މިފަހުން ރާއްޖެ އާއި ހަތް ގައުމެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެންޓި ސްކޭމް އޮޕަރޭޝަންގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ރިކަވާ ކުރީ ދިވެހި ފުލުހުން ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ފާހަގަކޮށްލެވޭ - އޭޕްރީލް 28 އިން މެއި 28އަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ރާއްޖެއިން ރިޕޯޓްކުރި ސްކޭމްތަކުގައި ހިމެނޭ ފައިސާގެ ތެރެއިން %21 ދިވެހި ފުލުހުން ރިކަވާކޮށްފައިވެ އެވެ.
ތަފްސީލް - ހަތް ގައުމުގެ އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި މި އޮޕަރޭޝަންގެ ތަފްސީލް މިއަދު ހާމަކުރަމުން ފުލުހުން ބުނީ އެ އޮޕަރޭޝަންގެ މުއްދަތުގައި:
199 ސްކޭމްގެ މައްސަލަ ރިޕޯޓް ކުރި
މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވޭ
އޭގެ ތެރެއިން 640,000ރ. ދިވެހި ފުލުހުން އަނބުރާ ހޯދާފައިވޭ
މިއީ %21 ގެ ރިކަވަރީ ރޭޓެއް
"މިއީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރިކަވަރީ ރޭޓް،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުން ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވުނު ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ:
ފްރޮންޓިއާ+ ނެޓްވޯކުގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް
ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށް ވެސް ބުނި
މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ ފްރޮންޓިއާ+ އޮޕަރޭޝަނެވެ.
ގުޅުންހުރި - ފްރޮންޓިއާ+ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމަކަށް އުފައްދާފައިވާ ނެޓްވޯކެކެވެ.
މި ނެޓްވޯކްގައި ހިމެނެނީ ސިންގަޕޫރުގެ އިތުރުން:
އޮސްޓްރޭލިއާ
ކެނެޑާ
ހޮންކޮންގު
ތައިލެންޑް
ކޮރެއާ، މެލޭޝިއާ
އިންޑޮނޭޝިއާ
މަކާއޯ
ރާއްޖެ
މި ނެޓްވޯކްގެ ބޭނުމަކީ:
އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުން
އިންޓެލިޖެންސް ހިއްސާކުރުން
ސްކޭމް ހުއްޓުވުން
ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުން
އޮޕަރޭޝަން ފްރޮންޓިއާ+ ގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ 3 ވަނަ ދުވަހު ހޮންކޮންގް ގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުޙައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެންޓި ސްކޭމް ބޮޑު އޮޮޕަރޭޝަންގައި އެންމެ ގިނަ ފައިސާ ރިކަވާ ކުރީ ރާއްޖެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ