ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުންނެއް ނޫން: ފައްޔާޒު

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވޯޓު ދޭންވީ ގޮތުގެ ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހުން ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލާ ދެކޮޅަށް ޕީއެންސީގެ ގިނަ މެންބަރުން އިއްޔެ ވާހަކަ ދެއްކެވި އެވެ.
މެންބަރުން ދެކޮޅު ހެދި ނަމަވެސް ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުން ނިންމާލީ ސަރުކާރުން ނިންމާ ގޮތަކަށް ކުރިއަށްދާ ގޮތަށެވެ. އަދި ރޭގެ ވަގުތެއްގައި ބިލަށް ތާއީދުކުރަން  ޕީއެންސީގެ ލީޑާޝިޕުން ނިންމާފައިވާކަން މެންބަރުންނަށް އަންގި އެވެ.
ބިލު ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކުރީ އެ އެންގުމުގެ މަތީންނެވެ. ނަމަވެސް ބިލުގެ ވޯޓުގައި 10 މެންބަރަކު ބައިވެރިނުވުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިޕްލައިނާ ހިލާފުވީ ކަމަށް ސިފަކުރައްވައި، މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވައިފަ އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެއާ ހިލާފުވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން އެއްވެސް ފަހަރަކު،" މަޖިލީހުގައި އެ ބިލު ބަލައިގަތުމަށް ވޯޓު ނެގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ ރައީސް މުއިއްޒު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ލިޔުއްވާފައިވެ އެވެ.
ރައީސްގެ އެ ވާހަކައަށް ފާޑުވިދާޅުވެ ފައްޔާޒު އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ.
ތަފްސީލް - މަޖިލީހުގެ މެންބަރުކަން ދެ ދައުރު އަދާކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ މަޖިލީހުގައި ވޯޓު ދޭންވީ ގޮތް ނިންމާނީ އެ ޕާޓީއެއްގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރާ ގޮތެއްގެ މަތީން އަޅާ ވިޕްލައިނަކުން ކަމަށެވެ. އެއީ ރައީސަށް އޮންނަ ބާރެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ވޯޓުގައި ވިޕްލައިން އަޅަން ޖެހޭނީ ރައީސް އޮފީހަކުން ނޫން. އެއީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކުރަން ޖެހޭ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓު ދޭން ޖެހޭ ގޮތް ކިޔައިދިނުމުގެ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނޯންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ވޯޓު ނުދީގެން ޕީއެންސީގެ ފިޔަވަޅު އަޅާ ކޮމިޓީ މެދުވެރިކޮށް ވަކިކުރާ ކޮންމެ މެންބަރަކު އަލުން އިންތިހާބު ކޮށްދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ވެސް ފައްޔާޒު ދެއްވި އެވެ.
"ރައްޔިތުންގެ ހައްގުގައި ސާބިތުކަމާ އެކު ދެމިތިއްބަވާ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
އެނގުން މުހިންމު - މި ވޯޓުގައި ބައިވެރި ނުވާ ޕީއެންސީގެ 10 މެންބަރުންނަކީ: 
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް
އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީޒު އަބްދުލްގާދިރު
ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު
ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހާމިދު
ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
ތިިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ