ޔޫރޯ 2020 ގެ ގްރޫޕް ޑީގައި ހުކުރު ދުވަހުގެރޭ ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅެ އެއްވަރުވެގެން ހޯދި ޕޮއިންޓާއެކު ޗެކް ރިޕަބްލިކުން މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފިއެވެ.
ސްކޮޓްލެންޑުގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ އާއިއެކު މިހާތަނަށް ދެމެޗުން ޖުމްލަ 4 ޕޮއިންޓާއެކު މިވަގުތު ޗެކް ރިޕަބްލިކް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ކޮރެއޭޝިއާ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑު އަތުންވީ ބައްޔާއެކު ދެވަނަ ބުރުގެ އުންމީދު ވަނީ ކުޑަވެފައެވެ. އެ ޓީމަށް ދެ މެޗުން ލިބެނީ އެންމެ ޕޮއިންޓެކެވެ.
ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތމަ ލަނޑު ޖަހާ ލީޑު ނެގީ ޗެކް ރިޕަބްލިކުންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކް އެވެ. މި ލަނޑާއެކު އޭނާ އަކީ ގްރޫޕް ސްޓޭޖުގެ މިހާތަނަށް 20 މެޗު ކުޅެފައިވާއިރު ޓޮޕް ސްކޯރަރ އެވެ. ޝިކް ވަނީ މިހާތަނަށް މި މުބާރާތުގައި ތިން ލަނޑު ޖަހާފައެވެ.
ބަލިވެފައި އޮވެ ދެވަނަ ހާފާއި ކުރިމަތިލި ކްރޮއޭޝިއާ އިން ވަނީ މިހާފުގައި ކުޅުން ރަނގަޅުކޮށް ޗެކް ރިޕަބްލިކުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅުން ފެށިގެން އެ ޓީމުން ވަރަށް ބޮޑަށް އެޓޭކިންގ ވިސްނުމެއްގައި ކުޅުނުއިރު މިހާފުގެ ދެވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކްރަމަރިޗް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކްރޮއޭޝިއާ އަށް ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިޗް އެވެ.
މިހާތަނަށް މި ދެ ޓީމުން ޖުމްލަ 5 މެޗު ކުޅެފައިވާއިރު މިއީ ޗެކް ރިޕަބްލިކުން ކޮރޮއޭޝިއާގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. އަދި ކްރޮއޭޝިއާ އަށް ޗެކް ރިޕަބްލިކުގެ މައްޗަށް ކުރިހޯދިފައިވަނީވެސް އެންމެ ފަހަރެކެވެ. ބާކީ ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކުން ކުޅޭ ފަހު މެޗުގައި ނުކުންނާނީ މި މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ވަރުގަދަ އިނގިރޭސިވިލާތާއި ދެކޮޅަށެވެ. އަދި ކްރޮއޭޝިއާގެ ފަހު މެޗުގައި އެ ޓީމުން ހަމަ އެރޭ ސްކޮޓްލެންޑާއި ދެކޮޅަށް ނުކުްނާނެއެވެ.
ޔޫރޯ 2020: ގްރޫޕް ޑީ- ކްރޮއޭޝިއާ އަތުން ޕޮއިންޓެއް ހޯދާ ޗެކް ރިޕަބްލިކް ދެވަނަ ބުރާއި ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ