ތަކުރާރުކޮށް ނިޒާމީ ނުކުތާ ނެންގެވުމުން މީކާއިލް ތަޅުމުން ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި އެވެ.އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު އިހުސާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށް ކުރިއަށް ގެންގޮސްފަ އެވެ.އިހުސާން ވަނީ އޭނާ އަށް ކޮށްފައިވާ ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވައިފަ އެވެ.އިހުސާން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، މީކާއިލް ވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން ނިޒާމީ ނުކުތާ ނަންގަވައި މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. ތަޅުމުގައި ނެތް ބައެއް ބޭފުޅުންނާއި ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ތުހުމަތުތައް އަމާޒުކޮށް އިހުސާން ވާހަކަ ދެއްކެވުމުން އެކަން އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިޒާމީ ނުކުތާ ނަންގަވައި މީކާއިލް ގެންދެވީ ވިދާޅުވަމުންނެވެ.ނަން އިއްވުމުން މީކާއީލް ވަނީ މަޖިލިސް ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފަ އެވެ. އެހެންވެ މީކާއީލް ނެރުނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މުވައްޒަފުން ބޭނުންކޮށްގެންނެވެ.ތަޅުމުން ނެރުމާ ގުޅިގެން މީކާއިލް "އެކްސް" ގައި ވިދާޅުވީ ގޮނޑިން ނުތެދުވެ، ތަކުރާރުކޮށް ނިޒާމާ ބެހޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތަށް އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށް އޭނާ ތަޅުމުން ނެރުނީ މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ