ކަރަންޓް ބިލް ބޮޑުވެގެން މަކުނުދޫ ފިހާރަތައްވެސް ބަންދުކޮށްފި

ވިޔަފާރިތަކަށް ސަރުކާރުން ދެމުން އައި ކަރަންޓް ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ހދ. މަކުނުދޫ ކައުންސިލްގެ ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން އެ ރަށު ފިހާރަތައް މިއަދު ބަންދުކޮށްފި އެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ވިޔަފާރިތަކަށް ސަރުކާރުން ދެމުންއައި ކަރަންޓް ސަބްސިޑީ ކަނޑާލުމުގެ ސަބަބުން ފިހާރަތަކުގެ މިދިޔަ މަހުގެ ބިލް ބޮޑުވެފައިވާ ކަމަށެވެ.
މަކުނުދޫގައި 12 ނޫނީ 14 ފިހާރަ ހުންނައިރު ހުރިހާ ފިހާރައެއްވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ ފިހާރަތައް ބަންދުކުރުމަށްފަހު ވިޔަފާރިވެރިން ކައުންސިލާއި ބައްދަލުކޮށްފައިވާ ކަމަށާއި އެމީހުން އެދެމުންދަނީ އެކަމުގައި ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ކަންތައްތަކަކީ ކައުންސިލަށް ކޮށްދެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެހެންކަމުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށްޓަކައި މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
"ރާއްޖެ ތެރޭގެ ފިހާރަ ތަކަކީ އެހާ ބޮޑު އާމްދަނީ އެއް ލިބޭ ތަންތަން ނޫން.ލިބޭ އާމްދަނީއަށްވުރެ ކަރަންޓް ބިލް ބޮޑުވުމުން ވިޔާފރޮތަކަށް ގެއްލުންވާ ކަމަށް ވިޔަފާރިވެރިން ބުނަނީ. އެމީހުން ބުނަނީ ކަރަންޓް ބިލް ބޮޑުވާނަމަ ތަކެތީގެ އަގުބޮޑުކޮށްގެން ނޫނީ ދެކޮޅު ނުޖެހޭނެ ކަމަށް. އަދި އެކަން ކުރަން ބޭނުންނުވާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް މިއަދު ފިހާރަތައް ބަންދުކުރީ،" ކައުންސިލަރު ވިދާޅުވި އެވެ.
ވިޔަފާރިވެރިން ޑިމާންޑް ކުރަމުންދަނީ މިއަދު 3:00 ޖެހުމުގެ ކުރިން އެ މައްސަލާގައި ހައްލެއް ހޯދައިދިނުމަށް ކަމަށާއި އެހެންކަމުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްގެން އެކަމަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ފިހާރަތަކުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އެރަށު ފިހާރަތައްވެސް ވަނީ އިއްޔެ ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ