އުމުރުން 13 އަހަރުގައި ލޭ ހަދިޔާކުރި ގޮތަށް އަދިވެސް ޚިދުމަތުގައި ދެގޮތެއްނުވެ!

"އެއީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާތެރޭގައެވެ. އުމުރުން 13 އަހަރުގެ ހުސައިން ނަދުވީއަށް ފެންނަނީ ގިނަ ބަޔަކު ޒަޚަމްވެ ވެއްޓިފައިވާ ތަނެވެ. ވަށައިގެން ލޭގެ ކޯރުތަކެވެ. އޭނާގެ ޅަ ހިތަށް ކެތެއް ނުވިއެވެ. އޭނާއަށް ވެވުނު އެންމެ ބޮޑު އެހީތެރިކަމެއް ވުމަށް އެމީހުން ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދަން ފެށިއެވެ. ހަށިގަނޑުން ކުޑަކޮށް ހުއްޓެއްކަމަކު ހިތްވަރު އެލުވައެއް ނުލިއެވެ. އޭނާގެ އުންމީދަކަށްވީ އެހީތެރިވުމެވެ. ބަލިމީހުން ގޮވައިގެން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރު އެދުނީ އެމީހުންގެ ފުރާނަ ސަލާމަތް ކުރަން އެދޭނަމަ އޭނާގެ ހަށިގަނޑުން ލޭ ހަދިޔާ ކުރުމަށެވެ. "އެއްވެސް ޖެހިލުމެއް ނެތި އަޅުގަނޑު އެދުވަހު ލޭ ދިނިން. އޭގެ ފަހުން މިއަދާ ހަމައަށް ގަވާއިދުން ލޭ ދެނީ. އެދުވަހު ހިތަށް އެރި މީހުންގެ ފުރާނަ ސަލާމަތްކުރަން ކުރެވުނު ކަމެއް އަޅުގަނޑު ކުރާނަމޭ،" ލޭ ހަދިޔާކުރުމުގެ މަސައްކަތް ފެށުނު ގޮތް ނަދުވީ ކިޔައިދިނެވެ. އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2013 ވަނަ އަހަރު ދީފައިވާ ހުސައިން ނަދުވީ -- ފޮޓޯ/ ރައީސް އޮފީސް އޭނާ ވަނީ އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2013ވަނަ އަހަރު ހާސިލްކޮށްފައެވެ. ކޮންމެ ތިންމަހުން ތިން މަހުން ބަރާބަރަށް ލޭހަދިޔާކުރަމުން އަންނަ ނަދުވީ މެދުނުކެނޑި އެމަސައްކަތް ކުރާތާ މިއަދަށް 36 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް، އިންސާނިއްޔަތަށްޓަކައި އޭނާ ކުރާ މި މަސައްކަތް ހުއްޓައިލުމުގެ ނިޔަތެއްނެތެވެ. ނަދުވީ ލޭ ހަދިޔާ ކުރަނީ: އުމުރުން 13 އަހަރުގައި ލޭ ހަދިޔާކުރި ގޮތަށް އަދިވެސް ޚިދުމަތުގައި ދެގޮތެއްނުވެ -- އޭނާގެ އުންމީދަކީ ގިނަ ޒުވާނުން މިކަމުގެ ތެރެއަށް ވަދެ، ގަވާއިދުން ލޭ ހަދިޔާކުރަން ފެށުމެވެ. އެކަމުގައި ޒުވާނުންނަށް އެހީއަކަށް ވާނެ ގިނަ ކަންތައްތަކެއް ނަދުނީ ވަނީ ހިއްސާކޮށްފައެވެ. ލޭ ހަދިޔާކުރުމުގައި ނަދުވީ ބަލަނީ ބޮޑަށް ތެލެސީމިއާ ކުދީންނަށެވެ. އެގޮތުން 90 ޕަސެންޓު ލޭ ދެނީ ތެލަސީމިއާ ކުދީންނަށް ކަމަށާއި ނަމަވެސް އެމަޖެންސީ ހާލަތެއްގައި ލޭ ބޭނުންވެގެން މީހަކު ގުޅައިފި ނަމަ އައިޖީއެމްއެޗާއި އޭޑިކޭގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ވެސް ލޭ ހަދިޔާކުރާކަމަށް އޭނާ ބުންޏެވެ. އެފަދަ އިމްޖަންސީ ހާލަތްތަކުގައި އޭނާ މީގެ ކުރިން ލޭ ހަދިޔާ ކޮށްފައި ވެސް ވެއެވެ. "އެންމެ ފުރަތަމަ އަޅުގަނޑު ފަށައިގެން އައިރު ހަ މަހުން ލޭ ދެވޭނީ. ކޮންމެ ހަ މަހަކުން އެއް ދުވަހު. ދެން ފަހުން އައިސްފަ ބަދަލުވީ ހަތަރު މަހުން ދޭ ގޮތަށް، މި މަފަހުން ތިން މަހުން ދޭ ގޮތަށް އެ ބަދަލުކުރީ." ނަދުވީ ކިޔައިދިނެވެ. ލޭހަދިޔާ ކުރާ މީހެއްގެ ގައިގައި އެންމެ މަދުވެގެން 65 ކިލޯ ހަމަވާންޖެހެއެވެ. އެއަށްވުރެ ބަރުދަން ލުއިނަމަ އެކަން ކުރުމަށް އުނދަގޫވާ ހާލަތްތައް ބައެއް ފަހަރު އާދެއެވެ. އޭނާގެ ބަރުދަން އާންމުކޮށް ހުންނަނީ 74 ނުވަތަ 75ގައެވެ. ލޭ ދިނުމަށްފަހު ފުރަތަމަ ހަފުތާތެރޭ އޭނާ އެއްވެސް ހަރުއެއްޗެއް ނުކައެވެ. އެ ދުވަސްތަކުގައި އޭނާ ބޭނުންކުރަނީ ހުސް ދިޔާ އެއްޗެއްސެވެ. އެ ހަފުތާގައި އެއްވެސް ވަރަކަށް ހަކުރު ވެސް ބޭނުން ނުކުރާކަމަށް އޭނާ ކިޔައިދިނެވެ. އެއަށްފަހު ދެން ކެއުމުގެ ކަންކަން ކުރިއަށްގެންދަނީ އާދައިގެ މީހެއްގެ ކެއުން ވެސް ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް، ދެމަސް ފަހުން އަނެއްކާ ވެސް ތެޔޮ އެއްޗިއްސާއި ފޮނި އެއްޗެހި ބޭނުން ކުރުން ހުއްޓައިލައެވެ. އޭނާ ބުނީ ލޭ ދޭންވާ މުއްދަތު ކައިރިވުމުން މެންދުރާއި ރޭގަނޑުގެ ކެއުމުގައި ގިނައިން ބޭނުންކުރަނީ މުރަނގަފަތާއި އެނޫންވެސް ފަތްޕިލާވެލީގެ ބާވަތްތައް ކަމަށެވެ. މުރަނގަ ފަތަކީ ލޭގެ މުއްސަނދިކަން އިތުރުކޮށްދޭ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތައް އެކުލެވޭ ފަތެކެވެ. ނަދުވީގެ ކެއުމަށް މި ބަދަލުތައް ގެންނަނީ، އޭނާ ހަދިޔާކުރާ ލެޔަކީ ލޭ ބޭނުންވާ މީހާގެ ސިއްޚަތައް ފައިދާހުރި އެއްޗެއްގެ ގޮތުގައި ހެދުމަށް ބޭނުންވާތީއެވެ. ނަދުވީ ލޭ ހަދިޔާ ކުރަނީ: އުމުރުން 13 އަހަރުގައި ލޭ ހަދިޔާކުރި ގޮތަށް އަދިވެސް ޚިދުމަތުގައި ދެގޮތެއްނުވެ -- "އެގޮތަށް ހެދީމަ އަނެއް މީހާއަށް ދޭ ލެޔަކީ، ރަނގަޅު ލެޔެއްކަމަށް ބަލައި، އޭގެ ކޮލެސްޓްރޯލް ބަޔާއެއްޗެހި ރަނގަޅުވާނެ ދެއްތޯ. އެގޮތަށް ބަލާފަ. އެއީ އަމިއްލަ ނޮލެޖުން އެކަން ކުރަނީ. މީހަކު ބުނެގެނެއްނޫން." ކެއުމުގައި ވަކި މިންގަނޑުތަކަކާއި ގަވާއިދުތަކެއް ގެންގުޅޭ ސަބަބު އޭނާ ކިޔައިދިނެވެ. ނަދުވީ މަސައްކަތް ކުރަނީ އެއާޕޯޓުގެ ހަލަބޮލި މާހައުލުގައެވެ. ނަމަވެސް، ވަޒީފާގައި ބުރަކޮށް އުޅެމުންވެސް ލޭ ހަދިޔާކޮށް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ އޭނާ ކުރާހިތުން ކުރާ މަސައްކަތަކަށް ވީމައި ކަމަށް އޭނާ ބުންޏެވެ. އަދި މަސައްކަތުގައި ބުރަކޮށް އުޅޭ ވަގުތު އެމަޖެންސީގައި ލޭ ދޭންޖެހުމުން ވެސް ފަސްޖެހުމެއް ނެތި ވަގުތަށް އެތަނަކަށް ލޭ ހަދިޔާކުރަން ދާކަން އޭނާ ފާހަގަކުރިއެވެ. ލޭ ހަދިޔާކުރުމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ލެޔަކީ ކޮންމެ އިންސާނެއްގެ ދިރިހުރުމާ ގުޅިފައިވާ މަތިވެރި ނިއުމަތެއްކަން އޭނާ ފާހަގަކުރިއެވެ. "ލޭގެ ޝޯޓޭޖެއް އަބަދު ވެސް އޮވޭ. އެހެންވީމަ ތެލެސީމިއާ ކުއްޖަކަށް ވިއަސް ބަލި މީހަކަށް ވިއަސް ލެއަކީ ވަރަށް މުހިންމު އެއްޗެއް،" އޭނާ ބުންޏެވެ. ލޭ ހަދިޔާ ކުރަން ބައެއް މީހުން ފަސްޖެހޭކަން ފާހަގަކޮށް ނަދުވީ ބުނީ ލޭ ހަދިޔާ ކުރުމަކީ އެކަމުގެ ސަބަބުން އެއްވެސް ސިއްހީ މައްސަލައެއް ދިމާވާނެ ކަމެއް ނޫންކަމަށެވެ. އޭނާގެ އެދުމަކީ ވީހާވެސް ގިނަ ޒުވާނުން ލޭ ހަދިޔާކުރަން ނުކުމެ އިންސާނިއްޔަތަށް ޓަކައި ގަވާއިދުން މިކަން ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ