ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ އުޅުނީ މީހަކު ހޯދަން ކަމަށް
ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުކުރެވިގެން ހައްޔަރުކުރުމުން، އުޅުނީ މީހަކު ހޯދަން ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތުގައި ބުނެފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާއަކީ ބަންދު ރިކޯޑު އޮތް މީހެކެވެ. ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ މީހާ ބުނެފައިވަނީ ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ގެއާ ޖެހިގެން ހުރި ފަޅުގެއަކަށް ވަނީ މީހަކު ހޯދަން ކަމަށެވެ. ވައްކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް އެ މީހާ ބުނެފައިވެއެވެ. ތުހުމަތުކުރެވޭ މީހާ ވަކީލެއް ބޭނުންވާ ކަމަށް ބުނި ނަމަވެސް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ތަފާތު ވާހަކަތައް ދައްކައެވެ. އެ ގޮތުން، މިދިޔަ ހަފުތާގައި ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ވެސް އެއީ 'ރައްޓެއްސެއް ދިން އެއްޗެއް' ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ