އަންހެނުންނަށް ޚާއްސަ 100 މިލިއަނުގެ ލޯނު ސްކީމަށް ކުރިމަތިލާން މިމަހު 15ގައި ހުޅުވާލަނީ
އަންހެނުންނަށް ޚާއްސަކޮށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ފަށާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން އިއުލާންކޮށްފިއެވެ. 'ފަށާ މަދަދު ލޯނު'ގެ ނަމުގައި މި ލޯނުގެ ތެރެއިން 25 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ތައާރަފުކުރި މި ލޯނު ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ދޭ ލޯނެކެވެ. މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިނެއްގައެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިން ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ. https://x.com/MSFDmv/status/1929200423006769255 އެ ލޯނާ ގުޅޭ ގޮތުން އެސްޑީއެފްސީން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެ ލޯނަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބޭނެއެވެ. އެ ލޯނު ދެނީ އަހަރަކު ހަ އިންސައްތައިގެ އިންޓްރެސްޓާއެކު ކަމަށްވާއިރު، ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީ، އަނބުރާ ދައްކަން ހަތް އަހަރު ދެވޭނެއެވެ. އެސްޑީއެފްސީއާއި އިކޮނޮމިކް މިނިސްޓްރީއާއި އާއިލީ އަދި އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެން މި ސްކީމްގެ ދަށުން އެހީ ފޯރުކޮށްދެނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ލޯނު ނެގުމަށް ދަތިވާ އަންހެނުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ