ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ތިމާކުރި ނަމާދުގެއެވެ. ދެން ކުރިހައި ކަންކަން އަންނާނީ އެއިގެ ފަހަތުންނެވެ. ނަމާދުފުރިހަމަނުކުރެވި ހުރެއްޖެނަމަ ކުރި އެހެން ހުރިހާ ކަންކަން ބާޠިލުވެގެންދިއައީއެވެ. ވީމާ ނަމާދަށް ރައްކައުތެރިވާން ކޮންމެހެންވެސް އެބަ ޖެހެއެވެ.
ކުރާ ނަމާދު ނަމާދަކަށްވާނީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ކުރެވުމުންނެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. ނަމާދު ފުރިހަމަވާނީ ކިޔާތަކެތީގެ މާނަ ހިތަށް ގެންނަމުން ނަމާދުކުރުމުންނެވެ. ނަމާދަށް ދޭންޖެހޭ ސަމާލުކަން ދީގެން ނަމާދުކުރުރުމުންނެވެ. މިކަންކަން އަހަރެމެންނަށް ފުރިހަމަކުރެވެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟
ސުވާލަކީ ކުރި ފަރުޟު ނަމާދުތަކުން ބައެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ދެން އޮތީ ކޮންގޮތެއް ހެއްޔެވެ؟ އެޙާލަތުން ސަލާމަތްވާން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
ފަރުޟު ނަމާދުކޮށް ނިމުމާއިއެކު އަވަސް އަރުވާލާފައި މިސްކިތުން ފައިބައިގެންދާއިރު ނުވަތަ މުސައްލަމަތިން ތެދުވެގެންދާއިރު މި ބަޔާންކުރި ޙާލަތާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ. ވިސްނައިލާށެވެ! ތިމާ މިކުރި ނަމާދު ކުރެވުނީ ހަމަ ފުރިހަމައަށް ހެއްޔެވެ؟ ﷲ ތަޢާލާ އެ ނަމާދު ޤަބޫލުފުޅު ކުރައްވަވާނެބާވައެވެ!
މައްސަލައިގެ ޙައްލު އޮތީ ސުންނަތް ނަމާދުތަކުންނެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތަކާއި ރަވާތިބު ސުންނަތާއި އެނޫންވެސް ސުންނަތް ނަމާދުތައް ކުރަން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ޤިޔާމަތް ދުވަހު ނަމާދުގެ ހިސާބު ބައްލަވާއިރު ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅަކަށް، އެމީހާގެ ފަރުޟު ނަމާދުން އުނިވާބައި ސުންނަތް ނަމާދުތަކުން ލައްވަވައި ދެއްވަވާނެތީއެވެ.
ކަން މިހެން އޮތްއިރު އަހަރެންގެ ނަޞޭޙަތަކީ ވީހައި ގިނަ ރަވާތިބު ސުންނަތާއި އެހެންވެސް ސުންނަތް ނަމާދުތައް ކުރުމެވެ. ނަމާދުގެ ކުރިންނާއި ފަހުން ވެސް ހަމަ ހުރިހާ ރަކްޢަތެއް ކުރުމެވެ. އަދި އެހެން ސުންނަތް ނަމާދުތައްވެސް ވީހައި ގިނައިން ކުރުމެވެ. އެކަމުގެ ބޭނުމަކީ ތިމާ ކުރި ނަމާދުތައް ޤަބޫލުފުޅު ނުކުރައްވަވައިފާނެ ކަމަށް މިޒަމާނުގެ ބަހުރުވައިންނަމަ "ރިޒަރވް ސްޓޮކެއް" ޖަމާގައި ބެހެއްޓުމެވެ. ބެހެއްޓޭނީ "ރިޒަރވް ސްޓޮކެއް" ހިފައިގެން ދެވިއްޖެ ނަމައެވެ. ފަރުޟު ނަމާދުން އުނިވާބައި ފޫބެއްދުމަށެވެ. ރަވާތިބު ސުންނަތް ނޫން ސުންނަތް ނަމާދުތައްވެސް ވެސް ވީހައި ގިނައިން ކުރާށެވެ. ބިޔަ ރިޒަރވް ސްޓޮކެއް ބެހެއްޓޭނީ އެއިރުންނެވެ.
އެންމެ ގިނަ ބައަކު އިހްމާލުވަނީ އިހު ސުންނަތަށް ކަމުގައިވާއިރު ޖަމާއަތަށް އަންނަ ގަޑި ހަމަ އެންމެ 3 މިނިޓް އަވަސްކޮށް ނުލެވޭނީ ހެއްޔެވެ؟ 3 މިނިޓް އަވަސްކޮށްލައި އިހު ސުންނަތް ކޮށްލުމުން ލިބެން އޮތް ސަވާބާއި ދަރުމަ އެހައި ބޮޑުއިރުވެސް މެއެވެ. ހަމަ އެއާއިއެކު ފަރުޟު ނަމާދުގައި ފަދައިން ސުންނަތް ނަމާދުތަކުގައިވެސް ފުރިހަމައަށް ޚުޝޫޢަތްތެރިވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަޞިއްޔަތް ކުރަމެވެ.
މުސްލިމުންގެ ތެރެއިން ފަރުޟު ނަމާދު ޤަވާއިދުން އަދާ ކުރާ ގިނަ ބައަކުވެސް ރަވާތިބު ސުންނަތް ކުރުމަށް ދޭންޖެހޭ ސަމާލުކަމެއް ނުދެއެވެ. ފުރަތަމަ ކަމަކީ އިހު ސުންނަތް ކުރާ ހައި ވަގުތު އޮއްވައި މިސްކިތަށް ނުއަންނަ ކަމެވެ. ދެވަނަ ކަމަކީ އިމާމް މީހާ ސަލާމް ދިނުމާއިއެކު މަޑުވެސްކޮށްނުލައި މިސްކިތުން ފައިބައިގެންދާކަމެވެ.
އެގޮތަށް ފައިބައިގެންދާ ގިނަ މީހުން އެދަނީ އެންމެ ކުޑަމިނުން ފަހު ސުންނަތް ނުކުރާތަނުގައި ޛިކުރް ތަޞްބީޙަ ވެސް ކިޔައި ނުލައެވެ.
މުސްލިމް ނޫން ޤައުމުތަކުގައި ވަޒީފާ އަދާކުރަނީ މުސްލިމުންގެ ކުންފުނިތަކުގައި ކަމަށް ނުވާނަމަ މިފަދަ ހާލަތު ކުރިމަތިވެދާނެއެވެ. އަދި މުސްލިމް ޤައުމެއްގައިވެސް ކާފިރެއްގެ ވަޒީފާ އަދާކުރާނަމަ މިފަދަ މަޖުބޫރުކަމެއް ކުރިމަތިވެދާނެއެވެ. ނަމަވެސް މި ދެހާލަތު ނުވަތަ އެނޫންވެސް މަޖުބޫރީ ޙާލަތެއް މެދުވެރިނުވާނަމަ ނަމާދުކޮށް ނިމުމުން ޛިކުރް ތަޞްބީޙަ ކިޔައި ސުންނަތްކޮށްލަން މަޑުކޮށްލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކުރި ފަރުޟު ނަމާދުތަކުން ބައެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ދެން އޮތީ ކޮންގޮތެއް ހެއްޔެވެ؟ އެޙާލަތުން ސަލާމަތްވާން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ