އަވަށްޓެރި އިންޑިއާ އާއެކު ގާތް ގުޅުމެއް ނެތި ރާއްޖެ ކުރިއަރާ ނުދާނެ ކަމަށް އެ ގައުމާއެކު ވަރުގަދަ ގުޅުމެއް ބާއްވަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ މިހާރު އަދާކުރައްވާ ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެއްގެ ތެރެއިން އެ ގައުމުގެ ނޫހަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަންވެސް ބަރޯސާވަނީ އިންޑިއާއަށް ކަމަށެވެ.
"ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތް އަދި ކުރިއެރުން ބިނާވަނީ އިންޑިއާއާއެކު ބާއްވާ ގުޅުމުގެ މައްޗަށް. އަޅުގަނޑުމެން މާޒީއަށް ބަލައިލާނަމަ ފެނިގެންދަނީ ރާއްޖޭގެ ސަރުކާރުތައް ބަދަލުވުމާއެކު އިންޑިއާ އާއެކު އޮންނަ ގުޅުމަށް އަސަރުކުރާތަން،" ނަޝީދު ވިދާޅުވި އެވެ.
މި ސަރުކާރުންވެސް އިންޑިއާއާއެކު ބޭއްވި ނުރަނގަޅު ގުޅުން ހަރުދަނާކުރަން މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮށްފައިވާ ކަމަށާއި އެއީ އުފާކުރާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ނަމަވެސް، މި ސަރުކާރުން އަމަލުކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓާ ހެދި އަދިވެސް ދެ ގައުމުގެ ގުޅުމުގައި ދަތިތަކެއް އެބަހުރި. ސަބަބަކީ އެކަމުގެ އަސަރު ރާއްޖޭގެ އިތުރުން ސީދާ އިންޑިއާއަށްވެސް ކުރާނެތީ،" ނިއުދިއްލީގައި ހުންނަވާ ނަޝީދު ވިދާޅުވި އެވެ.
އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުން އެކުލަވާލާ މިހާތަނަށް އަމަލުނުކޮށް އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި ސަރުކާރުން އަމަލުކުރަން ފެށުމާމެދު ސުވާލު އުފައްދާނެ އިންޑިއާގެ އެތައް އޮފިޝަލުންނެއް ތިބޭނެ ކަމަށާއި އެކަންވެސް ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވިހެން މި ޖެނުއަރީ މަހު އަމަލު ކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓާމެދު ކަންބޮޑުވުން ފާޅުކޮށް، ސިޔާސަތުތައް ބައްޓަން ކުރާއިރު އެކަމަށް ވިސްނާނެ ކަމަށް އިންޑިއާގެ ސަރުކާރުން ރަސްމީކޮށް ބުނެފައިވެ އެވެ.
އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށް، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރު ޖައިސްވާލު ވިދާޅުވި އެވެ. މާލީ ހާލަތު ދަށްއިރު، ރާއްޖެއަށް ލިބެން އޮތް އާމްދަނީއެއް މަދުވުމަކީ އިންޑިއާގެ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ،" ޖައިސްވާލު ވިދާޅުވި އެވެ.
އެ ހިސާބުތަކާ އެއްގޮތަށް މި އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 436 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 164 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވަނީ ދިވެހި ދައުލަތަށް އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީން މަދުވާނީ ކިހައި މިންވަރެއްކަން ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާ އާއެކު ގާތް ގުޅުމެއް ނުބާއްވައި ރާއްޖެ ކުރިއަރައި ނުދާނެ: ނަޝީދު އިންޑިއާ އާއެކު ގާތް ގުޅުމެއް ނުބާއްވައި ރާއްޖެ ކުރިއަރައި ނުދާނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ