ޚަލީފާ އާލްޘާނީ ހާއްސަ ޗުއްޓީއަކަށް
ސްވިޒަރލޭންޑަށް ވަޑައިގަތެވެ. އޭނާގެ ދަރިކަލުން ޙަމަދް ބިން ޚަލީފާ ހުންނެވީ
ދަނޑިވަޅު ބައްލަވައިގެންނެވެ. ބައްޕާފުޅާ ދެކޮޅަށް ވެރިކަން ބަދަލުކުރައްވައި،
ދައުލަތުގެ އަސްކަރިއްޔާއާއި ވެރިކަންކުރަމުންދިޔަ އާއިލާގެ ބޮޑެތި މީހުންގެ
ބައިއަތާއެކު ގަތަރުގެ އައު އަމީރަށް ވެވަޑައިގެން، އެ އަހަރުގެ ޖޫން މަހުގެ 27
ވަނަ ދުވަހު އެކަން ގަތަރުގެ ޓީވީން ރަސްމީކޮށް އިއުލާންކުރެއްވި އެވެ. މި އިންގިލާބު
ހިނގީ އެއްވެސް ލޭ އޮހޮރުވުމަކާ ނުލައިކަމަށްވާތީ، ތާރީހީ ގޮތުން މި އިންގިލާބުގެ
ނަމަކީ ހުދު އިންގިލާބެވެ.
އެހާ ފަސޭހައިން މިކަން ހިނގާދިޔަ ނަމަވެސް، މިކަމަކީ އޭރު
އަމީރަކަށް ހުންނެވި ބޭފުޅާއާމެދު އާލްޘާނީގެ ދަރިކޮޅުގައި އޮތް ނުތަނަވަސްކަމާއި
ތަރައްގީގެ އެތައް ފުރުސަތެއް މަޑުޖެހިފައި އޮތް އޮތުމާއި ހިންގުންތެރިކަމުގައި
ހުރި ދޯދިޔާކަމާއި ސިޔާސީ އަދި އިގުތިސާދީ ގޮތުން ކުރިން ހުރި އަމީރުގެ
ހިންގުންތެރިކަމާމެދު އެތައް ޒަމާނަކަށް ދެމިގޮސްފައި އޮތް ނުތަނަވަސްކަމެއްގެ
ނަތީޖާ އެވެ. އަސްކަރިއްޔާއާއި ވެރިކަންކުރާ ދަރިކޮޅާއި ރައްޔިތުން މި
އިންގިލާބަށް އެހާ ފަސޭހައިން ރުހުންދިނީ އެހެންވެގެންނެވެ.
Enterprise Development Industrial Pvt Ltd
Villa College
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
މި އިންގިލާބާ ދެކޮޅު ހަދާކަމާއި އިންގިލާބަށް ނުރުހޭކަން
ބައްޕާފުޅު ފާޅުގައި އިއުލާންކުރައްވަމުން ގެންދެވި އެވެ. އަދި ޔޫރަޕްގެ އެކިއެކި
ގައުމުތަކަށް ވަޑައިގެން އަނބުރާ ވެރިކަން ހޯއްދަވާނެކަމުގެ މެސެޖްތައް ގަތަރުގެ
ރައްޔިތުންނަށްވެސް ދެމުންގެންދެވި އެވެ. ބަރާބަރު އަހަރެއްހާ ދުވަހުގެ ތެރޭގައި
ހަނގުރާމަވެރި ޖަމާއަތެއް ނެރުއްވައި ގަތަރުގެ ވެރިކަން އަލުން ހޯއްދަވަން
މަސައްކަތްޕުޅު ކުރެއްވި އެވެ. ނަމަވެސް އެ ބަގާވާތް ފެއިލްކޮށްލައްވައި
ހަނގުރާމަވެރިންގެ އިސްމީހުން ހައްޔަރުކޮށް ބައްޕާފުޅުގެ މައްޗަށް ދަރިކަލުން
ޙަމަދް ކުރި ހޯއްދެވި އެވެ.
ދެބަފާކަލުންގެ މި ރުޅިވެރިކަމަށް ނިމުން އައީ، 2003 ވަނަ
އަހަރު، ބައްޕާފުޅު ގޮތްދޫކުރައްވައި ގަތަރަށް އެނބުރި ވަޑައިގަތުމުންނެވެ. އަދި
އެ އެނބުރިވަޑައިގަތުން ރަސްމީ އިއްޒަތުގައި ދަރިކަލުން ޙަމަދް
ފާހަގަކޮށްދެއްވައި، ފުރިހަމަ މަރުހަބާއެއްގެ އިއްޒަތް ބައްޕާފުޅަށް އެރުވި އެވެ.
ބައްޕާފުޅުގެ އަތްޕުޅުގައި ޙަމަދް ބޮސްދެއްވާ މަންޒަރު ޓީވީތަކުން ދުރަށް ފޮނުވައި
ދެބަފައިކަލުންގެ ކޯޅުމަށް ނިމުން އައިސްފިކަން ރައްޔިތުންނަށް ވެސް ފުރިހަމައަށް
އިހުސާސްކޮށްދެއްވި އެވެ.
މިދިޔަ ހަފުތާގައި މި ފަނާވަނިވި ދުނިޔެއާ
އަލްވަދާއުވިދާޅުވި ގަތަރުގެ ކުރީގެ އަމީރު ޙަމަދް ބިން ޚަލީފާ ވެރިކަން ހޯއްދެވީ
މިގޮތަށެވެ. މިކަމުގައި ފާޑުކިޔާ މީހަކަށް ޖާގައެއް ނެތީ ދެން ކަންހިނގާދިޔަ
ގޮތުންނެވެ.
1995 ވަނަ އަހަރާ ހަމައަށް އައިއިރުވެސް ގަތަރަކީ
ދުނިޔޭގައި ނަން ހިނގާ ގައުމެއް ނޫނެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި މާކަބޮޑު
އުރަތްޕެއް ހުރި ތަނެއް ނޫނެވެ. ސަރަހައްދީ ބައިބައިވުންތަކުގައި ބަސްކިޔާ
އަވަށްޓެރި ގައުމުތައް ސުލްހަކުރުމުގައި ބަހެއް ބުނުމުގެ ހައިސިއްޔަތެއް އޮތް
ބައެއްވެސް ނޫނެވެ.
ތެދެކެވެ. ގަތަރުގެ ވެރިކަން ފުރިހަމަ ރަސްކަމުގެ
ނިޒާމަކަށް ބަދަލުކުރެއްވީ ޙަމަދް އެވެ. އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް
އަމިއްލަ އަތްޕުޅަށް ޖަމާކުރެއްވި އެވެ. ސިޔާސީ ޕާޓީތަކަކީ ގަތަރު މިނިވަން
ގައުމެއްގެ ގޮތުގައި ވީ ދުވަހުން ފެށިގެން ވެސް އެބައިމީހުން ދަނެ އުޅުނު އެއްޗެއް
ނޫނެވެ.
ޙަމަދް ގެ 18 އަހަރުގެ ވެރިކަމުގައި ގަތަރަކީ ނެޗުރަލް
ގޭސް އުފެއްދުމުގައި ދުނިޔޭގެ ޗެމްޕިއަނުންނަށް ހެއްދެވި އެވެ. އަހަރަކަށް 77 މިލިޔަން ޓަނުގެ ގޭސް އުފެއްދުމުގެ ރެކޯޑާއެކު ބޮލަކަށް ޖެހޭ
ނިސްބަތުން ދުނިޔޭގައި އޮތް އެންމެ މުއްސަނދި ގައުމަށް ގަތަރު ހެއްދެވި އެވެ. ސިޔާސީގޮތުން
ބަސްވިކޭ ނަންހިނގާ ގައުމަކަށް ވެގެން އައީ އޭގެ ނަތީޖާއިންނެވެ. މިހާރު އެފެންނަ
ބިޔަ ބޮޑެތި ރީތި އިމާރާތްތަކާއި ބްރިޖްތަކުން ގުޅާލެވިފައިވާ ސާފު ރީތި
މަގުތަކާއި މިނޫންވެސް އުމްރާނީ ތަރައްގީގައި ގަތަރުގެ ދުވެލި ކުއްލިއަކަށް
މާބާރުވެގެންދިޔައީ ޙަމަދްގެ މޭސްތިރިކަމުގަ އެވެ.
ދުނިޔޭގެ ފެންވަރުގައި އަދި މިޒަމާނަށް ބަލާއިރު އެންމެ
މިނިވަން އިންޓަރނޭޝަނަލް މީޑިއާ އަލްޖަޒީރާއަކީ ޙަމަދްގެ ވެރިކަމުގައި
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދެއްވި ގޮތުގެ ނަމޫނާ އެވެ. ސަރުކާރަކުން
ފަންޑުކޮށް އަދި ޙަމަދްގެ ފުރިހަމަ ބެލުމުގެ ދަށުން އުފެދިގެން އައި އެ މީޑިއާގައި
ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ހާމަޔަށް ދުނިޔެ މިދަނީ ދެކެމުންނެވެ.
އެއީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ނިންމެވި ނިންމެވުމެއްގެ ފޮނި މޭވާ
އެވެ.
ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ ބިނާކުރެއްވީ ވެސް
ޙަމަދެވެ. ދުނިޔޭގެ މުއްސަނދި އެތައް ކުންފުންޏަކަށް ޖުމުލަ ސަތޭކަ ބިލިއަން
ޑޮލަރަށްވުރެ ގިނަ އަދަދަކަށް މި އޮތޯރިޓީން މިހާތަނަށް އިންވެސްޓްކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ދަ ޝަރޑް، ބާރކްލޭސް ބޭންކް، ހީތްރޫ އެއަރޕޯޓް، ހެރޮޑްސް، ޕެރިސް
ސެއިންޓްޖާރމަނިއަން އެފްސީ، ރޯޔަލް ޑަޗް ޝެލް ފަދަ ތަންތަން ހިމެނެ އެވެ.
ސިޔާސީގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ނަގާކިޔާ
ހަރަކާތްތެރި ގައުމަކަށް ގަތަރުވެގެންދިޔައީ ޙަމަދްގެ ވެރިކަމުގެ ދައުރުގަ އެވެ.
އެމެރިކާއާއި ތާލިބާންއާ ދެމެދު ހިނގާދިޔަ ހަނގުރާމަތަކުގައި ގަތަރަކީ އެންމެ އިސް
މަޝްވަރާގެ މޭޒެވެ. ޔޫއެސްގެ ދެ މިލިޓަރީ ބޭސްއެއް ގަތަރުގައި އޮންނައިރު،
އިރާނާއެކުވެސް ސިޔާސީ ގުޅުން ގަތަރުން ބާއްވަމުން ގޮސްފައިވަނީ ދާދި ފަހަކާ
ޖެހެންދެން ބަދަހިކޮށްނެވެ.
އިރާނާ އެއްވަރަށް އިޒްރޭލާ ވެސް ސިޔާސީ ގުޅުން
ބާއްވަމުންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގަތަރުވެފައިވަނީ ސަރަހައްދީ
ގައުމުތަކުގެ މެދުގައި އަރާރުމެއް ހިނގާ ކޮންމެ ފަހަރަކު މަޝްވަރާގެ ހަބަކަށެވެ. ފަލަސްތީނުގެ
ހަމާސް ޖަމާއަތާއި ފަތަހަ ޖަމާއަތް ސުލްހަކޮށް ދޯހާ އެގްރިމެންޓް އެކުލަވާލެވުނީ
ގަތަރުގެ ސިޔާސީ މަޝްވަރާގެ މަތީން ގަތަރުގަ އެވެ. އެއީ 2012 ވަނަ އަހަރުގަ އެވެ.
ހަމަ އެއަހަރު ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް ގަތަރުގައި ބޭއްވުނެވެ.
ކުޅިވަރުގެ ދުނިޔޭގައިވެސް ގަތަރުވަނީ ޙަމަދްގެ
ވެރިކަމުގައި އެތައް ކާމިޔާބަކާއި ޝަރަފެއް ހޯދާފަ އެވެ. 2006 ވަނަ އަހަރުގެ
އޭޝިއަން ގޭމްސް ގަތަރުގައި ބޭއްވުނެވެ. 2011 ވަނަ އަހަރު އޭއެފްސީ އޭޝިއަން
ކަޕެވެ. 2022 ގައި ފީފާ ވޯލްޑްކަޕެވެ. މިއިން ކޮންމެ މުބާރާތެއްގެ އިންތިޒާމުތައް
ރަނގަޅުކަމަށްޓަކައި އެތައް ބަޔެއްގެ ތައުރީފާއި ސަނާ ގަތަރަށް ލިބިފައިވެ އެވެ. މިއީ
އެއްވެސް އަރަބި އިސްލާމީ ގައުމަކަށް ކުރެވިފައި ހުރިކަންކަމެއް ނޫނެވެ.
ފުޅާދާއިރާއެއްގައި އިސްލާމީ ޚިދުމަތްތެރިކަމުގައި
ބެއްޔަސް ޙަމަދްގެ ބާރުވެރިކަމުގައި ކުރައްވާފައިވަނީ އެހެން އެއްވެސް ލީޑަރަކަށް
ކުރެވިފައި ނުވާ ބާވަތުގެ ކަންކަމެވެ. މިފަހުން ދުނިޔެ ދުށް އެންމެ ބޮޑު
މުޖައްދިދު، މިސްރަށް އުފަންވެވަޑައިގަތް މިސްރު މީހުންގެ ވެސް ފަޚުރުކަމުގައިވި
ޑރ އަލްޢައްލާމާ ޔޫސުފުލްޤަރަޟާވީ އަށް ސިޔާސީ ހިމާޔަތް ދެއްވައި، ޤަރަޟާވީގެ ދީނީ
ވިސްނުމާއި ދައުވަތަށް ޙަމަދް ކޮށްދެއްވި އިހުލާސްތެރި މަސައްކަތްޕުޅަކީ ޤަރަޟާވީ
ވެސް އިންތިހާ ދަރަޖައިގައި ޝުކުރުވެރިކަމާއެކު އޭނާގެ ހަޔާތްޕުޅުގައި ވެސް
ފާހަގަކުރައްވާފައިވާ ކަންކަމެވެ. ޑރ ޤަރަޟާވީ ފާޅުގައި ގަތަރުގެ ސަރުކާރަށް ވެސް
ފާޑުވިދާޅުވެފައިވަނީ މަދެއްކޮށެއް ނޫނެވެ.
1996 ވަނަ އަހަރު އިޒްރޭލާއެކު ގަތަރުން ހެދި ވިޔަފާރި
އެއްބަސްވުމާ ގުޅިގެން ފާޅުގައި ހުތުބާ މެންބަރުތަކުގައި ގަތަރުގެ އަމީރަށް
ފާޑުވިދާޅުވި އެވެ. ގާނާގެ ގަތުލު އާންމު ހިނގި ދުވަސްވަރު، އިޒްރޭލުގެ ކުރީގެ
ރައީސް ޝިމޯން ޕެރޭޒް ގަތަރަށް ކުރި ޒިޔާރަތުގައި އޭނާއަށް މަރުހަބާކިޔުމާ
ގުޅިގެން، އޭނާއާ ސަލާންކުރި މީހުން ހަތްފަހަރު އަތްދޮވުމަށާއި، އެއްފަހަރު
ވެލިލައިގެން އަތްދޮވުމަށް ޤަރަޟާވީ ގޮވާލެއްވީވެސް ޚުތުބާއެއްގެ ތެރެއިންނެވެ.
ގަތަރުގައި އެމެރިކާގެ އަސްކަރީ ބޭސްތައް
ހުންނަކަމަށްޓަކައިވެސް އެއްފަހަރަށްވުރެ ގިނަ ފަހަރު ޑރ ޤަރަޟާވީ ސަރުކާރަށް
ފާޑުވިދާޅުވެފައިވެ އެވެ. އަދި ގަތަރުގެ ގާނޫނުއަސާސީއަށާއި ބައެއް ގާނޫނުތަކަށް
ވެސް ފާޅުގައި ފާޑުވިދާޅުވަމުންގޮސްފައިވެ އެވެ. މިޔާއެކު ވެސް ޙަމަދް ބިން ޚަލީފާ
ޑރ ޤަރަޟާވީއާ މެދު ބެހެއްޓެވީ އިހުތިރާމާއި އިހުސާންތެރިކަމުގެ ކޮޅުނެތްކޮޅެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ގަތަރުން ގާއިމުކޮށް
ދަމަހައްޓަމުންދިޔަ ބައިނަލްއަގްވާމީ ގުޅުންތަކާއެކު، ޑރ ޤަރަޟާވީ ފަދަ
އެކަންކަމަށް މިހާ ހަރުކަށިކޮށް ފާޑުވިދާޅުވި އިލްމުވެރިޔަކަށް ހިމާޔަތް
ދެއްވައިގެން އަދި އަލްޖަޒީރާއާއި އެނޫންވެސް ގަތަރުގެ އާންމު ޕްލެޓްފޯމުތައް
މިނިވަންކަމާއެކު ދެއްވައިގެން ހުންނެވުމަކީ އާދައިގެ އިސްލާމީ ވެރިޔަކަށް
ކުރެވޭނެ ކަމެއް ނޫނެވެ. މިއިން ޒަމާނަކު ފެނިފައި އޮތް މަންޒަރެއް ވެސް ނޫނެވެ.
ޙަމަދް ބިން ޚަލީފާއާ ބެހޭގޮތުން ޑރ ޔޫސުފުލްޤަރަޟާވީ
ވިދާޅުވެފައިވެ އެވެ. "ގަތަރުގެ ދައުލަތް މެދުވެރިކުރައްވާ މާތް ﷲ އަހަރެންގެ
ދައުވަތުގެ މަގަށް ތަނަވަސްކަން މިންވަރުކޮށްދެއްވި އެވެ. އޭގެ ސަބަބުން
ބަސްބުނުމުގައި އަހަރެންގެ ކުރިމަތީގައި އެއްވެސް ހުރަހެއް ނޯވެ އެވެ. އަހަރެން
ބޭނުން އެއްޗެއް ދަރުސްތަކުގައާއި ހުތުބާތަކުގައި ކިޔަމެވެ. ފޮތްތަކުގައި
ލިޔަމެވެ." އަދި ވިދާޅުވެފައިވެ އެވެ.
"އިލްމާއި އިލްމުވެރިންނަށް
ވެރިން ވަފާތެރިވި ވާހަކަ ދެއްކޭ ކޮންމެ ތަނެއްގައި ގަތަރުގެ އަމީރު ޙަމަދް ބިން
ޚަލީފާގެ ނަން ކިޔޭނެ އެވެ. އޭނާ އިލްމުވެރިންނަށް އިހްތިރާމުކުރެއްވި އެވެ.
އެމީހުންގެ ދައުވަތް އިއްޒަތްތެރިކޮށްދިނެވެ. އިލްމާއި އިލްމުގެ އަހުލުވެރިންގެ
އަމިއްލަ ގެޔެއްކަމުގައި ގަތަރު ހަދައިދިނެވެ."
1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް
ގަތަރުގެ އަމީރުކަމުގައި ޙަމަދް ބިން ޚަލީފާ ހުންނެވި އެވެ. އެޔަށްފަހު ވެރިކަން
އަމިއްލަފުޅަށް ދޫކޮށްލެއްވީ ވެރިކަން ކުރެއްވުމުގެ ގާބިލިއްޔަތާއި ވިސްނުން ހުރި
ހާލުކޮޅުގަ އެވެ. ނަމޫނާ ދައްކަވަމުންނެވެ. އެ ދުވަހުގެ ތާރީހީ ހިތާބުގައި ހުރި
ވާހަކަފުޅުތަކަކީ ތެދުވެރި ހިތަކުން ނުކުތް އިހްލާސްތެރި ޖުމުލަތަކެއްކަން
އެމަނިކުފާނު ވެރިކަން ދޫކޮށްލެވި ގޮތާއި، ވެރިކަމުގައި ގައުމަށް ގެންނެވި
ބަދަލުން އެހެރީ ހާމަޔަށް ފެންނާށެވެ. އެދިގު ހިތާބުން ބައެއްގައިވެއެވެ.
"އޭ ފިރިހެން އަދި އަންހެން އެކުވެރިންނޭވެ! މިއީ
އަހަރެން ގަތަރުގެ ބިމުގައި ބޮޑުވެ ފުރާފުރިހަމަވީއްސުރެ އަހަރެންގެ ހިތުގައި
ބިންވަޅު ނެގި ގުނަންތަކުގައި ގަރާރުވެފައި އޮތް ގަބޫލުކުރުމެވެ. އަހަރެން
މަސްއޫލިއްޔަތުތައް އަދާކުރަން ފެށީ ވަތަނާއި ރައްޔިތުންގެ ޚިދުމަތަށެވެ. އަހަރެން
ވެރިކަން އޭގެ ޒާތުގައި ބޭނުންވެގެން އުޅެފައި ނުވާނެކަން ﷲ ދެނެވޮޑިގެންވާނެ އެވެ.
އަދި އެ ވެރިކަން ހޯދުމަށް އަހަރެން މަސައްކަތްކުރީ އަމިއްލަ ސަބަބުތަކެއް
ހުރެގެންނެއް ނޫނެވެ. އެހެންނެއް ނޫނެވެ. އެއީ ވަތަނުގެ މަސްލަހަތުގައި އައު
މަރުހަލާއަކަށް ދިއުމަށްޓަކައި އެވަގުތަށް އަހަރެމެން ހުރަސްކުރަންޖެހުނު ގޮތެވެ.
އަހަރެމެންގެ ވަތަނުގެ މުސްތަގުބަލުގައި، އަނެއްކާވެސް އައު އެހެން ސަފުހާއެއް
ހުޅުވުމުގެ ވަގުތު މިހާރު އައިސް ޖެހިއްޖެ އެވެ. އައު ޖީލެއް އެބައިމީހުންގެ
އުފެއްދުންތެރި ހިޔާލުތަކާއި ފޯރުންތެރި ބާރުވެރިކަމާއެކު މަސްއޫލިއްޔަތު
އަދާކުރުމަށެވެ."
މިހެން ވިދާޅުވަމުން، ދަރިކަލުން ތަމީމް ބިން ޙަމަދް
އާލްޘާނީ އަށް ވެރިކަން ދޫކޮށްލެއްވީ، ހެޔޮ ހާލުކޮޅުގައި ހުންނަވަ އެވެ. އަދި
ވެރިކަމުން ދުރުކުރެވުނު ބައްޕާފުޅު ވެސް އޭރު ދުނިޔޭގައި ހުންނެވި އެވެ.
ވެރިކަމުން ދުރުކުރެވުނު ބައްޕާފުޅު އަވަހާރަވީ 2016 ވަނަ އަހަރުގަ އެވެ.
ދަރިކަލުން އޭނާއަށް ވީ "ހިޔާނަތަކީ" ގައުމުގެ މަސްލަހަތުގައި
އިސްކުރެއްވި ހެވެއްކަން ޔަގީންކުރައްވާ ހުންނަވަ އެވެ. އެޔަށްފަހު މިމަހުގެ 12
ވަނަ ދުވަހު މިފަނާވަނިވި ދުނިޔެއާ ޙަމަދް ބިން ޚަލީފާ ވަކިވެވަޑައިގަތީ އެވެ.
އޭނާގެ ފުރާނަފުޅަށް މާތް ﷲ ރަހުމަތް ލައްވާށި އެވެ!
ބައްޕާފުޅުގެ ވެރިކަން ނިމުމަކަށް ގެންނެވި ހުދު އިންގިލާބުގެ ބާނީ؛ ޙަމަދް ބިން ޚަލީފާ އާލްޘާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ