ހުޅުވައިލަން ބުނިތާ ދެ ގަޑިއިރުފަހުން ވީއައިއޭގެ ރަންވޭ ހުޅުވައިފި ހުޅުވައިލަން ބުނިތާ ދެ ގަޑިއިރުފަހުން ވީއައިއޭގެ ރަންވޭ ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން އެތައް އިރަކު ރަންވޭ ބަންދުކޮށްފައި ބޭއްވުމަށްފަހު ދާދި ދެންމެއަކު އަލުން ހުޅުވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މިރޭ ބަންދު ކުރީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް 8:00 ގަ އެވެ. އެ ރަސްމިއްޔާތަށްފަހު ރަންވޭ ހުޅުވާ ގޮތަށް އޮތީ މިރޭ 10:00 ގަ އެވެ. ނަމަވެސް މިރޭ ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ރަންވޭ ނުހުޅުވި ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.
އެއާޕޯޓުގެ ރަންވޭ ބަންދުކޮށްފައި އޮތުމުގެ ސަބަބުން ހުޅުލެއަށް ޖައްސަން އައި ހަތް ބޯޓެއް ވަރަށް ބޮޑަށް މިރޭ ޑިލޭ ވެސްވި އެވެ. އޭގެތެރެއިން ބައެއް ބޯޓުތައް މިހާރު ވެލާނާ އެއާޕޯޓަށް ޖައްސާފައިވާއިރު، އަދިވެސް މެލޭޝިއާގެ ކުއަލަންޕޫރުން ރާއްޖެއަށް ދަތުރުކުރި ބަޓިކް އެއާގެ ބޯޓު ހުޅުލެއަށް ނުޖައްސަ އެވެ.
ރަންވޭ ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެމްއޭސީއެލް އިން ވަނީ ބަޓިކް އެއާގެ ބޯޓު ކޮލަންބޯއަށް ޑައިވާޓް ކޮށްފަ އެވެ. ނަމަވެސް މަތިންދާ ބޯޓުތަކުގެ ލައިވް އަޕްޑޭޓު ފެންނަ ވެބްސައިޓުތަކުން ދައްކާގޮތުން އެ ބޯޓު ކޮލަންބޯއަށް ދަތުރު ކުރުމަށްފަހު އެ ގައުމަށް ނުޖައްސަައި ބަޓިކް އެއާގެ ބޯޓު މިހާރު އަނެއްކާ ވެސް އަންނަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.
ބަޓިކް އެއާގެ ބޯޓު ކުއަލަލަންޕޫރުން ނައްޓާލިފަހުން މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ފަސް ގަޑިއިރާއި 40 މިނެޓު ވެއްޖެ އެވެ. އެ ބޯޓު ރާއްޖެއަށް ޖައްސާނެ ކަމަށް ލަފާ ކުރެވޭ ގަޑިއަކީ މިރޭ މެންދަމު 12:58 އެވެ.
ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތަކުގެ ކޮންޓްރޯލް ގެއްލި، ޑްރޯންތައް މޫދަށް ވެއްޓުނު މަންޒަރު އެ ރަސްމިއްޔާތު ކަވަރު ކުރަން އުޅުނު ނޫސްވެރިންނާއި ބައެއް އާންމުންނަށް ވެސް ފެނުނެވެ. ބައެއް ޑްރޯންތައް ކޮންޓްރޯލުން ނައްޓައިގެން އުދުހޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.
ނަމަވެސް އެކަމާ ބެހޭގޮތުން އެމްއޭސީއެލް އިން ވެސް އަދި އެމްއެންޑީއެފުން ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް އުދުއްސާލީ ކުރީގެ ރަންވޭ މަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ