މާލޭގައި ފެނާއި ކަރަންޓް ބިލަށް ލުއި ދޭން މޭޔަރު މުއިއްޒު ގޮވާލައްވައިފި

މާލޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ފެނާއި ކަރަންޓް ބިލުން ލުއިތަކެއް ދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު ވިދާޅުވީ، މި ހާލަތުގައި މާލޭގައި ގިނަ ވަގުތު ކާފިއު އިއިލާންކޮށްފައި ވާތީ އެތައް ބައެއްގެ އާމްދަނީއަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ލުއިގޮތެއް ހޯދައި ދިނުމުގެ ގޮތުން މުއިއްޒު ވިދާޅުވީ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓަށް ލުޔެއް ދިނުމަށް އެކަމާ ގުޅުން ހުރި ކުންފިނިތައް ކަމަށްވާ ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއަށް ގޮވާލައްވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ކޭސްއެއް އެންމެ ފުރަތަމ ފެނިފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. މިއަދާ ހަމައަށް މި ބަލި ރާއްޖޭގައި އުޅޭތާ 439 ދުވަސްވެފައި ވާއިރު ކޭސްތައް މިހާރު އަންނަނީ އިތުރުވަމުންނެވެ. މި މަސްތެރޭ ދުވާލެއްގެ މައްޗަށް ރިޕޯޓްކުރާ ކޭސްގެ އަދަދު އުޅެނީ 1000 އާއި 2000 އާ ދެމެދުގައެވެ. އެގޮތުން އިއްޔެ 1603 މީހަކު ރާއްޖެއިން ޕޮޒިޓިވްވި އިރު ހަމައެކަނި މާލެއިން 1025 މިހަކު ވަނީ ކޮވިޑް ޖެހިފައެވެ.
މިއަހަރު ރޯދަ މަސް ނިމިގެން ދިޔަ އިރު ކޭސްތައް އިތުރުވުމުން މާލެ ސަރަހައްދުގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 4 އިން ފެށިގެން 12 ގަޑިއިރަށް ކާފިއު ހިންގަމުން އަންނަ އިރު ގިނަ ވިޔަފާރިތަަކަކަށް މި ކަމުން އަންނަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
މިދިޔަ އަހަރު ކޮވިޑް ފެތުރެން ފެށި އިރު އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން ވަނީ ވިޔަފާރިތަކަށާއި އާންމުންނަށް އެކި ގޮތްގޮތުން ލުއިތައް ދީފައެވެ. އެ ގޮތުން މިދިޔަ އަހަރު ރޯދަ މަސް ފެށިގެން އައި އިރު ފެނާއި ކަރަންޓް ބިލުން ވަނީ ލުއިތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ