ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޝަރުޢީ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމަށާއި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޤާނޫނީ ލަފާދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަކީ، ޚާރިޖިއްޔާގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެށްޓެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުގައި އެކިއެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި، ޤާނޫނީގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވުމާއި، ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި ޚާރިޖިއްޔާއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، ދެއްވަންޖެހޭ ލަފާ ދެއްވުމާއި، ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުން ހިމެނެއެވެ. އެ މަނިކުފާނަކީ، ޝަރީޢަތާއި ޤާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށްވެސް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި އެ މަނިކުފާނު ހޭދަކުރެއްވި މުއްދަތުގައި ފަނޑިޔާރުގޭގެ ޢަދުލު އިންޞާފުގެ ކަންކަން އިހަށްވުރެ ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ފެށްޓެވިއެވެ. މީގެއިތުރުންވެސް، ފަނޑިޔާރުގޭގެ ގިނަ ޚިދުމަތްތަކަކަށް ޒަމާނީ ކުރިއެރުންތަކެއް އެ މަނިކުފާނު ވަނީ ހޯއްދަވައި ދެއްވައިފައެވެ. އެ މަނިކުފާނަކީ، ޤާނޫނީ ޙުކޫމަތު ނެގެހެއްޓެވުމަށްޓަކައި ވަރުބަލިފުޅުކަމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނަކީ ފަނޑިޔާރުންގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ.
އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔަރ ކުރެއްވީ، މި ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ރިޓަޔަރ ކުރެއްވިއިރު، ޚާރިޖީ ދާއިރާގައި 10 އަހަރު، ފެކަލްޓީ އޮފް ލޯގެ ޑީން ކަމުގައި 4 އަހަރާއި 6 މަސް ދުވަހު، ފަނޑިޔާރުކަމުގައި 9 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އަދި މިއާއެކުގައި ޤާނޫނީ ދާއިރާއަށް 33 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޒު އަޙްމަދު މުޢުތަޞިމް ޢަދުނާނަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ