މިނިސްޓަރު ކަމުން އުމަރު ވަކި ކުރެއްވުމަށް އެމްޑީޕީން ގޮވާލައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު މަގާމުން ވަކި ކުރެއްވުމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިކަމަށް ގޮވާލާފައިވަނީ މިއަދު ނެރެނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ މުވައްސަސާއަށް ނާޖާއިޒު ނުފޫޒުފޯރައި ފަސާދަވެ، އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވެ، ދައުލަތަށް ގައްދާރުވެފައިވަނީ، ރައީސް ޔާމިން ގެ އިތުރުން ދާޚިލީ ވަޒީރު ޢުމަރު ނަޞީރުގެ ނާތަހްޒީބީ އަޚްލާޤުގެ ސަބަބުންނާއި އަދި ޤާބިލުކަން ނެތުމުގެ ސަބަބުންކަމަށްވާތީ، ދާޚިލީ ވަޒީރު ޢުމަރު ނަޞިރު މަޤާމުން ވަކިކުރެއްވުމަށް އެމް.ޑީ.ޕީ އިން ގޮވާލާ ކަމަށެވެ.
“ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް 25 އޮކްޓޯބަރ 2015 ވަނަ ދުވަހު ޤައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ނުވަތަ ފުލުހުންނާއި ސިފައިންނަށް ފައިސާގެ ނާޖާއިޒު ނުފޫޒުފޯރައި ފަސާދަވެފައިވާކަމާއި، އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވުމާއި ދައުލަތަށް ގައްދާރުވެފައިވާކަމަށް ވިދާޅުވެފައިވީހިނދު، އެކަމަކީ ހުދު ރައީސުލްޖުމްހޫރިއްޔާއަށާއި ދާޚިލީ ވަޒީރު ޢުމަރު ނަޞީރަށް އެކަމުގެ ޒިންމާއިން ރެކިވަޑައިގަނެވިގެންވާނޭކަމެއް ނޫންކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ދެކެމު” އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމިން އެކަމުގެ ޒިންމާ ނުނަންގަވައި ރެކިވަޑައިގަނެވެން ނެތް އެއްސަބަބަކީ އެމަނިކުފާނު ވެރިކަމުގައި ހުންނަވާފައިވަނީ ދައުލަތުގެ ހުރިހާ މުވައްސަސާތަކެއް އެމަނިކުފާނުގެ މުށުތެރެއަށް ލައްވައި، ޚުދުމުހުތާރުކޮށްކަމަށްވާތީ ކަމަށެވ. އަދި ވެރިކަން ކުރައްވަމުން އެގެންދަވަނީ ސީދާ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށްކަމަށް ވާތީ ކަމަށެވެ. އަދި ފުލުހުންގެ މުވައްސަސާގެ ތެރެއަށް ފައިސާގެ ނުފޫޒު ވަދެ، އެ ވުވައްސަސާ ފަސާދަވެ އަދި އެފަރާތްތަކުން ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމުގައި ބައިވެރިވެ، ދައުލަތަށް ގައްދާރުވެފައިވާއިރު، ދާޚިލީ ވަޒީރުކަމުގެ މަޤާމުގައި ހުންނެވީ ޢުމަރު ނަޞީރުކަމަށްވާތީ ޢުމަރު ނަޞީރަށް ވެސް އެކަމުގެ ޒިންމާ ނުނަންގަވައި ރެކިވަޑައިގަނެވެން ނޯންނާނެކަމުގައި އެމްޑީޕީން ދެކޭ ކަމަށް އެ ބަޔާނުގައި ވެ އެވެ.
” ދާޚިލީ ވަޒީރު ޢުމަރު ނަޞީރަކީ މިރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ކަންބޮޑުވާ ދަރަޖައަށް ގެއްލިގޮސްފައިވާއިރު، އެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވިފައި ނުވުމުގެ ސަބަބުންނާއި، އަދި ރާއްޖޭގެ އަމަން ޢާންމު ޤާއިމުކޮށް ނުދެއްވެވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާ ވަޒީރެއް، މިރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލައި ތަޙްޤީޤްކޮށް އެ މައްސަލަތަކަށް އެމަނިކުފާނުގެ ވަޒީރުކަމުގައި އެއްވެސް ޙައްލެއް ހޯދިފައިނުވުމުގެ ސަބަބުން އެމަނިކުފާނު ފޭލްވެފައިވާކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރޭ، މިގޮތުން ޙައްލު ހޯދިފައި ނުވާ، އަދި ރައްޔިތުން ކަންބޮޑުވާ ބައެއް ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި، ނޫސްވެރިޔާ ޢަހްމަދު ރިޟުވާން ވަގަށް ނެގި މައްސަލައާއި، ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ހިމެނޭ، މީގެ އިތުރުން ނޫސްވެރިޔާ އިބްރާޙީމް ވަޙީދު (އަސްވާޑް) އަށް މަރުގެ ޙަމަލާ ދިން މައްސަލައާއި، އަލްޙާން ފަހުމީއަށް ވަޅިން މަރުގެ ޙަމަލާދިން މައްސަލައާއި، ރައީސް މުޙައްމަދު ނަޝީދު ގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަޙުފޫޒު ސަޢީދަށް ވަޅިން މަރުގެ ޙަމަލާދިން މައްސަލަ ހިމެނޭ، ހަމައެފަދައިން ސިޔާސީ ފަރާތްތަކަށް ދޭ ޙަމަލާތަކާއި އެފަރާތްތަކަށް މަރުގެ އިންޒާރުދީ ފޮނުވަމުން ގެންދާ މެސެޖްތަކުގެ މައްސަލަތައް ވެސް ބެއްލެވުމުގައި ޢުމަރު ނަޞީރު ވަނީ ނުކުޅެދިފައިކަން ފާހަގަކުރަން” އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
ދާޚިލީ ވަޒީރު ޢުމަރު ނަޞީރަކީ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މީގެ ކުރިން ބޮޑެތި އިލްޒާމުތަކެއް އެޅުއްވި ބޭފުޅެއްކަން ފާހަގަކުރާ ކަމަށާއި އެގޮތުން ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައާއި ޢަބްދުﷲ ޔާމިނާ ގުޅުވާފައިވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއާއި ދައުލަތުން ވައްކަންކުރައްވާކަމުގެ ބޮޑެތި އިލްޒާމުތައް އަޅުއްވާފައިވާކަމަށާއި ނަމަވެސް އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމާ ބެހޭ ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގަތުމުން ހާމަވެގެން ދިއައީ އެ ތުހުމަތުތަކުގެ ތަޙްޤީޤެއް ހިންގެވުމުގެ ޤާބިލުކަން ވެސް އެބޭފުޅާގެ ނެތްކަމަށް ނުވަތަ ވަޒީރުކަން ލިބިވަޑައިގަތުމުން އެ މަޤާމުގެ ދަހިވެތިކަމުގައި އެބޭފުޅާގެ ނަފުސު ބަނދެވިފައިވާކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބަޔާން ކޮށްފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޢުމަރު ނަޞީރަކީ ފުލުހުންނާ ކުރިމަތިލާ ޙަމަލާދިނުމަށް ލަޓިބުރި އަތަށްލައިގެން ގުރޫޕު ހަދައިގެން މީގެ ކުރިން ނުކުމެވަޑައިގަތް ބޭފުޅެއްގެ އިތުރުން ދިފާއީ ބާރުގެ މަރުކަޒަށް ހަރުގަނޑު ޖައްސައިގެން ވަނުމަށް އުޅުއްވިކަމުގެ ކުށުގައި ޖިނާޢީ ދަޢުވާކުރެވި، އަދި ޙުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ސިޔާސީ މަގުސަދެއްގައި މިސަރުކާރުން ދަޢުވާ އަނބުރާ ގެނެވިފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ސަލާމަތީ ޚިދުމަތަށް ނިސްބަތްވާ ފަރާތެއްގެ ކިބާގައި ހުންނަންޖެހޭ އަޚްލާޤާ ބީރައްޓެހި އަދި ޖިނާޢީ ބޮޑެތި ކުށްކުރިކަން ސާބިތުވާވަރަށް މިހާރު ވެސް ހެކި ފެންނަން ހުރި ބޭފުޅެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ