ކޮވިޑްބަލިން ފަސޭހަވެ، ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައީސް އަލްއުސްތަޛް މައުމޫން އަބްދުލް ގައްޔޫމް ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފއިވަނީ، ކޮވިޑްބަލިން ޝިފާލިބިގެން ހެޔޮހާލުކޮޅުގައި މިއަދު ގެއަށް ވަޑައިގެންފި ކަމަށެވެ. އަދި އެކިއެކި ބަލިބަލި ތަހައްމަލް ކުރަމުންދާ ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަށް އެދިވަޑައިގެން ރައީސް މައުމޫން ދުޢާ ކުރައްވާފައި ވެއެވެ.
ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަން ހާމަކުރެއްވީ، މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހު އެކަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވި ރައީސް މައުމޫނާކީ، ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި އެންމެ އިސް ލީޑަރެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރުމާ ގުޅިގެން ރާއްޖޭގެ އެތައްބަޔަކު ސޯޝަލް މީޑިއާގެ ވަސީލަތްތަކުންނާއި، އެނޫންވެސް ގޮތްގޮތުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުޢާކޮށް، ހެޔޮއެދުމުގެ ޝުއޫރުތައް ފާޅުކުރިއެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި، ސަރުކާރުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި، އެނޫންވެސް ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މައުމޫނަށް ހެޔޮ ދުޢާކޮށް މެސެޖްތައް ފޮނުއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ