މާލޭގެ ބޭރު ތޮށި މަރާމާތު ކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ އެހީ

މާލޭ ވަށައިލާފައިވާ ބޭރު ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ.
ޖަޕާން ސަރުކާރުން މި ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޑޮލަރަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ ”ކޮންސްޓްރަކްޝަން ފޭސް“ އަށް ދެއްވާފައިވާ އެހީއެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލު ވަނީ މާލެ ވަށައި ލާފައިވާ ތޮށީގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެ ތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަމުގައި ވިދާޅުވެފައެވެ.
އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ފާހަގަކުރެއްވިއެވެ.
އަދި މިއަދު ސޮއިކުރެއްވި ”އެކްސްޗޭންޖް އޮފް ނޯޓްސް“ އަކީ މި މުހިއްމު މަޝްރޫޢު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައި ފާހަގަކުރެއްވިއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ