އަބްދުﷲ ގާޒީ ޝަރީއަތަށް ހާޒިރުކުރުމަށް ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތައް އަބްދުﷲ ގާޒީގެ ހެކިބަސް ނަގަން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިރޭގެ އަޑުއެހުމުގައި ފަނޑިޔާރުން ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ރޭވެސް އޮންނާނެ ކަމަށާއި އެ އަޑުއެހުމަށް އަބްދުﷲ ގާޒީ ހާޒިރުކުރާނެ ކަމަށެވެ. ދައުލަތުން ހުށަހަޅާ ހެކިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ގާޒީ ޝަރީއަތަށް ހާޒިރު ނުކުރިޔަސް މައްސަލައެއް ނެތް ކަމަށް ދައުލަތުން މީގެ ކުރީގެ އަޑުއެހުމެއްގައި ބުނި ނަމަވެސް އޭނާ ހާޒިރުކުރަން ޝަރީއަތުން ބޭނުންވާ ކަމަށާއި އެހެންވެ އެކަން ކުރާނެ ކަމުަގއި ފަނޑިޔާރުން މިރޭ ވިދާޅުވި އެވެ.
މިރޭގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކި ޝަރީއަތަށް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެެވެ. އެގޮތަށް ނިންމާ އެކަން އިއުލާނުކުރައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ނަޝީދުގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާ ހެކިންގެ ސަބަބުން ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ދައުލަތުން ވަނީ މިރޭގެ އަޑުއެހުމުގައި ދައުވާ ސާބިތުކުރުމަށް ނަޝީދާ ދެކޮޅަށް އޯޑިއޯ އާއި ވީޑިއޯ ހެކި ވެސް ހުށަހަޅާފަ އެވެ. މިރޭގެ ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އުސްފަސްގަނޑުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއަކާއި ސުޕްރީމް ކޯޓުގެ އަމުރުތަކަކާއި އެމްއެންޑީއެފްގެ ސިޓީތަކެއް ހިމެނެ އެވެ.
އެގޮތުން ޖުމްލަ 10 ހެއްކެއް ވަނީ މިރޭގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ކޮންމެ ހެއްކަކަށް ޖަވާބުދާރީ ވުމަށް ނަޝީދަށް ފުރުސަތު ދެއްވުމުން އެ މަނިކުފާނު ވިދާޅުވަމުން ގެންދެވީ ބޭނުންފުޅު ވަނީ ވަކީލުންގެ އެހީތެރިކަން ކަމަށެވެ. އަދި މިއީ ރާއްޖެ އިސްލާމުވި ފަހުން ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ބޭއިންސާފު ޝަރީއަތުގެ މަޖިލިސް ކަމަށާއި، މިއީ ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށް ވެސް ނަޝީދު ވަނީ މިރޭގެ އަޑުއެހުމުގައި ވިދާޅުވެފަ އެވެެ.
މިޝަރީއަތަކީ ބޭއިންސާފު ޝަރީއަތެއް ކަމަށާއި، ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ތިން ފަނޑިޔާރުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްދޭން ދިވެހި ރައްޔިތުންގެ ކިބައިން ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. ވަކީލުންނާއި ނުލައި ޝަރީއަތް ކުރިއަށް ގެންދާނަމަ ބޭނުން ވަނީ ހުކުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑު އެހުމުގައި ޖަވާބުދާރީވުމަށް ލިބުނު ކޮންމެ ފުރުސަތެއްގައި ރައީސް ނަޝީދު ތަކުރާރުކޮށް ވަކީލެއް ބޭނުންވާކަން ހާމަކުރެއްވުމުން ދައުލަތުގެ ވަކީލުން ވަނީ ނަޝީދަށް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށް އިއުތިރާޒު ނުކުރާކަމަށް ބުނެފަ އެވެ.
ފަނޑިޔާރުން ވިދާޅުވީ އެފުރުސަތު ދެވިފައިވާ ކަމަށާއި އަދިވެސް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ އެފުރުސަތު އެބައޮތް ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ފަނޑިޔާރުން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ގާނޫނީ ޓީމު މައްސަލަ ދޫކޮށްލުމާއި ގުޅިގެން މިރޭގެ އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ތަނާޒުލުވުމަކީ ވަކީލުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް ނަޝީދަށް އަދިވެސް ވަކީލެއް ހޯއްދެވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ