ފްލެޓު ލިސްޓުން ވަކި ބަޔަކަށް މަންފާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އަކްރަމް އާއި އިތުރު ތިން މީހުންނަށް ދައުވާ ކުރަނީ ފްލެޓު ލިސްޓުން ވަކި ބަޔަކަށް މަންފާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އަކްރަމް އާއި އިތުރު ތިން މީހުންނަށް ދައުވާ ކުރަނީ

މިދިޔަ ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގި ގެދޮރުވެރިޔާ ސްކީމުން ވަކި ބަޔަކަށް މަންފާ ވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު، އަކްރަމް ކަމާލުއްދީން ހިމެނޭހެން ޖުމުލަ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި އަކްރަމްގެ އިތުރުން ދެން ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ:
އެ މީހުންގެ މައްޗަށް އުފުލަން އެދިފައިވަނީ ރަސްމއީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
އޭގެ އިތުރުން ވެސް އިތުރު ކުށްތައް އެ މީހުން ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ކަންކަން ބަލަމުންދާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ޖޫން 10، 2024 ގައި މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވި ހަތަރު މީހުން ދިރިއުޅޭ ގެތައް ބަލައި ފާސްކޮށް އެ މީހުންގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އޭސީސީން އަތުލި އެވެ.
އެ މީހުންގެ މައްޗަށް ފްލެޓު ލިސްޓާ ގުޅުވައި ދައުވާ އުފުލާފައިވާއިރު މި ސަރުކާރުން ފްލެޓު ދޭން ނިންމާފައި ވަނީ މިދިޔަ ސަރުކާރުން އެކުލަވާލި ލިސްޓަކަށެވެ. ދޮޅު އަހަރު ވަންދެން ފްލެޓު ލިސްޓު އެކި މަރުހަލާގައި ތާށި ކުރުމަށް ސަރުކާރުން އެގޮތަށް ނިންމިކަން ހާމަކުރީ މެއި 29، ގަ އެވެ. އެ ލިސްޓުން ވެސް "ޝަރުތު ހަމަނުވާ" މީހުން އުނިކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ކުރީ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީއިން އިއުލާނުކުރީ ފެބްރުއަރީ 5، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އޭސީސީއިން ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8، ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.
ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ 1، ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ