ފަލަސްތީން ޗެމްޕިއަންކަން ހޯދާ އޭޝިއަން ކަޕަށް ކޮލިފައިވެއްޖެ

އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދާ އަންނަ އަހަރު އޮންނަ އޭޝިއަން ކަޕަށް ފަލަސްތީން ކޮލިފައިވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއިއެކު ކުޅުނު ފައިނަލް މެޗު ފަލަސްތީނުން ކާމިޔާބުކުރީ ފިލިޕީންސް އާއިއެކު ކުޅެ 1 - 0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ތިރީސް މިނެޓުގެ ތެރޭގައި ފަލަސްތީން ޓީމުން ފިލިޕީންސް ގޯލަށް ނުރައްކާކޮށްފައިވެ އެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިލިޕީންސްއިން ވެސް ލަނޑު ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.
ފުރަތަމަ ހާފެކޭ ވެސް އެއްގޮތަށް ދެވަނަ ހާފުގައި ވެސް ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ފަލަސްތީނެވެ. އެގޮތުން ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ފަލަސްތީން ކުޅުންތެރިއަކު ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
ފަލަސްތީން މޮޅު ކޮށްދިން ލަނޑު ޖަހާފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައި އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ އަޝްރަފް އަލްފަވަގްރާ އެވެ. ފިލިޕީންސް ހާފުގެ ތެރެއިން އަޝްރަފަށް ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީ ކައިރިން ލިބުނު ހިލޭ ޖެހުން ގޯލްގެ ކަނަށް ވަރަށް ރީއްޗަށް އަޝްރަފް ވައްދާލީ ފިލިޕީންސް ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
މި ލަނޑު ފަލަސްތީނުން ޖެހުމާއިއެކު ފިލިޕީންސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. އަދި ލަނޑު ޖެހޭތޯ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް ފަލަސްތީން ކީޕަރަށް ނުރައްކާވާވަރުގެ ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ.
މިއީ ފަލަސްތީން އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ އެންމެ ދުރަށް ވެސް ފަލަސްތީން ގޮސްފައިވަނީ 2012 ވަނަ އަހަރު އެވެ. އެ އަހަރު ތިން ވަނަ ހޮވާ މެޗުގައި ފިލިޕީންސް އަތުން ވަނީ ފަލަސްތީން ބަލިވެފައެވެ.
އަދި މިއީ ފަލަސްތީން އޭޝިއަން ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އަފްޣާނިސްތާނެވެ. އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ ފަލަސްތީނުގެ ފޯވާޑް އަޝްރަފް އަލްފަވަގްރާ އެވެ. އޭނާ މި މުބާރާތުގައި ހަތަރު ލަނޑު ޖަހާފައިވެ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަފްޣާނިސްތާނުގެ މިޑްފީލްޑަރު މުރާދް ސައީދު އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަލަސްތީނަށް ރަން މެޑަލާއި ތަށި ހަވާލުކޮށްދެއްވީ އޭއެފްސީގެ ނައިބު ރައީސް ގަނޭސް ތާޕާ އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފަލަސްތީނުގެ ކެޕްޓަން އަދި ގޯލްކީޕަރު ރަމްޒީ ސަލާހް ބުނީ މުބާރާތް ކާމިޔާބުކޮށް އޭޝިއަން ކަޕުން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށާއި އޭޝިއަން ކަޕްގެ ޖާގައެއް ފަލަސްތީނަށް ލިބުމާއި ގުޅިގެން ފަލަސްތީން މުޅި ދުނިޔެއަށް އެނގިގެންދާނެ ކަމަށެވެ.
އަދި ދިވެހި ސަޕޯޓަރުންނާއި ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ވެސް ކީޕަރު ބުންޏެވެ. ފަލަސްތީން މި މުބާރާތް ނިންމާލިއިރު ބައިކޮޅަށް އެންމެ ލަނޑެއް ވެސް ނުވަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ