ޗައިނާގެ ރިސާޗު އުޅަނދު "ޝިއަންގް ޔަންގް ހޮންގް" މިދިޔަ އަހަރު ރާއްޖޭގެ ސަރަހައްދަށް ވަންނަން ސަރުކާރުން ހުއްދަ ދިނީ ވަކި ގައުމަކާ ޖެހިގަތުމުގެ ނިޔަތެއް އޮވެގެން ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެ އުޅަނދު ރާއްޖެ ސަރަހައްދަށް ވަންނަން ހުއްދަ ދިނީ އަވައްޓެރި ސްރީލަންކާގެ ސަރަހައްދަށް ވަންނަން ހުއްދައަށް އެދުމުން އެ ގައުމުން ވެސް ހުއްދަ ނުދޭން ނިންމާފައިވަނިކޮށެވެ.
ސްރީލަންކާގެ ''ސިލޯން ޓުޑޭ" ނޫހަށް ރައީސް މުއިއްޒު ދެއްވި އިންޓަވިއުގެ ތެރެއިން އެ ނޫހުން ވަނީ އެކަމާ ގުޅޭ ގޮތުން ރައީސަށް ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެ ގޮތުން:
ހާއްސަކޮށް ލަންކާއިން ހުއްދަ ނުދީ ވަނިކޮށް ރާއްޖޭން ހުއްދަ ދީގެން ދޭން އުޅެނީ ކޮން މެސެޖެއްތޯ
ރާއްޖެއަކީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ބާރުގަދަ ގައުތަކުން އިންޑިއާ ކަނޑަށް ވަންނަން އޮތް ދޮރަކަށް ހެދުމުގެ މަސައްކަތް ކުރަނީތޯ
ބުނީ ކީކޭ؟ - އެ ސުވާލުތަކުގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ އުޅަނދެއް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާ ކޮންމެ ނިންމުމަކީ ހުރިހާ ޕްރޮޓޮކޯލްތަކާއި ބައިނަލްއަގުވާމީ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ މަސްލަހަތަށް ބެލުމަށް ފަހު، ވަރަށް ފަރުވާތެރިކަމާ އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ.
އެއްވެސް ހާލަތެއްގައި އެ ގޮތަށް ނިންމާ ނިންމުންތަކަކީ ވަކި ގައުމަކާ ޖައްސާލުމަށް ނުވަތަވަކި ގައުމަކަށް ފުރައްސާރަކުރުމުގެ ގޮތުން ނިންމި ނިންމުމެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ސަރަހައްދުގެ މަސްލަހަތު ނަގާލައި އެއްވެސް ބައިބައިވުމެއް އުފެއްދުމަށް ކުރި ކަމެއް ވެސް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ރާއްޖެއަކީ ހުޅިވިފައިވާ އަމިއްލަވަންތަ ދައުލަތެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެހެން މުސްތަގިއްލު ދައުލަތްތައް ފަދައިން، ރާއްޖޭން ވެސް ރާއްޖޭގެ ގައުމީ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާނެ ކަމެވެ.
އަވައްޓެރި ގައުމުތަކާ ހިޔާލު އެއްގޮތް ނުވާ ހާލަތުގައި ވެސް ރާއްޖޭން ހާރިޖީ ގުޅުންތަކަށް ގެންގުޅެން ވިސްނަނީ ވަރަށް ހަމަހަމަ ސިޔާސަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ފްރީ އެންޑް އޯޕަން ނެވިގޭޝަން ބެލެންސްކޮށް، އިހުތިރާމް ކުރެވޭ ގޮތަށް ޕްރޮމޯޓް ކުރުން. ފޮރުވިފައި ހުރި އެޖެންޑާއެއް ނެތް. ބޭރުގެ އުޅަނދަކަށް އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ކުރުމުގެ ފުރުސަތެއް ވެސް ނުދެން. ނުވެސް ދޭނަން،" ރައީސް ވިދާޅުވި އެވެ.
ތާރީހީ ގޮތުން ބެލި ނަމަވެސް މީގެ ކުރިން ވެސް ހާރިޖީ ގުޅުންތަކުގެ ތެރެއިން ބައެއް ގައުމުތަކުގެ ހަނގުރާމަމަތީ އަސްކަރީ އުޅަނދުތަކާއި އެހެން ޒާތުގެ އުޅަނދުތަކަށް ވެސް ރާއްޖެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޮތުން އެމެރިކާ އާއި އިންޑިއާގެ ނަން ރައީސް ފާހަގަ ކުރެއްވި އެވެ.
"ރާއްޖެއަކީ އޯގާތެރިކަމާއި މެހެމާންދާރީގެ އަގު ވަޒަންކުރާ ގައުމެއް. މުސްތަގުބަލުގައި ވެސް އެ ހެޔޮ ތަސައްވުރު ދެމެހެއްޓުން އަޅުގަނޑުމެންގެ ސަރުކާރުން ވެސް މި އެދެނީ،" ރައީސް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތައް ރާވައި ހިންގަން ފުރުސަތު ލިބޭނެ ގޮތަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ލޮކޭޝަންގެ މުހިންމުކަމުގެ ނާޖާއިޒު ފައިދާ އެއްވެސް ގައުމަކުން ހިފުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ސްރީލަންކާގެ އިތުރުން ރާއްޖެއާ އަބަދުވެސް އެންމެ ގާތް ގުޅުމެއް އޮންނަ އަދި ގިނަ ދާއިރާތަކުން އެންމެ ގިނަ އެހީތެރިކަން ފޯރުކޮށްދެމުންދާ އަަވައްޓެރި އިންޑިއާއިން ވެސް މި ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޗައިނާ ރިސާޗު އުޅަނދު ވަންނަން ހުއްދަ ދިނީ ވަކި ގައުމަކާ ޖެހިގަންނާކަށް ނޫން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ