ދިވެއްސަކު ނޫނަސް މުސްލިމަކު މަރުވުން އެއީ ހިތާމައެކެވެ.
ދާދިފަހުން އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާ ދިވެހި ނޫސްތަކުން ރިޕޯޓުކުރިއިރު ފެނުނު ބައެއް ސުރުޚީތަކުގައި އޮތީ، އެ ފްލައިޓުން އެއްވެސް ދިވެއްސެއް ދަތުރު ނުކުރާ ވާހަކައެވެ. ދިވެހިންނަށް އެ ޚަބަރު ގެނެސްދޭއިރު އެ ބޯޓުގައި ދިވެއްސަކު ނެތްކަމުގެ ވާހަކަ ބުނެދިނުން ގޯހެކޭ ނުދަންނަވަމެވެ. ދިވެއްސަކު އެ ބޯޑުގައި ނެތުމާއި މަރުވި މީހުންތެރޭ އެއްވެސް ދިވެއްސެއް ނުހިމެނުނުކަމަށް އުފާކޮށް ޙަމްދުކިޔުމުން އެނގޭއެއް ކަމަކީ ދިވެއްސަކު އެ ބޯޓުން ދަތުރުކުރިނަމަ ނުވަތަ އެ ހާދިސާގައި މަރުވި ނަމަ ވަރަށް ދެރަވާނޭކަމެވެ. އަދި، މިހާރު އެކަހަލަ ހިތާމައެއް ނެތްކަމެވެ. އިމާރާތެއްގެ މައްޗަށް ވެއްޓުނު އެއާ އިންޑިޔާގެ އެ ފްލައިޓުގައި ދިވެއްސަކު ނެތަސް މުސްލިމުންތަކެއް އޭގައި މަރުވުން އެއީ ހިތާމައެކެވެ. "އާނއެކޭ އެ ވެސް ހިތާމައެކޭ" ބުނެ ނިންމައިލާ ވަރުގެ ހިތާމައެއް ވެސް ނޫނެވެ. ކޮންމެ ޤައުމަކަށް ނިސްބަތްވިޔަސް މުސްލިމަކަށް ދެރައެއް ލިބުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. ދެރަވުން އެއީ "ތިމާގެ ޢާއިލާއަށް ނުވަތަ ޤަބީލާއަށް ނުވަތަ ޤައުމަށް ލިބޭ ގެއްލުމުގައި އެކަނި" ވާން އޮންނަ އެއްޗެއް ކަމުގައި ބަލައިގަންނަންޏާ، އެ ބަޔަކަށް އެ އެނބުރެވެނީ ޖާހިލިއްޔަ ޒަމާނުގެ ސިފައަކާ ދިމާލަށެވެ. މުސްލިމުންނަކީ އެއްބަނޑުއެއްބަފާބައެއްކަމުގެ ވާހަކަ އެއީ ޤުރުއާނުގައި އޮތީތީ ކިޔަވައިލަން އޮތް އެއްޗެއް ނޫނެވެ. ޙަދީޘްގައި އެ ވާހަކަ އޮތްކަން އެނގުމަކުން ވެސް އެއްބަޑުއެއްބަފައިކަމެއް ނުއުފެދޭނެއެވެ. އެ ކަން ވާނީ ތިމާގެ އަމިއްލަ ނަފުސު މުސްލިމެއްގެ ގޮތުގައި ތަރައްޤީކޮށްގެންނެވެ. އިސްލާމީ އަޤީދާއަކީ އެ އަޤީދާގެ އަނެއް މީހާއާ ތިމާއާ ހިތުގެ ގުޅުމުން ގުޅުވައިދޭ ތެރަހެކެވެ. އެ ޢަޤީދާއަށް ތިމާ ބީރައްޓެހިވަންޏާ އެއްބަނޑުއެއްބަފައިކަން ތިމައާ ބީރައްޓެހިވާނެއެވެ. ﷲގެ ފޮތާ ބީރައްޓެހި މީހުން ތިމާގެ ރައްޓެހިންކަމުގައި ހެދިޔަސް ތިބާއީ ރައްޓެއްސެއް ކަމުގައި އެ މީހުން ނުދެކޭނެއެވެ. މުސްލިމުން މުސްލިމުންނާ އޮންނަންވާނޭ އެކުރެވިކަމާއި ގާތްކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީ «مثلُ المؤمنين في تَوادِّهم، وتَرَاحُمِهِم، وتعاطُفِهِمْ. مثلُ الجسَدِ إذا اشتكَى منْهُ عضوٌ تدَاعَى لَهُ سائِرُ الجسَدِ بالسَّهَرِ والْحُمَّى» (البخاري: 6011) މާނައީ:- "އަޅައިލުމާއި ރަޙުމުކުރުމާއި އޯގާވެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އޭގެ ގުނަވަނެއްގައި ވޭނެއް އަޅައިފިނަމަ، ހުންއައުމާއި ހޭލާހުރުމުން އެހެން ގުނަވަންތައް އެ ގުނަވަނާ ބައިވެރިވެއެވެ." އަޅުގަނޑުމެންގެ މިއަދުގެ ހާލަތަކީ އެއް ހަށިގަނޑެއްގެ މިސާލުގެ ހާލަތުތޯ ސުވާލުކޮށްލަން ޖެހެއެވެ. އިސްލާމީ އުންމަތަކީ އެ ހަށިގަނޑު ނަމަ އޭގެ ގުނަވަންތަކަކީ ވަކިވަކި އިސްލާމީ ޤައުމުތަކެވެ. ނުވަތަ ކާފިރު ޤައުމުތަކުގައި ވެސް ތިބި އިސްލާމީ މުޖުތަމަޢުތަކާއި އެ ތަންތަނުގައި ދިރިއުޅޭ މުސްލިމުންނެވެ. އިސްލާމީ ބައެއް ޤައުމުތަކުގައްޔާއި އެ ނޫން ޤައުމުތަކުގައި މުސްލިމުންނަށް ކާފިރުން އަނިޔާދެމުން ގެންދާއިރު އަޅުގަނޑުގެ ހިތުގައި އެ ކަމުގެ ވޭން އަޅާބާއެވެ؟ އަޅާ ނަމަ އެއީ ކިހާވަރަކަށް އަޅާ ވޭނެއްތޯ ވިސްނައިލަންވީ ވަގުތު މި އޮތީ އައިސް ޖެހިފައެވެ. މިއަދު އިރާނުން އިސްރާއީލަށް ހަމަލާދިން ޚަބަރު މުޅި ދުނިޔޭގައި ދެކެވެމުން އަންނައިރު، ދިވެހިންގެ ތެރެއިން މީހަކު ބުނީތީ އަޅުގަނޑު އަޑު އެހީމެވެ. "އިރާނުން ވެސް އެ ކަމެއް އެ ކުރީ އެ މީހުންނާ ކުޅުނީމައެވެ. އެހެންޏާ ފަލަސްޠީނަށް ބޮންއަޅާތާ ކިހާ ދުވަހެއް ހެއްޔެވެ؟" ދޮގެއް ނޫނެވެ! އެ ބުނާހެން ވެސް ވެދާނެއެވެ. އެ ވާހަކަ އަހައިފައި އަޅުގަނޑު ހިތަށްއެރިއެވެ. "އަޅުގަނޑުމެން ވެސް މިހެން މި ތިބެނީ އަޅުގަނޑުމެންނާ އަދި ނުކުޅޭތީބާއެވެ؟" މި ސުވާލުގެ ޖަވާބު ދެއްވާނީ ތިޔަ ކިޔުންތެރިންނެވެ. ކޮންމެ އަކަސް ޚުލާޞާއަކީ ދިވެއްސަކަށް ގެއްލުމެއް ނުވުން އެއީ އުފަލެއްކަމުގައި ދެކެވޭ ފަދައިން މުސްލިމަކަށް ގެއްލުމެއް ލިބުން އެއީ ބޮޑުވެގެންވާ ހިތާމައެއް ކަމުގައި ދެކެން ވާނެކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ