ގޯލްޑް ކަޕުގެ މީމު އަތޮޅު ކޮލިފައިން މުލަކަށް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 90 ޕްލަސް ގޯލްޑް ކަޕުގެ މީމު އަތޮޅުގެ ކޮލިފައިން ބުރު އެ އަތޮޅުގެ މުލަކުގައި ބާއްވަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮލިފައިން ބުރު ކުޅޭގޮތަށް ފޯމެޓު ރާވައިގެން މިއަހަރު ބާއްވަން ނިންމާ އިއުލާނުކުރި ހަތަރުވަނަ ޒޯނެވެ. މި ޒޯނުގައި މުބާރާތް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މ. މުލަކުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލް ރައީސް އަޙްމަދު ޖަމާލެވެ. ގޯލްޑް ކަޕުގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު ޝާޒްލީއެވެ. މ. މުލަކު ކައުންސިލާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ބާއްވަން ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ. ނައިންޓީ ޕްލަސްއިން ވަނީ މިހާތަނަށް ހަތަރު އަތޮޅަކާއެކު ކޮލިފައިން ބާއްވަން ސޮއިކޮށްފައެވެ. އެއީ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅު އަދި މިދިޔަ އަންގާރަ ދުވަހު ސޮއިކުރި ކ. އަތޮޅެވެ. ލ. އަތޮޅު ކޮލިފައިން މުބާރާތް އިންތިޒާމުކުރާނީ އެ އަތޮޅު ކައުންސިލުންނެވެ. ތ.އަތޮޅު ކޮލިފައިން ކުރިއަށްގެންދާނީ ތިމަރަފުށީގައެވެ. އަދި ކ. އަތޮޅު ކޮލިފައިން ބާއްވާނީ ހިންމަފުށީގައެވެ. ނައިންޓީ ޕްލަސްއިން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޮމެޓިކް ކޮލިފައިން ޖާގަ ދިނުމަށެވެ. ގަދަ އަށެއްގައި ހިމެނިގެން ކ. އަތޮޅުގެ ދެ ޓީމަކުން މިހާރު ވެސް ވަނީ މިފަހަރުގެ މުބާރާތުން ޖާގަ ހޯދާފައެވެ. އެއީ މާފުއްޓާއި ގުރައިދޫ އެވެ. މިދިޔަ އަހަރުގެ ގަދަ އަށެއްގައި ހިމެނިގެން ދެން މުބާރާތުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކު އަދި ޅ. ނައިފަރެވެ. އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށް މުބާރާތުން ފުރުސަތު ދޭން ވަނީ ނިންމާފައެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ. ގޯލްޑް ކަޕްގެ ކޮލިފައިން އެންމެ ފުރަތަމަ ފަށާނީ ލ. އަތޮޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ