އޭޕްރީލް 2025ގައި އޯޕަން ޑޭޓާ ވޮޗް އިން ޝާއިއުކުރި 2024 ވަނަ އަހަރުގެ އޯޑިން ރިޕޯޓްގައި ދިވެހިރާއްޖޭގެ ސްކޯރ 52 އަކަށް މަތިވެއްޖެ އެވެ. މިއީ 2022ގައި ރާއްޖެއަށް ލިބުނު 43 ގެ ސްކޯރ އާއި އަޅާބަލާއިރު 9 އިންސައްތައިގެ ފާހަގަކުރެވޭ ކުރިއެރުމެކެވެ.
އޯޑިންއަކީ ޤައުމުތަކުގެ ރަސްމީ ތަފާސްހިސާބުތަކުގެ ކަވަރޭޖާއި އޯޕަންކަން ވަޒަންކުރާ މިންގަނޑެކެވެ. މި މިންގަނޑުގެ މަޤްޞަދަކީ ހުރި ގެޕްތައް ދެނެގަނެ، އޯޕަން ޑޭޓާ ސިޔާސަތުތައް ކުރިއެރުވުމާއި، ޑޭޓާއަށް ވާޞިލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ޤައުމީ ތަފާސްހިސާބުގެ އޮފީސްތަކާއި ޑޭޓާ ބޭނުންކުރާ ފަރާތްތަކާ ދެމެދު މަޝްވަރާކުރުމުގެ ދޮރު ހުޅުވާލުމެވެ.
ޖުމްލަ 198 ގައުމު ބައިވެރިވެ މި ނަގާ ސްކޯރގައި، ދިވެހިރާއްޖެ ދުނިޔޭގެ ރޭންކުން 2022 ވަނަ އަހަރު ލިބުނު 119 ވަނައިން 2024 ގައި 112 ވަނައަށް ވަނީ މައްޗަށް ޖެހިލާފައެވެ. ޑޭޓާ ކަވަރޭޖްގެ ދުނިޔޭގެ ސްކޯރ 2022 ވަނަ އަހަރު 110 ގައި ހުރިއިރު، 2024 ގައި ވަނީ 78އަށް މަތިވެފައެވެ.
އޯޑިން ސްކޯރގައި އިޖުތިމާޢީ، އިޤުތިޞާދީ އަދި ތިމާވެށީގެ ތަފާސް ހިސާބުގެ ބައިތަކުގެ ކަވަރޭޖް އާއި އޯޕަންނަސް އަށް ބަލައި މި ބައިތަކަށް ވަކިވަކިން ސްކޯރ ދީގައިވާއިރު މިއިން ކޮންމެ ބަޔަކަށް ލިބިފައިވާ ސްކޯރ ވަނީ މައްޗަށް ގޮސްފައެވެ. ވަކިވަކި ކެޓެގަރީތަކަށް ބަލާއިރު ސްކޯރ އެންމެ މަތީ އިޤުތިޞާދީ ތަފާސް ހިސާބުގެ ކަވަރޭޖްގެ ބައިގައެވެ. މި ބައިގައި ރާއްޖޭގެ ސްކޯރ އަކީ 82 އެވެ.
އަދި އެންމެ ދަށީ ތިމާވެށީގެ ތަފާސްހިސާބުގެ ކަވަރޭޖްގެ ބައިގައެވެ. އެއީ 41 ޕޮއިންޓެވެ. ނަމަވެސް، 2022 ވަނަ އަހަރާއި އަޅާބަލާއިރު މި ބައިގެ ސްކޯރ 20 ޕޮއިންޓުގެ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. އެއީ 21 ޕޮއިންޓުން 41 އަށް އެރި ކުރިއެރުމެކެވެ. އަދި އެންމެ ބޮޑު ކުރިއެރުމެއްވެސް ލިބިފައިވަނީ މި ބަޔަށެވެ.
މުޅި ދެކުނު އޭޝިއާގެ 9 ގައުމުގެ ތެރެއިން ހުރިހައި ގޮތަކަށް ބަލާއިރު، 2022 ވަނަ އަހަރު ލިބުނު 5 އިން 2024 ގައި 2 ވަނަ އަށް ވަނީ މަތިވެފައެވެ. ޑޭޓާ ކަވަރޭޖްގެ ގޮތުން ބަލާއިރު، ދެކުނު އޭޝިއާގެ ސަރަޙައްދުގައި 5 ވަނައިން 2 ވަނައަށް ރަނގަޅުވެފައިވެއެވެ. އަދި އޯޕަންނެސްގެ ގޮތުން ބަލާއިރު، ދެކުނު އޭޝިއާ ސަރަޙައްދުގައި 4 އިން 2 ވަނައަށް ވަނީ މަތިވެފައިވެއެވެ.
އޭޕްރީލް 2025ގައި ޝާއިޢުކޮށްފައިވާ މި އެންމެ ފަހުގެ އެސެސްމަންޓްގައި ތަފާސްހިސާބުގެ ދާއިރާއިން ދިވެހިރާއްޖޭގެ އޯޑިން ސްކޯރ ރަނގަޅުވެފައިވުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ދިވެހިރާއްޖޭގެ އޯޕަން ޑޭޓާ އިންވެންޓްރީ ސްކޯރ މަތިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ