ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުކުތް ނަތީޖާތަކަށް ފަހު ލިވަޕޫލުން އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނެގިޔަސް، އޭނާގެ ފުރާނަ ހުރިހާ ހިނދަކު އާސެނަލުން ލީގު ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން އާސެނަލް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވިއިރު، ލިވަޕޫލުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ ދަނޑުގައި 2-0 އިން މޮޅުވެ، އެއް މެޗު އިތުރަށް ކުޅެ، 11 ޕޮއިންޓަށް ލީޑުފުޅާކޮށް ހަމަޖެހިލައިފަ އެވެ. ގިނަ ބަޔަކު ސިފަކުރާގޮތުގައި، އާސެނަލަށް ދެން ލީގުގެ އުންމީދު އޮތީ ވަރަށް ކުޑަކޮށެވެ. އެކަމަކު، އާޓެޓާ ހުރީ އެ ގޮތް ގަބޫލުކުރާ ވިސްނުމެއްގައެއް ނޫނެވެ.
"ފުރާނަ ހުރިހާ ހިނދަކު އަހަރެމެން (އާސެނަލް ލީގަށް) ފައިޓްކުރާނެ. އެހެން ނޫނީ އަހަރެން ދާނީ ގެއަށް،" ލީގުގެ ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް ދަނޑުގައި އެ ޓީމާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން އާޓެޓާ ބުންޏެވެ. "މެތަމެޓިކަލީ އަހަރެމެންނަށް އަދިވެސް ފުރުސަތު އެބައޮތް. ތިން ދުވަސް ކުރިން ތި މީހުން ބުނީ، އަހަރެމެން މި އޮތީ މެޗެއްހާ ހިސާބު ދުރުގައޭ،"
ވެސްޓް ހޭމް އަތުން ބަލިވުމުން އާސެނަލް ވަނީ ލީގުގައި 15 މެޗަށް ފަހު ބަލިވެފަ އެވެ. އަނެއްކޮޅުން، މި ވަގުތު އާސެނަލަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި ލީގަށް އެ ޓީމަށް ރަނގަޅު ވާދައެއް ކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
އާޓެޓާ ބުނީ، މިހާރު އޮތް ހާލަތުގައި އާސެނަލަށް ލީގު ހޯދޭނީ އެއްވެސް ބަޔަކަށް މިހާތަނަށް ކުރެވިފައި ނެތް ފަދަ ހާއްސަ ކަމެއް ހާސިލްކޮށްގެން ކަމަށެވެ.
"އެއްވެސް ބަޔަކަށް ނުކުރެވި އޮތް ފަދަ ހާއްސަ ކަމެއް، މި ފަހަރު އަހަރެމެން ލީގު ހޯދަންޏާ ކުރަން ޖެހިފައި މި އޮތީ، އެހެންވީމަ، އެ މަސައްކަތުގައި އެންމެ ފަހު ވަގުތަށް ވެސް އަހަރެމެން ކުރިއަށްދާނަން،" އާޓެޓާ ބުންޏެވެ،
އޭނާ ބުނީ، ހުރިހާ އަޑުތަކެއް ގަދަވެފައި އޮތީ މި ހަފްތާގައި އާސެނަލް ބަލިވެ، ލިވަޕޫލް ކުޅުނު މެޗުން މޮޅުވުމުން ކަމަށެވެ. އެކަމަކު، އޭނާ ދެކޭގޮތުގައި، މިދިޔަ ތިން މަހަށް ބަލާއިރު، އާސެނަލުން ވެސް ވަނީ ލިވަޕޫލެކޭ އެއްގޮތަށް މެޗުތަކުގައި ނަތީޖާ ނެރެފައި ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
ފުރާނަ ހުރިހާ ހިނދަކު ލީގުގެ އުންމީދު ދޫކޮށްނުލާނަން: އާޓެޓާ ފުރާނަ ހުރިހާ ހިނދަކު ލީގުގެ އުންމީދު ދޫކޮށްނުލާނަން: އާޓެޓާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ