ސްކޫލް ނިންމާ ކުދިން މަސްވެރިކަމާ ދަނޑުވެރިކަމަށް ޝައުގެއް ނެތް

ގްރޭޑް 10 ނިންމާ ދަރިވަރުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން އެއްވެސް ވަރަކަށް ޝައުގުވެރިކަން ނުހުންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފި އެވެ. ސްކޫލް ނިންމާ ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓްރީން ކުރިއަށް ގެންދިޔަ ސާވޭއިން ދައްކާގޮތުން އެންމެ ގިނަ ކުދިން ޝައުގުވެރިވަނީ ޓްރެވަލް، ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ދާއިރާއަށެވެ. ދެވަނައަށް އެންމެ ގިނަ ކުދިން ޝައުގުވެރިވަނީ ސިއްހީ ދާއިރާއަށެވެ. އެއަށްފަހު އެންޖިނިއަރިން އަށެވެ. އެކައުންޓިން، ބޭންކިން، ފައިނޭންސް އަދި ވިޔަފާރި އާއި މާކެޓިން އަށް ވެސް ގިނަ އަދަދެއްގެ ކުދިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ސާވޭގައި ބައިވެރިވި އެއްވެސް ކުއްޖަކު މަސްވެރިކަމާއި ދަނޑުވެރިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. އެންމެ މަދު ކުދިން ޝައުގުވެރިކަން ފާޅުކުރި ދާއިރާތަކުގެ ތެރޭގައި ސޯޝަލް ވޯކް، ހިއުމަން ރިސޯސް އަދި ކަސްޓަމާ ސާވިސް ފާހަގަކޮށްލެވެ އެވެ. ސާވޭގައި ބައިވެރިވި 56 ޕަސެންޓް ކުދިން ކުރިއަށް ދާނެ ދާއިރާއެއް ހިޔާރުކުރަނީ އެކަމަކަށް ހުންނަ ޝައުގުވެރިކަމަށް ބަލައިފައެވެ. ނަމަވެސް 14 ޕަސެންޓް ކުދިން ކުރިއަށް ދާނެ ދާއިރާ ހިޔާރުކުރަނީ އެ ދާއިރާއަކުން ލިބެންހުރި ވަޒީފާގެ ފުރުސަތުތަަށް ބަލައިގެންނެވެ. ސާވޭގެ 10 ޕަސެންޓު ކުދިން ލިބެންހުރި މަތީ ތައުލީމާ ތަމްރީނުގެ ފުރުސަތުތަކަށް ބަލައިގެން ކުރިއަށް ދާނެ ދާއިރާ ހިޔާރުކުރާއިރު އަށް ޕަސެންޓު ކުދިން ބަލާފައި ވަނީ ލިބޭނެ މާލީ އެހީތެރިކަމަށެވެ. ސާވޭގެ ހަތަރު ޕަސެންޓު ކުދިން ކުރިއަށް ދާނެ ދާއިރާ ކަނޑައަޅާފައި ވަނީ އާއިލާ އާއި އެކުވެރިންގެ ނުފޫޒުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ