ހުޅުމާލޭގައި ބުރުތައް ހެދި ފަހުން އެކްސިޑެންޓު މަދުވިކަން ތަފާސްހިސާބުން ދައްކާ: ފުލުހުން

ހުޅުމާލޭ ހަތަރު އަނގޮޅި ކަންމަތިތަކުގައި ބުރުތައް ހެދި ފަހުން އުޅަނދު ދުއްވަން ފަސޭހަވެ، އެކްސިޑެންޓުތައް ވެސް މަދުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. "ސަން އޮންލައިން"ގެ "އެޑިޓަރުގެ ސުވާލު"ގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ވިދާޅުވީ ބުރުތައް ހެދުމުގެ ނަތީޖާއާމެދު ވަރަށް ގިނަ ބަޔެއްގެ ޚިޔާލު ހޯދާފައިވާ ކަމަށެވެ. އެ ގޮތުން އެ ބުރުތަކާ ގުޅިގެން ބޮޑެތި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ވަރަށް ގިނަ ބަޔަކު ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބުރުތައް ހެދުމާއެކު ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތައް މަދުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުން އެނގޭ ކަމަށް އަސްލަހު ވިދާޅުވިއެވެ. ހުޅުމާލޭގެ މަގުތަކަކީ ފުޅާ މަގުތަކެކެވެ. އަދި ދެވަނަ ފިޔަވަހީގެ މަގުތައް ވެސް ފުޅާވެފައި، ސްޕީޑްބްރޭކަރުތައް ގިނައިން ނުހުންނާތީ އޮންނަނީ ފަސޭހައިން ބާރަށް ދުއްވޭގޮތަށެވެ. މިހާރު އެކްސިޑެންޓުތައް މަދުކުރެވުނަސް، ހުޅުމާލޭގައި އެކްސިޑެންޓު ހިނގާ މިންވަރު މި ދޭތެރެއިން އޮތީ ވަރަށް އިތުރުވެފައެވެ. އޭރު ވެސް އެންމެ ނުރައްކާތެރި އެކްސިޑެންޓު ހިނގާ ކަމަށް ފާހަގަކުރެވިފައި އޮތީ ހަތަރު އަނގޮޅި ކަންމަތިތަކުން ކަމަށް އަސްލަހު ވިދާޅުވިއެވެ. އެގޮތުން ގިނަ ފަހަރަށް އެކްސިޑެންޓު ހިނގަން މެދުވެރިވާ ސަބަބަކީ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވުމާއި، ރަނގަޅަށް ބަލައިނުލައި ގޯޅި އެޅުމާއި ހިނގާފައި މަގު ހުރަސްކުރާ މީހުންނަށް ވެސް ފަރުވާކުޑަކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ. "ބައެއް ފަހަރު ހީވަނީ ތަންކޮޅެއް ދުރުގައި ވެހިކަލެއް އޮތީމާ ތިމަންނާއަށް ދެވޭނޭ ނުދެވޭނޭ. އެހެން ދެ ޚިޔާލެއްގައި އިނދެފައި ވެސް އެބަ ދުއްވާލައި. އެކަހަލަ ކަންތައްތަކުގެ ސަބަބުން އެކްސިޑެންޓު ހިނގާކަން ފާހަގަ ކުރެވޭ،" އަސްލަހު ވިދާޅުވިއެވެ. 'ސަން އޮންލައިން'ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު -- ސަން ފޮޓޯ ފުލުހުން އެންމެ އިސްކަމެއް ދެނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށާއި، އޭގެ ތެރެއިން އެކްސިޑެންޓުތައް މަދުކުރުމަކީ ފުލުހުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ވެހިކަލްތައް ދުއްވާފައި އަންނައިރު އަންނާނީ ވަކި ސްޕީޑެއްގައި. ކުއްލިއަކަށް ވެހިކަލެއް މަޑުކުރުން ވެސް ދަތި ކަމަކަށް ވާނީ. ބައެއް ފަރާތްތަކުންވާ ގޮތަކީ ޒިބްރާ ކްރޮސްއެއް ފެންނައިރަށް އިހުސާސްވަނީ، މިއީ ތިމަންނާ ހުރަސްކުރަން އޮތް ތަނޭ. ދެން އެހެން މީހުންނޭ ޖެހޭނީ ތިމަންނާއަށް ބަލަން. އެހެންނެއް ނުވާނެ އެއްނޫންތޯ، ވެހިކަލެއް ވަކި ވަރަކަށްވުރެ ކައިރީގައި އޮތިއްޔާ މަޑުކުރިޔަސް ވެސް އައިސް ޖެހޭވަރުގައި އޮންނަނީ،" އަސްލަހު ވިދާޅުވިއެވެ. އެހެންވެ، އެކްސިޑެންޓުތައް މަދުކުރެވޭނީ ދުއްވާ މީހުންނާއި ހިނގާ މީހުންގެ އެއްބާރުލުން ވެސް އެ ކަމަށް ލިބިގެންކަން އޭނާ ފާހަގަކުރެއްވިއެވެ. މަދުމަދުން ނަމަވެސް އެކްސިޑެންޓުތަކުގައި، މަގުމަތިން ހިނގާފައިދާ މީހުންނަށް ވެސް ބޮޑެތި އަނިޔާ ލިބިފައިހުރިކަން އަސްލަހު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ފަރުދީ ޒިންމާ ރަނގަޅު ގޮތުގައި އަދާ ނުކުރެވުމެވެ. އެއީ ހިނގާފައިދާ މީހުން މަގު ހުރަަސް ކުރުމުގެ ކުރިންނާއި، ދުއްވާފައިދާ މީހުން ގޯޅި އެޅުމާއި ސްޕީޑު ލިމިޓެޑުގެ ތެރެއިން ރައްކާތެރި ކަމާއެކު، ގަވާއިދުތަކާ އެއްގޮތަށް ދުއްވުންފަދަ ކަންކަމެވެ. އަދި ވަކީން ޚާއްސަކޮށް އެ ކަމަށް ފަރުވާކުޑަ ނުކުރުމެވެ. އެކްސިޑެންޓުތައް ހިނގުމަކީ މުޅި ރާއްޖޭގައި ވެސް ވަރަށް އާންމު ކަމެކެވެ. މި އެކްސިޑެންޓުތަކުގައި މީހުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހި، ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެބެ. ފުލުހުންގެ ތަފާސްހިސާބުން އެނގޭ ގޮތުގައި މިދިޔަ އަހަރު 2،885 އެކްސިޑެންޓް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހައިތަނަށް 1،178 އެކްސިޑެންޓުގެ މައްސަަލަ ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ