ރާއްޖެ އިން ހައްޔަރުކޮށް، އެމެރިކާއާ ހަވާލުކޮށްފައިވާ ރަޝިޔާގެ ހެކަރު ރޯމަން ސެލެޒްނެވް ހައްޔަރުކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތާއި މެދު ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ދީފައިވާ ބަޔާނާއި ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި އެހެންކަމުން ރަޝިޔާ ރައްޔިތުން ރާއްޖެ އަށް ޒިޔާރަތް ނުކުރުމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ރާއްޖެއިން ސެލެޒްނެވް ހައްޔަރުކުރުމަށް ގާނޫނީ އެއްވެސް ހަމައެއް ނެތް އިރު، ސެލެޒްނެވް ހައްޔަރުކުރުމަކީ އިންސާނީ ހައްގުތަކާއި ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް އާއި ޚިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި އާންމު ގާނޫނުތަކާއި ބައިނަލްއަގްވާމީ ހަމަތަކަށް ރާއްޖެ އިން އަމަލުކުރަން ޖެހޭ ކަމަށާއި ރާއްޖެ އިން އަމަލުކުރި ގޮތުން ސެލެޒްނެވްގެ އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
ރަޝިޔާ ރައްޔިތުން ރާއްޖޭގައި ހައްޔަރުކޮށްފައިވާނޭ ކަމުގެ ބިރު ހީވެފައިވާ ނަމަ ރާއްޖެ އަށް ނުދިޔުމަށްވެސް ރަޝިޔާގެ ފޮރިން މިނިސްޓްރީން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
އިންޓަޕޯލްގެ ރެޑްނޯޓިސްއަކާއެކު ރަޝިޔާގެ ހެކަރު މި މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކޮށް ރާއްޖެއިން ފޮނުވާލި މައްސަލައިގައި ރާއްޖެއާއި ރަޝިޔާއާއި އޮންނަ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށް ރާއްޖޭގެ ހޯމް މިނިސްޓްރީ އިން ބުނެފައިވެ އެވެ. އުމުރުން 30 އަހަރުގެ ރޯމަން ވެލެރެވިކް ސެލެޒްނޯވް ރާއްޖޭން ހައްޔަރު ކުރީ ކޮމްޕިއުޓަރު ތަކެއް ހެކްކޮށްގެން ކްރެޑިޓް ކާޑު ނަމްބަރުތައް ވަގަށް ނެގި ކަމުގެ ތުހުމަތުގަ އެވެ.
ރާއްޖެއިން އޭނާ ހައްޔަރު ކުރީ އޭނާ ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާތީ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް ރަޝިޔާއިން އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ރަޝިޔާ ރައްޔިތުން ރާއްޖެއަށް ދަތުރުނުކުރަން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ