މަޓީ މެންބަރުންގެ ތިންވަނަ ފޯރަމް ބާއްވައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ މެންބަރުންގެ ތިންވަނަ ފޯރަމް މިއަދު ބާއްވައިފިއެވެ. މީރުމާގައި ބޭއްވި މި ފޯރަމްގައިވަނީ ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވެސް ބައިވެރިވެ ވަޑައިގެންފައެވެ. މި ފޯރަމުގައިވަނީ ފަތުރުވެރިކަމުގައި ތިމާވެށީގެ ސަބަބުންނާއި ގާނޫނީ ގޮތުން ވެސް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ޓޫރިޒަމް އެންޑް އެންވަޔަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް -- ފޮޓޯ/ މަޓީ މި ފޯރަމް ފެށީ، މިދިޔަ ދެ ފޯރަމުގެ ރީކެޕް ވީޑިއޯ ޕްރެޒެންޓޭޝަނަކުންނެވެ. އެއީ މަޝްވަރާތައް ފެށުމުގެ ކުރިން، ފަތުރުވެރިކަމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަ ކުރުމަށެވެ. ފުރަތަމަ ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދިޔައީ ތިމާވެށްޓަށް ކުރާ އަސަރުތަކާ ގުޅިގެން ހެދިފައިވާ ގަވާއިދުތަކުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. މި ޑިސްކަޝަން މޮޑެރޭޓު ކުރެއްވީ ސްމޯލް އައިލެންޑް ޖިއޯގްރަފިކް ސޮސައިޓީގެ ސައިންސް އެންޑް އިނޮވޭޝަން ޑިރެކްޓަރު ޑރ. މިޒްނާ މުހައްމަދެވެ. ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަމަންޓުގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާއާއި، ވޯޓާ ސޮލިއުޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޖަމީލާއި، މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރެވެ. މަޓީ މެންބަރުންގެ ތިންވަނަ ފޯރަމް -- ފޮޓޯ/ މަޓީ ދެވަނަ ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދިޔައީ ކަނޑުގެ ރައްކާތެރިކަމާ ސަލާމަތާ ގުޅޭގޮތުން އިތުރުވަމުންދާ ކަންބޮޑުވުންތަކަށް ޚާއްސަކޮށްގެންނެވެ. މި ޑިސްކަޝަން މޮޑެރޭޓު ކުރެއްވީ ދިގަލި މޯލްޑިވްސްގެ ރިޒޯޓް މެނޭޖަރު ހަސަން ސައީދެވެ. ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވީ ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒާއި، ޔޫރޯ ޑައިވާސް މޯލްޑިވްސްގެ ރީޖަނަލް މެނޭޖަރު ތޯސްޓެން އެންޓޮންސްއާއި، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ސީއީއޯ މުހައްމަދު ސޮލާހާއި، އޮފް ޓޫރިޒަމް އެންޑް އެންވަޔަމަންޓް މިނިސްޓްރީގެ ޕްރޮޓެކްޓެޑް އޭރިއާސްގެ ޑިރެކްޓަރު މުހުސިނާ އަބްދުއްރަހްމާނާއި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް ފަރީދު އިސްމާއީލެވެ. މީގެ އިތުރުން، މުވައްޒަފުންގެ އަތުން ނަގާ ޓެކުހާ ގުޅޭ މައްސަލަތަކަށް އަލިއަޅުވާލައި، އެސްއެޗްސީ ލޯ އެންޑް ޓެކްސް އެލްއެލްޕީގެ ޓެކްސް އެޑްވައިޒަރު ތޮލްހަތު ރަޝީދު ވެސް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. ފޯރަމް ނިންމަވައިލައްވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް ނަޒީރު ވިދާޅުވީ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރަން އެކުގައި މަސައްކަތްކޮށް، އަމިއްލަ ފަރާތްތަކާއި ކަމާބެހޭ އިދާރާތަކާ ދެމެދު ދެމެހެއްޓެނިވި ގޮތެއްގައި މުއާމަލާތްކުރުން މުހިންމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ