ސަރުކާރު ދަމަހައްޓަން ހަދާ ގޯހުގެ ގެއްލުން މެންބަރުންނަށް ވެސް ކުރާނެ؛ އަބަދުވެސް ގެއްލުންވި: ގަފޫރު

އޭރެއްގެ ސަރުކާރު ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޯސް ހެދުމުން އެ މެންބަރުންނަށް މީގެ ކުރިން ގެއްލުން ވެސް ދެއްކި ކަމަށާއި އެކަން ތަކުރާރުނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުއްގަފޫރު މޫސާ މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ބެންޗު ކުޑަކުރަން ހުށައެޅި ބިލަށް މަޖިލީހަށް މިއަދު ވަނީ ބަހުސް ފަށައިފަ އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލުގެ ބަހުސްގައި ޕީއެންސީގެ މެންބަރުން ގެންދެވީ ބިލަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅު ހައްދަވާފައި ވަނިކޮށް ޕީއެންސީގެ ލީޑާޝިޕުން ރޭ ވަނީ މެންބަރުން ބިލަށް ތާއީދުކުރަން އަންގައިފަ އެވެ.
ބުނީ ކީކޭ؟ - ބިލުގެ ބަހުސްގައި، މެންބަރު ގަފޫރު ވިދާޅުވީ ސަރުކާރު ދަހައްޓަން ކޮންމެ ފަހަރަކު ވެސް އެ ސަރުކާރު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. ނަމަވެސް ގައުމަށް ގެއްލުންވާނެ ފަދަ ނިންމުންތައް ސަރުކާރު ދަމަހައްޓަންވެގެން ކުރުމުން މެންބަރުންނަށް ވެސް ވާ މޮޅެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މެންބަރަކު ވެސް މަސައްކަތް ވެސް ކޮށްފިން، ސަރުކާރުތައް ދަމަހައްޓަން. އެކަމަކު ސަރުކާރު ދަމަހައްޓަން ކުރާ [ގޯސް] މަސައްކަތުން ހެޔޮ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ވެސް ވަކިނުވޭ. ތިޔަ ބޭފުޅުންނަށް ނުވާ ގެއްލުމެއް އަޅުގަނޑުމެންނަކަށް ނުވާނެ، އަޅުގަނޑުމެންނަށް ވާ ގެއްލުމެއް ތިޔަ ބޭފުޅުންނަށް ވެސް ވާނެ،" ގަފޫރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު އޮތް ކަމަށް ގަފޫރު ވިދާޅުވިި އެވެ. މިހާރު އޮތް ސުޕްރީމް ކޯޓުން މިހާތަނަށް ނިންމި ނިންމުންތަކަށް ބެލުމުން ވެސް ނުފޫޒަށް ނުޖެހި، އިންސާފުން ހުކުމްކުރި ކަން ފެންނަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް މި ގޮތަށް 'ކުޅުމުން' އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ތަކުރާރުކޮށް ގަފޫރު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން ގޯހެއް ހަދާފައި ނެތްހާ ހިނދެއްގައި ސުޕްރީމް ކޯޓަށް މި މަޖިލީހުގެ ސިޔާސީ އަތްބާނައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށް މިއަދު ގައުމަށް ކީއްތޯ ކުރަން މި އުޅެނީ؟،" ސުވާލުތަކެއް ކުރައްވަމުން ގަފޫރު ވިދާޅުވި އެވެ.
ފެހި ގާނޫނުއަސާސީ އެކުލަވާލި ފަހުން އައި ހަތަރު ރައްޔިތުންގެ މަޖިލީހުގައި ވެސް އިންނެވި އެމްޑީޕީގެ ހަމައެކަނި މެންބަރު ގަފޫރު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ފެނުނީ ގައުމަށް ވުރެ ރައީސް ބޮޑުވެގެން އުޅޭ މަންޒަރު ކަމަށެވެ. މިއަދު އެ ކަން މާ ބޮޑަށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މެންބަރުން ނުޖެހޭ ސަރުކާރުން ބުނާ ހުރިހާ ކަމެއް ކުރާކަށް. މި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ އިހުސާސްތައް އެނގިގެން، ރައްޔިތުން ބޭނުންވާ ގޮތަށްކަން ކުރަން މެންބަރުން ހޮވީ،" ގަފޫރު ވިދާޅުވި އެވެ.
"މި ގައުމު، މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަށްވާ މީހާއަށް ވުރެ ބޮޑު ވާން ޖެހޭ. އެކަމަކު ހުރިހާ ސަރުކާރުތަކެއްގައި މި ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ގައުމަށް ވުރެ ބޮޑުވާ ތަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ