ކަރަބާއޮ ކަޕް ކާމިޔާބުކޮށް، ނިއުކާސްލްގެ 70 އަހަރުވީ އިންތިޒާރު ނިމުމަކަށް
ކަރަބާއޮ ކަޕްގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ނިއުކާސްލް ޔުނައިޓެޑުން ހޯދައިފިއެވެ. މިއީ 70 އަހަރުގެ ދިގު އިންތިޒާރަށް ފަހު، ނިއުކާސްލްއަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތައްޓެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ނިއުކާސްލުން ހޯދާފައިވަނީ ފައިނަލްގައި ލިވަޕޫލާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުގެ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ވަރުބަލިކަން އިހްސާސް ކުރެވުނުތަން ފެނުނެވެ. މިގޮތުން، މުހައްމަދު ސަލާހަށް ވެސް މާ ބޮޑު މޮޅު ކުޅުމެއް މެޗުގައި ނުދެއްކުނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެސް ނިއުކާސްލްއިންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ލަނޑު ޖަހައިދިނީ ޑޭން ބާންއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ލިވަޕޫލަށް ލަނޑެއް ޖެހުނީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. އެ ގޯލު ޖަހައިދިނީ ފެޑެރިކޯ ކިއޭސާއެވެ. މި ކާމިޔާބީއާ އެކު ނިއުކާސްލްއިން މިވަނީ ޑޮމެސްޓިކް މުބާރާތެއްގެ ތަށި ހޯދަން ކުރި 70 އަހަރުވީ ދިގު އިންތިޒާރު ނިމުމަކަށް ގެނެސްފައެވެ. މިއީ 1969 ވަނަ އަހަރަށް ފަހު ނިއުކާސްލަށް ޑޮމެސްޓިކް މުބާރާތެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ