'މިނިވަން' މުއައްސަސާއެއްގައި ހުރެ މުހަންމާ ޕީއެންސީގެ ސެނެޓަށް، ގިނަ ބަޔަކު ފާޑުކިޔަނީ
މިނިވަން މުއައްސަސާއެއް ކަމަށްވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގައި ހުންނަވައި މުހައްމަދު އަބްދުﷲ (މުހަންމާ) ވެރިކަން ކުރާ ޕީއެންސީގެ ސެނެޓަށް ހަމަޖެއްސުމުން ގިނަ ބަޔަކު އެ ކަމާ ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަން ފަށައިފިއެވެ. ޕީޕީއެމް އުވައިލިއިރު އެ ޕާޓީގައި ތިއްބެވި ސެނެޓަރުން ނުވަތަ މެންބަރުންގެ މަޖިލީހުގެ މެންބަރުން ޕީއެންސީއަށް ގުޅެން ރޭ ހަރަކާތެއް ބޭއްވިއެވެ. އެ ސެނެޓު ބައްދަލުވުމުގައި ބްރޯޑްކޮމްގެ މެންބަރުކަމުގައި ހުންނެވި މުހަންމާ ވެސް ވަނީ ސެނެޓަށް ހަމަޖައްސައިފައެވެ. ސެނެޓަށް އޭނާ ހަމަޖެއްސިކަމުގެ އިގުރާރު ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުހަންމާ ބްރޯޑްކޮމްއަށް އައްޔަންކުރެއްވީ ޖަނަވަރީ 21 ގައެވެ. އެ ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންނެވެ. އެ ގޮތުން، އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ ގާޒީންނާއި ފަނޑިޔާރުން ޕާޓީތަކަށް ވަނުން މަނާކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައި، މިނިވަން މުއައްސަސާއެއްގައި ހުންނެވި މެންބަރަކު ޕާޓީއެއްގައި ހަރަކާތްތެރިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. https://x.com/pnc_secretariat/status/1923114208406991105 "ދެން ތިޔަ ބްރޯޑްކޮމް އިންސާފުވެރިވާނެ ވަރު ވިސްނާ!" ހަސަން ސާބިރު ކިޔައި މީހަކު ފޭސްބުކްގައި ލިޔެފައިވެއެވެ. މީގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ މިނިވަން މުއައްސަސާއެއްގައި ހުންނަވައިގެން ކުރިން އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި މުހަންމާ ޕީއެންސީގައި ހަރަކާތްތެރިވާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، އެއީ އަހުލާގީ ގޮތުން އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބްރޯޑްކޮމްގެ ގާނޫނު އޮންނަ ގޮތުން އެ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުން މަނައެއް ނުކުރެއެވެ. ބްރޯޑްކޮމްގެ މެންބަރަކަށް ނުވެވޭނީ ހަމައެކަނި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށެވެ. ޕީޕީއެމްގެ ފުރަތަމަ ވެރިކަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އޭރު ތިއްބެވި ބްރޯޑްކޮމްގެ މެންބަރުން ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅޭ މައްސަލަ ބޮޑުވިއެވެ. އޭރު އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަހީބެވެ. އެ ވެރިކަމުގެ ދުވަސްވަރު ސަރުކާރަށް ފާޑުކީ 'ރާއްޖެ ޓީވީ'އާއި 'ސަންގު ޓީވީ' ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރިއެވެ. އޭރު އެކަން ކުރީ އެ ވެރިކަމުގައި ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުންނެވެ. އެ ފަހުން އެމްޑީޕީގެ ވެރިކަމުގައި އެއިރު އެ ސަރުކާރަށް ފާޑުކިޔައި ޕްރޮގްރާމްތައް ގެނެސްދިން ޗެނަލް 13ގެ މައްސަލަތައް ވެސް ބެލިއެެވެ. އަދި ވަކި ޕްރޮގްރާމްތަކާއި، ލަވަތައް ވެސް ނުގެންނަން އަންގައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ