މިއީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ ވަގުތު - މެލޭޝިޔާގެ ޓްރާންސްޕޯޓު މިނިސްޓަރު

މިމަހުގެ އަށް ވަނަ ދުވަހު މެލޭޝިޔާގެ ކުއަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގ އަށް 239 ފަސެންޖަރުންނާއިއެކު ދަތުރުކުރަނިކޮށް އެމްއެޗް ފްލައިޓް 370 ގެއްލުނު ހާދިސާއަށް ތިން ހަފްތާ ވާން ކައިރިވެފައިވާއިރު ކަޑައްތު ކުރަމުން މިދަނީ ހަޔާތުގެ އެންމެ އުނދަގޫ ވަގުތު ކަމަށް މެލޭޝިޔާގެ ވަގުތީ ޓްރާންސްޕޯޓު މިނިސްޓަރު ހިޝާމުއްދީން ހުސެއިން ވިދާޅުވެއްޖެ އެވެ.
ބޯޓުން ދަތުރުކުރި ބައެއް ފަސެންޖަރުންގެ އާއިލާތަކާއި ބައްދަލުކުރުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހިޝާމުއްދީން ވިދާޅުވީ އެއާކްރާފްތަކަށް އިންޑިއާ ކަނޑުން ފެންނަން ފެށި އެއްޗެހި އަލުން ރީލޮކޭޓް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެގޮތުން ކަނޑުމަތީގެ ބޯޓުތަކުން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވެ ފެންނަ ތަކެތި ނަގަމުންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ފެންނަމުންދާ އެއްޗެއްސާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ބުނަން ނޭންގޭ ކަމަށާއި ނަމަވެސް މާ ލަސްތަކެއް ނުވެ އޭގެ ހަގީގަތް ވެސް އެނގިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި ގައުމު ވެސް އޮތީ މިހާރު ފެންނަމުންދާ އެއްޗެއްސަކީ ކޮން އެއްޗެއްކަން ހާމަކުރާނެ ވަގުތަކަށް ކެތް މަދުވެފައެވެ.
. "ބޯޓުގައި ތިބި މީހުންނާއި ގުޅުން ހުރި މީހުން ބުނާ އެއްޗަކީ ގެއްލުނު ބޯޓު ހޯދުމުގައި ސަރުކާރުން ވެސް ދެމި ތިބޭށޭ، އަހަރެން ބުނެފައިވަނީ ހަމައެކަނި މި ސަރުކާރުން އެކަންޏެއް ނޫނޭ، އެހެނިހެން ގައުމުތަކުން ވެސް އެކަމުގައި ދެމި ތިބޭނެއޭ." ހިޝާމުއްދީން ވިދާޅުވި އެވެ.
"އަހަރެން މިކަމުގައި ހުރިހާ ޒިންމާއެއް ނަގައިގެން ހުރިއިރު، މިވަގުތަކީ އަހަރެންގެ ހަޔާތުގައި ވެސް އެންމެ އުނދަގޫ ވަގުތު." ވަގުތީ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަޖައިބުވަނިވި ކަންތައްތައް އާދަޔާ ހިލާފު ކަންތައްތަކުގެ ގޮތުގައި ހިނގަމުންދާ ކަމަށެވެ.
" "އަޖައިބުވަނިވި ކަންތައްތައް ހިނގާ އާދަޔާ ހިލާފު ކަންތައްތަކުގެ ގޮތުގައި، އަދި އެއީ ބޯޓުގައި ތިބި ފަސެންޖަރުންގެ އާއިލާތަކުން މެލޭޝިޔާގެ ސަރުކާރަށާއި މުޅި ދުނިޔެއަށް ވެސް އަޅުގަނޑު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖްއަކީ." ހިޝާމުއްދީން ވިދާޅުވި އެވެ.
ހިޝާމުއްދީން ވިދާޅުވީ ކަނޑުމަތިން ފެންނަމުންދާ އެއްޗެހިތަކާއި ބެހޭ އާ މައުލޫމާާތެއް ނެތް ކަމަށާއި އެސަރަހައްދުން މަސްވެރިކަމަށް ބޭނުންކުރާ ސާމާނުތައް ވެސް ފެންނަމުންދާ ކަމަށެވެ. އަދި ކަނޑުމަތިން ފެންނަނީ ކޮން އެއްޗެހިތަކެއް ކަން ބުނަން އެނގޭނީ މިހާރު އެސަރަހައްދުގައި އުޅޭ ބޯޓު ފަހަރަށް ނެގިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގެއްލުނު ބޯޓު ހޯދުމަށް އިއްޔެ ކުރި މަސައްކަތުގައި ޖުމްލަ 5 އެއާކްރާފްޓަކަށް ވަނީ އެމްއެޗް 370 ގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައެވެ. ބައިތައް ފެނިފައިވަނީ ކުރިން ބެލި ސަރަހައްދަށް ވުރެ 1،100 ކިލޯމީޓަރު އިރު އުތުރުގައިވާ ސަރަހައްދަކުންނެވެ. ކުރިން ބަލަމުން ދިޔައީ އޮސްޓްރޭލިޔާގެ ޕާތުގެ ހުޅަނގު ދެކުނުން 2،500 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
އެގޮތުން ޗައިނާގެ އެއާކްރާފްޓަކަށް ވަނީ މިއަދު ހުދު ކުލަ އާއި އޮރެންޖް އަދި ރަތް ކުލައިގެ އެއްޗެހިތަކެއް ފެނިފައެވެ. އަދި ޗައިނާގެ ކަނޑު މަތީ ބޯޓެއް މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު އެ ބޯޓުން މަސައްކަތް ކުރަމުންދަނީ ގެއްލުނު ބޯޓުގެ ބައިތައް ފެނޭތޯ އެވެ. އަދި ލައިފް ޖެކެޓާއި ތެޔޮ ފަދަ އެއްޗެހި ފެނޭތޯ ދަނީ މަސައްކަތްކުރަމުންނެވެ.
މެލޭޝިޔާ ފްލައިޓް ފެނޭތޯ ބަލަމުން ދިޔަ ސަރަހައްދު އޮސްޓްރޭލިޔާއާ ކައިރި އަށް ބަދަލުކޮށްފައިވަނީ ފްލައިޓާ ގުޅުން ކެނޑުމުގެ ކުރިން އެންމެ ފަހުން ލިބެން ހުރި ރާޑަރުގެ މައުލޫމާތުތައް އިތުރަށް ތަހުލީލުކުރުމަށް ފަހު އާއި ސެޓަލައިޓު ފޮޓޯތަކުގެ މައްޗަށް ބެލުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ