މާލެ ސިޓީ ކައުންސިލްގެ ހަފުލާތަކުގައި ދެން ދުފާތަކެތި ނުހުންނާނެ

މާލެ ސިޓީ ކައުންސިލްގެ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއްގެ އެއްޗެއް މީގެ ފަހުން ނުބަހައްޓަން މާލޭގެ މޭޔަރު އާދަމް އާޒިމް ނިންމަވައިފިއެވެ. އާޒިމް ސޯޝަލް މީޑިއާގައި މިރޭ ވިދާޅުވީ އެ ކަން ކުރުމަށް ނިންމެވީ ކެންސަރު ސޮސައިޓީގެ އެދުމުގެ މަތީން ކަމަށެވެ. އާޒިމް ވިދާޅުވީ އޭނާއަށް އަބަދު ވެސް އެންމެ މުހިންމީ ރައްޔިތުންގެ އުފާވެރިކަމާއި ސިއްހީ ދުޅަހެޔޮކަމާއި ހަމަޖެހުމާއި ފުދުންތެރިކަން ކަމަށެވެ. މި ރޮނގުން، ރައްޔިތުންނަށް މަންފާ ކުރާނެ ކޮންމެ ކަމަކީ ވެސް، އޭނާ އެންމެ އިސްކަންދޭނެ ކަންތައް ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތުގެ އެޖެންޑާގެ އެންމެ ކުރީގައި ވެސް ހިމެނޭނީ އެ ފަދަ ކަންކަން ކަމަށް ވިދާޅުވިއެވެ. "މި ހަމައިން ވިސްނައި، ކެންސަރު ސޮސައިޓީން އެދި ލެއްވި ގޮތަށް، މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ، އެއްވެސް ޙަފުލާއެއްގައި، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓަން އަޅުގަނޑު ނިންމައިފިން،" އާޒިމް ވިދާޅުވިއެވެ. https://x.com/adamazim/status/1927719904524029956 ރަސްމީ ބޮޑެތި ހަފުލާތަކާއި އާންމު ހަފުލާތަކުގައި ވެސް ދުފާ ތަކެތި ތައްޔާރުކޮށްފައި ބެހެއްޓުމަކީ ރާއްޖޭގައި ފެށުނީއްސުރެ އާންމު ކަމެކެވެ. އެހެން ނަމަވެސް އެއީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ