އުމަރު ވެސް ޒާތީ ގޮތުން ހަމަލާތައް ރައްދުނުކުރެއްވުމަށް ޔާމީން ގޮވާލައްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރާއި އުމަރު ނަސީރު ޓީމުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުން ޒާތީ ގޮތުން ހަމަލާނުދެއްވުމަށް ޕްރައިމަރީގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ޓީވީއެމްއިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރަށް އިޝާރާތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ ޒާތީ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޕާޓީއަށްކޮށްދެވޭނެ ކަންތަކާއި ޕާޓީ ވަރުގަދަކުރާނެ ގޮތް ކިޔާދޭން ޖެހޭ ކަމަށާއި މި ޕްރައިމަރީ އަކީ ދެމީހުންގެ ދޭތެރޭގައި އޮތް ޒާތީ މައްސަލަތަކެއް ފާހަގަކުރުން ނޫން ކަމަށެވެ.
"އަޅުގަނޑު އުމަރު ނަސީރަށް ވެސް މި ދަންނަވަނީ، އަޅުގަނޑާ ދޭތެރޭ ޒާތީ ގޮތުން ހަމަލާދޭ އެހެން ބޭފުޅުންނަށް ވެސް މި ދަންނަވަނީ ތިކަން ނުކުރައްވާށޭ، އެނބުރި ކައިރި ނުވެވޭވަރަށް. ޕާޓީ ދޫކުރައްވައި ވަޑައިގަންނަވަން ޖެހޭ ވަރަށް، ނޫނިއްޔާ އަޅުގަނޑުމެންނާ ގުޅުން ނޯންނަ މިންވަރަށް ތިކަން ނުކުރައްވާށޭ، " ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި އުޅޭއިރު ވާދަވެރިކަން ހިނގާނެ ކަމަށާއި އަދި އުސޫލުތަކާއި އެއްގޮތަށް ވާދަކުރުމަކީ ވެސް ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީތެރޭގައި ވާދަކުރެވެމުންދަނީ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމަށާއި ކޮންގްރެސްގައި ފާސްކޮށްފައި އޮތް ކެންޑިޑޭޓުން އަމަލުކުރާނެ އުސޫލުގައި ވެސް އަނެއް ކެންޑިޑޭޓުންގެ ޒާތާއި ބެހިގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ތަންފީޒުކުރަން ޖެހޭ ގަވައިދެއް މިއީ، ހަމައެއާއިއެކީގައި ދެވަނަ ކަމަކަށް ޕާޓީ ތެރެ ބައިބައި ކުރުމަށް އަދި ޕާޓީގެ ތެރޭގައި ފިތުނަ އުފައްދާކަށް އެއްވެސް ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓަކު ވާހަކަދައްކައިގެން ނުވާނެ، އެހެންވީމަ މިކަހަލަ ކަންތައްތަކަކީ މުޅި ޕާޓީގެ ތެރެއިން ބަލަން ޖެހޭ ކަންތައްތައް." ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީ ތެރޭގައި އޭނާއަށް އަމާޒުވާ ކަންތައްތައް ކޮމިޓީތަކަށް ހުށަހަޅަން ބޭނުންނުވާ ކަމަށާއި ނަމަވެސް އެކަން ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޓީން ކުރަންޖެހޭނެ ކަމަށެވެ. އަދި ގަވައިދުތައް ޕާޓީގެ އާންމު މެންބަރުން ފާސްކޮށްފައި ވަނީ ޕާޓީ ބައިބައިވިޔަ ނުދިނުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފިނަމަ އުމަރު ފަހަތުގައި ހުންނަވާނަންތޯ ސުވާލުކުރެއްވުމުން ޔާމީން ވިދާޅުވީ "ޕާޓީގެ ތެރޭގެ މަސައްކަތުގެ ތެރޭގައި ހުންނާނެ" ކަމަށާއި އޭނާއަކީ މިހާރު ނިކުމެވަޑައިގަންނަވާ ހުރިހާ ސިޔާސީ ދެކޮޅު ހެއްދެވިއިރުގައިވެސް ޕާޓީ ހަދަން އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ބޭފުޅާ ކަމަށެވެ.
ޔާމީން ވިދާޅުވީ ރައީސް މައުމޫނާއިއެކު ޕާޓީ ހަދަން ބޭއްވި 8 ޖަލްސާގައި އިސްކޮށް ހުންނަވައިގެން ޕާޓީއެއް ހަދަން ވަކާލާތުކުރެއްވީ އޭނާ ކަމަށާއި ނަމަވެސް އުމަރު ނަސީރު ޕާޓީ ހަދަން ދެކޮޅު ހެއްދެވި ކަމަށެވެ.
"ކޮންމެ ޖަލްސާއެއްގައި ވިދާޅުވީ ތިމަންނައަކަށް ނުފެނެއޭ ޕާޓީ ހަދާކަށް، ޕާޓީ ހަދައިފިއްޔާ ޕާޓީއަށް މެންބަރުން އިތުރުކުރަން ރާއްޖޭގެ އެތައްމިތަނަށް ދަތުރުކުރަންޖެހޭނެ އޭ، އެކަން ކުރާނެ މީހުންނެއް ނެތޭ، އަދި އެކަން ކުރާނެ ފައިސާއެއް ނެތޭ، އެކަން ކުރާނެ މީހުންނަކީ ވެސް އަޅުގަނޑުމެން އެކަންކުރީ ވެސް ހުދު އަޅުގަނޑާއިއެކު ނިކުތް މީހުން، އަދި އެ ފައިސާ ހޯދީވެސް އަޅުގަނޑުމެން." ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ އެކި މަގާމްތަކުގައި މަސައްކަތްކުރެއްވިއިރު ޔާމީނަށް ލީޑަޝިޕެއް ދެއްކިފައި ނުވާ ކަމަށް އުމަރު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވާ ޔާމީން ވިދާޅުވީ "އެއީ އުމަރަށް ހީފުޅުވާ ގޮތް" ކަމަށެވެ. އުމަރުގެ ވާހަކަތައް ދޮގުކުރައްވާ ޔާމީން ވިދާޅުވީ ސްޓެލްކޯ އާއި އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ކުރިއަރާފައިވާ މިންވަރު ބެލުމުން އޭނާގެ ލީޑަޝިޕް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބާޒާރުމަތީގެ ފިހާރަތަކަށް ބަލާލިއަސް ސަރުކާރުގައި އޭނާ ކުރެއްވި މަސައްކަތް ފެންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ހަވާލުވިއިރު ސްޓެލްކޯ އޮތީ ކޮންތާކުތޯ، މާލޭގައި އަބަދު ކަރަންޓު ކެނޑޭ، މިއަދު މާލޭގައި ކަރަންޓު އެފެންވަރަށް ތަރައްގީކޮށްފައި އެހުރީ ކާކުތޯ؟، އައިލެންޑް އޭވިއޭޝަންއަކީ އޭރު 30 އަހަރުގެ ހިދުމަތުގެ ތެރޭގައި ވެސް އައިލެންޑް އޭވިއޭޝަނަކީ އުދުހޭ މަތިންދާ ބޯޓު ކުންފުންޏެއް ނޫން ދެއްތޯ؟، އައިލޭންޑް އޭވިއޭޝަނުން މިއަދު ރާއްޖޭގެ އެތަން މިތަނަށް އައިލޭންޑް އޭވިއޭޝަންގެ ހިދުމަތް ނުހުއްޓި މިދަނީ ކާކުގެ ޗެއާމަން ކަމުގެ ދަށުގައިތޯ؟،" ޔާމީން ސުވާލުކުރެއްވި އެވެ.
"އެސްޓީއޯއަކީ އޭރު ރާއްޖެއަށް ބޭނުންވާ ކާޑުވެސް ގެންނަން ވަރަށް އުޒުރުވެރިވޭ، އެސްޓީއޯ ވެސް އޮތީ ވަރަށް އާދައިގައި، އަޅުގަނޑު އެސްޓީއޯ އާއި ހަވާލުވިއިރު އެސްޓީއޯއަށް ލިބޭ ފައިދާއަކީ ގާތް ގަނޑަކަށް 14 މިލިއަން ރުފިޔާ، އަޅުގަނޑުމެން ވަކިވިއިރު އެސްޓީއޯގެ އެ އަހަރުގެ ސާފު ފައިދާއަކީ 154 މިލިއަން ރުފިޔާ، ތަފާތު އެކި ސިނާއަތްތައް އެހުރީ އުފައްދާފައި، އޭގެ ތެރޭގައި ސިމެންތި ބަންދުކުރުން ގޭސް ބަންދުކުރުން، މިކަހަލަ އެތައް ކަމެއް އެހުރީ އުފައްދާފައި، ދެން އޮތީ ހަމަ އަޅުގަނޑު ވުޒާރާ، އަޅުގަނޑު ބެލެހެއްޓި ވުޒާރާގެ ތަރައްގީ އެނގޭތޯ ބާޒާރުމަތީ ފިހާރަތައް މިޒަމާނުގެ ފެންވަރަށް ބަދަލުވެގެންދިޔައީ" ޔާމީން އިތުރަށް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީއާ ވާދަކުރާއިރު ޕީޕީއެމާއެކު ކޯލިޝަން ނަހަދާ އެއްވެސް ބަޔަކަށް ކާމިޔާބު ނުވާނެ ކަމަށް ޔާމީން މިރޭ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޕީޕީއެމާއެކު ކޯލިޝަން ހަދައިފިނަމަ ފުރަތަމަ ބުރުން އެމްޑީޕީ ބަލިކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ