ސަރުކާރާ ހިޔާލު ތަފާތުވެގެން ވަކިކުރި ދެ ކޮމެޓީއަށް އަޒާން އަލުން އައްޔަން ކޮށްފި
ސަރުކާރާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް, ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ, މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރެއްވިތާ ފަސް މަސް ފަހުން، އަލުން އެ ދެ ކޮމިޓީއަށް އައްޔަނުކުރައްވައިފިއެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން އިއުލާނުކުރައްވައިފައެވެ. އެގޮތުން ޕީއެންސީގެ ފަރާތުން 241 ކޮމިޓީގައި އިންނެވި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައާއި، އަދި މާލިއްޔަތު ކޮމެޓީގައި ޕީއެންސީގެ ފަރާތުން އިންނެވި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންގެ ބަދަލުގައި އެ ދެ ކޮމެޓީއަށް އަޒާން އައްޔަންކުރައްވާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އޭރު އަޒާން އެ ދެ ކޮމިޓީން ވަކިކުރެއްވީ، މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނުއަސާސީއާ ފުށުއަރާތޯ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ. އެއާއެކު ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ހުށަހަޅާފައެވެ. އެ ބިލު ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ނަމަވެސް އަޒާން ވަނީ އެ ބިލަށް ވޯޓުދޭން ދެކޮޅު ހައްދަވައިފައެވެ. އެހެންވެ، އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން ކުރިން އޮތީ ބުނެފައެވެ. ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގަންނަން ވޯޓަށް އެހި ދުވަހު ޕީއެންސީގެ ދެ މެންބަރަކު ވޯޓުނުދެއްވާ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވިއެވެ. އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެއީ އެއްވެސް މެންބަރަކު އެއްވެސް ފަހަރަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. https://sun.mv/203259 އެކަމަކު، ޖެހިގެން އައި މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރަން އަތްހިތްލައިގެން ވޯޓަށް އަހަނިކޮށް މެންބަރު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނުކުންނަވާފައެވެ. ކޮމިޓީތަކުން ވަކިކުރުމާއެކު އޭރު އަޒާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރީ ސަރުކާރު ކުންފުނިތަކުގެ ޚިޔާނާތްތައް ބަލާތީ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހުރިހާ ކުންފުންޏެއްގެ ޕްރޮކިއުމަންޓް ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން، އެންމެ ފަހުން ދިރާސާކުރަން ފެށީ ވެމްކޯ ކަމަށާއި އެ ކުންފުނިން ވެސް މިދިޔަ އަހަރު ތަކެތި ކުއްޔަށް ނަގަން އެކަނި 65 މިލިއަން ރުފިޔާ ޚަރަދުކުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮމިޓީއަށް ގެނައި ބަދަލުތަކަކީ ވެސް އެ ކަހަލަ ބައެއްގެ ޕްރެޝަރަށް އެޅި ފިޔަވަޅެއް ކަމުގައި ބެލެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ