ކުޅުދުއްފުށީ އެއާޕޯޓު އަޅާ ސަރަޙައްދު ސާފުކުރުމަށް ރައްޔިތުން އަތްގުޅާލައިފި

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތް، އެރަށުގެ ރައްޔިތުން ފަށައިފިއެވެ.
މި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިދިޔަ ހަފްތާއިން ފެށިގެން ގިނަ އަދަދެއްގެ ރައްޔިތުން ގުޅިގެން ކުރަމުންދާއިރު، އެ ސަރަޙައްދުގައި ހުރި ފުނަ ގަސްތަކާ ބައެއް ތަކެތި ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން އެރަށުން ޚަބަރުއެމްވީ އަށް މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، މި މަސައްކަތް ކުރިއަށްދަނީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރީން، އެތަން ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންގެ އެއްޗެއް ހުރެއްޖެނަމަ ނަގާ ނިންމުމަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުން އެމަސައްކަތް ކުރަމުންދަނީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވެފައި ތިބި ވަރުންކަމަށާއި، ނަމަވެސް އެއާޕޯޓުގެ މަޝްރޫޢުގައި ހަޤީޤީ ކުލަތަކެއް ޖެހެން ފެށުމާއެކު އިދިކޮޅު ސިޔާސީ ފިކުރުގައި ބައެއް ފަރާތްތަކުން އެކަން ނުކުރެވޭނެކަމަށް ބުނެ ވާހަކަތަކެއް ފަތުރަމުންދާކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން މިހާރު ޤަބޫލުކުރާ ވާހަކަތަކެއް ނޫންކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
1200 މީޓަރުގެ ދިގު ރަންވޭއަކާ އެކު ގާއިމްކުރާ މިއެއާޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަމަސް ތެރޭގައި ފެށުމަށް ނިންމާފައިވާއިރު، ކުޅުދުއްފުށި އެއާޕޯޓްގެ ބިންހިއްކުމުގެ މަސައްކަތަށް އެމްޓީސީސީގެ ޑްރެޖަރ، މަހާ ޖައްރާފު ދަނީ ދަތުރުކުރަމުންނެވެ. މި ޑްރެޖަރު އެ ރަށަށްދާތާ ދެ ތިން ދުވަސް ތެރޭގައި މަސައްކަތް ފެށިގެން ދާނެކަމަށް އެމްޓީސީސީން ބުނެއެވެ.
ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މަޝްރޫޢަށް 14 މިލިއަން ޑޮލަރު ހޭދަވާއިރު، އެ އެއާޕޯޓަކީ ފީޒިބަލް ތަނެއްގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުޅުދުއްފުށީ ހިމެނޭ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކޮށް އެ ސިނާޢަތް ކުޅުދުއްފުށީގައި ފުޅާކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކުޅުދުއްފުށީ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ބޮޑެތި ފްލައިޓްތައް ޖެއްސޭ ފެންވަރަށް ތަރައްގީކުރުމަށް ފަހު ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ މީގެ ތިން ހަފްތާއެއްހައި ދުވަސް ކުރިންނެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އެޅުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާއިރު، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ މި ރަންވޭގައި 200 މިލިމީޓަރުގެ ބޯމިނުގައި ފައުންޑޭޝަން އެޅުމަށްމަށް ދަނީ ތައްޔާރުވަމުންނެވެ. މި އެއަރޕޯޓަކީ މުޅި މި ސަރަޙައްދުގައިވެސް އޮތް އެންމެ ހިތްގައިމު އެއަރޕޯޓަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މިއަހަރު ތިން އެއާޕޯޓެއްގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު އޭގެތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން ހިމެނެނީ، ށ. ފަރުކޮޅުފުނަދޫ އަދި ނ. މާފަރުގައި ތަރައްގީކުރާ އެއާޕޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ