ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލް އަތުން ފަހަތުން އަރައި 3-2 އިން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން މޮޅުވެއްޖެ އެވެ.
ލިވަޕޫލުން ލީގު ޗެމްޕިއަންކަން ޔަގީންކުރި ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ރަށުންބޭރުގައި ޗެލްސީ އަތުންނާއި ބްރައިޓަން އަތުން ބަލިވިއިރު، އަމިއްލަ ދަނޑުގައި އާސެނަލާ ވަނީ އެއްވަރުވެފަ އެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 37 މެޗުން 83 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 37 މެޗުން ވަނީ 71 ޕޮއިންޓް ލިބިފަ އެވެ.
ބްރައިޓަންގެ އެެމެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުން ނުކުތީ ކެޕްޓަން، ވާޖިލް ވެން ޑައިކް ނުލަ އެވެ. މިއީ، ޖެހިޖެހިގެން 69 މެޗުގައި ވެން ޑައިކް، ފުރަތަމަ އެގާރައިގައި ހިމެނުމަށް ފަހު އޭނާ ނުލައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ލީޑުނެގީ، ނުވަ ވަނަ މިނިޓްގައި ކޮނާ ބްރެޑްލީ ދިން ބޯޅައަކުން ހާވީ އެލިއަޓް ޖެހި ގޯލުންނެވެ. ބްރައިޓަން އިން އެއްވަރުކުރީ 32 ވަނަ މިނިޓްގައި ޔާސީން އަޔާރީ ޖެހި ގޯލުންނެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި، ޑޮމިނިކް ސޮބޯސްލާއި ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލަށް ލީޑުފުޅާކޮށްދޭން އެ ޓީމުގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު ސަލާހު އަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއްނުހިފުނެވެ. އެ ގޮތުން، ލިވަޕޫލް ޖޯޒީގައި 400 ވަނަ މެޗު ކުޅުނު ސަލާހު ފޮނުވާލިއެއް ބޯޅަ ގޯލާ ސީދާނުވިއިރު، އަނެއް ޝޮޓް ބްރައިޓަންގެ ކީޕަރު، ބާޓް ވާބްރޫގެން ވަނީ މަތަކޮށްފަ އެވެ.
ބްރައިޓަން އަށް އެއްވަރުކޮށްދިނީ، ބަދަލަކަށް ކުޅެން އެރި ޖަޕާންގެ މިޑްފީލްޑަރު، ކައޯރޫ މިޓޯމާ އެވެ. މިއީ، މެޗުގެ 69 ވަނަ މިނިޓްގައި ބްރައިޓަންގެ ޑެނީ ވެލްބެކް ފޮނުވާލި ޝޮޓެއް، ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ އަތުގައި ޖެހިފައި ނުކުތް ވަގުތު، މިޓޯމާ ޖެހި ގޯލެކެވެ. ބްރައިޓަން މޮޅުވި ގޯލު ޖެހީ ވެސް ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ. މެޗުގެ 86 ވަނަ މިނިޓްގައި، ޖެކް ހިންޝެލްވުޑް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އެއް ގޯލެއް ކަމަށެވެ.
މިއީ، މި ސީޒަނުގައި ލިވަޕޫލް ލީގުގައި ބަލިވި ހަަތަަރު ވަަނަ މެޗެވެ. ލިވަޕޫލް، ލީގު ޗެމްޕިއަންކަން ހޯދިއިރު، ބަލިވެފައި އޮތީ އެންމެ ދެ މެޗުންނެވެ.
ޗެމްޕިއަން ލިވަޕޫލް އަތުން ބްރައިޓަން އަށް މޮޅެއް ޗެމްޕިއަން ލިވަޕޫލް އަތުން ބްރައިޓަން އަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ