މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާ: ރައީސް ޔާމީން

ގައުމުގެ މިނިވަންކަމަށް ބުރޫއަރާގެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ވަކީލުންނާއި މިއަދު ބައްދަލުކުރައްވައި، ވަކީލުން މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގަ އެވެ.
އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ އެއްވެސް މީހަކު އަދި ވަކިން ހާއްސަކޮށް އެއްވެސް ލީޑަރެއް މި ސަރުކާރުގައި ނެތް ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުންވެސް ސާބިތުވެ ތިބުމަށް ކަމަށާއި އަދި ގައުމީ ވަންތަކަމާއި މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދިނުމަށެވެ.
ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިމައްސަލައި އިސްތިއުނާފަށް ހުށަހަޅައި އަޑު އެހުންތައް ނިމިފައިވާއިރު، މިހާރު ކުރިއަށް ދާއިރު އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް އުފުލައިފަ އެވެ. އެއީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ.
އެ ދެ ދައުވާ އުފުލާފައިވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ