ހުޅުމާލޭގެ ފޭސް ތިނަކާއި ގިރާވަރު ފަޅު ހިއްކުމަށް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އަށް ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން ބާތިލްކުރަން އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ދެ ކުންފުންޏަކަށެވެ. ދެ ކުންފުނިން ވެސް މަސައްކަތް ހަވާލުކޮށްފައިވަނީ ސީއެމްސީސީއަށެވެ. އެ ގޮތުން:
ގިރާވަރު ފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނަށް
ހުޅުމާލެ ފޭސް ތިނަކަށް 63 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް
ލަންކާގެ ސީއެމްސީސީއަށް ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ނުދާތީ އޭޖީ އޮފީހަށް އެގުރިމަންޓް ބާތިލްކުރަން ފޮނުވިކަން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ ރޭ ބޭއްވި 'އަހާ ފޯރަމް'ގަ އެވެ.
ތަފްސީލް - މިނިސްޓަރު މުއްތޮލިބު ވިދާޅުވީ އޭރުގެ ސަރުކާރުން އެގުރިމަންޓް ހަދާފައިވާ ގޮތުން އެޑްވާންސް ފައިސާ ލިބުމަށް ފަހު ކުރާ ކޮންމެ މަސައްކަތަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑް ކުރަމުން ދިޔަ ކަމަށެވެ.
ކޮންޓްރެކްޓް ބާތިލްކުރަން ސަރުކާރުން ނިންމީ އެ ގޮތަށް ފައިސާ ދެމުންދާނަމަ ސަރުކާރަށް ގެއްލުން ބޮޑުވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން:
ކޮންޓްރެކްޓަރަށް ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިން
ޑިމާންޑް ކުރަން ފެށުމުން، މަސައްކަތް ކުރިއަށް ގެންދަން އިތުރަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ދިން
އެހެން ނަމަވެސް އިތުރަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު ޑިމާންޑްކޮށް، މަސައްކަތް އެއްވެސް ވަރަކަށް ނުކޮށް ހުއްޓާލައިގެން ތިބީ
ބުނީ ކީކޭ؟ - "އެ ފަރާތުން ޑިމާންޑް ކުރަމުން ދިޔައީ ކުރި މަސައްކަތާ އެއްވަރަށް ފައިސާ ދޭން. އަޅުގަނޑުމެން ބެލިބެލުމުން 20 މިލިއަން ޑޮލަރަށްވާ ވަރަށް އެ ފަރާތުން މަސައްކަތްކޮށްފައިވަނީ. އެޑްވާންސަށް 20 މިލިއަން ޑޮލަރު ދީފައި އޮތަސް ފަހުން 15 މިލިއަން ޑޮލަރު ދިނަސް އެ ފަރާތުން މަސައްކަތް ކުރަން ބޭނުމެއް ނުވި،" މުއްތޮލިބް ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުގެ އެގުރިމަންޓް ހަދާފައިވަނީ ސަރުކާރުގެ ކުންފުންޏަކާ ދެމެދު ކަމަށްވާތީ، އެގުރިމަންޓް ބާތިލްކުރުމުގެ މަސައްކަތް އޭޖީ އޮފީހަށް ފޮނުވައިގެން ކުރަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން:
މިހާރު ވެސް ކޮންޓްރެކްޓަރަށް 35 މިލިއަން ޑޮލަރު (539 މިލިއަން ރުފިޔާ) ދީ ހަރަދު ކުރެވިފައިވާތީ އިތުރަށް ބަދަލެއް ދޭން ނުޖެހޭ ގޮތަށް ބާތިލްކުރުމަށް ދަނީ ބަލަމުން
އޭޖީ އޮފީހަށް އެގުރިމަންޓް ބާތިލްކުރަން ފޮނުވާފައިވާއިރު އެ ކަމަށް ވަގުތު ނަގަމުން ދަނީ ސަރުކާރަށް ވީހާ ވެސް ގެއްލުން ކުޑަ ގޮތެއް ހޯދުމަށް ބަލަމުން ދާތީވެ
އެނގުން މުހިންމު - ކުރީގެ ސަރުކާރުން ފެށި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޭން ނިންމީ 2،000 ގޯއްޗެވެ. އޭގެ ތެރެއިިން 1،347 ގޯތި ގުޅިފަޅަށް ވަނީ ބަދަލުކޮށްފަ އެވެ. ހުޅުމާލޭ ފޭސް ތިނަކުން ދެނީ 1،000 ގޯއްޗެވެ.
މި ސަރުކާރުން ގުޅީފަޅު އިތުރަށް ހިއްކާފައިވާއިރު ވިސްނުން ގެންގުޅެނީ ގިރާވަރުފަޅު ވެސް ކުރީގެ ސަރުކާރުން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް ހިއްކައި، ގޯއްޗާއި ފްލެޓް އިތުރަށް ދިނުމަށެވެ.
ގިރާވަރުފަޅާއި ހުޅުމާލެ ހިއްކުމުގެ އެއްބަސްވުން ބާތިލްކުރަން އޭޖީއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ