ފްލެޓު ލިއުންދީފަ އޮއްވާ ލިސްޓުން އުނިކުރި މައްސަލައެއް ކޯޓަށް

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް މި ސަރުކާރުން ހަވާލުކުރަމުންދާއިރު ކުރީގެ ލިސްޓުން ފްލެޓު ލިބުނުކަމުގެ ލިއުން ހަވާލުކޮށްފައިވާ ބައެއް މީހުން އެ ލިސްޓުން އުނިކޮށް، އެހެން މީހުންނަށް އެ ފްލެޓުތައް ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މިއަދު ސިވިލް ކޯޓުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަޅާ 4،000 ފްލެޓުން ޖާގަ ލިބޭ މިދިޔަ ސަރުކާރުގައި އޮތީ ކަނޑައަޅާފަ އެވެ. އެ ލިސްޓު މި ސަރުކާރުން މުރާޖައާކުރަން ފުރަތަމަ ނިންމި ނަމަވެސް، އަމާޒުވި ބޮޑެތި ފާޑުކިއުންތަކާ އެކު ކުރީގެ ލިސްޓަށް ފްލެޓުދޭން ނިންމީ އެވެ. އެގޮތުން:
ކުރީގެ ލިސްޓަށް ފްލެޓުދޭން ނިންމީ، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާ ގޮތަށް 
އެގޮތުން މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް މިނިސްޓްރީން ލަފާކުރޭ
މި ފްލެޓުތައް ލިބޭ މީހުންނާ އެކު ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ޝަރުތު ހަމަނުވެގެން ފްލެޓު ނުލިބޭ މީހުންނަށް އެކަން މިނިސްޓްރީން ދަނީ އަންގަމުން
ތަފްސީލް - ކުރީގެ ލިސްޓުން ފްލެޓު ލިބި އަދި މިިދިޔަ ސަރުކާރުގައި ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފަވެސް ވަނިކޮށް، މިހާރު ހަވާލުކުރަމުންދާ ފްލެޓުތަކުން ޖާގަ ނުލިބޭނެކަން އަންގާ އެ ލިސްޓުން ނަން އުނިކުރި މައްސަލައެއްގައި މިއަދު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދިފައިވަނީ އާންމު މީހެކެވެ. އޭނާ ހުށަހެޅީ:
އޭގެ މައުލޫއީ މައްސަލަ ހުށަހެޅުމުގެ ކުރިން، އޭނާއަށް ލިބިފައިވާ ފްލެޓު އެހެން އެއްވެސް މީހަކަށް ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި
ކޯޓަށް މި މައްސަލަ ހުށަހެޅުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ، އެ މައްސަލާގައި އެދުނީ މައްސަލާގެ މައުލޫއީ މައްސަލަ ވެއްދުމުގެ ކުރިންނާއި، އެ މައްސަލާގައި ކޯޓުން ގޮތެއް ނުނިމެނީސް އެ ފްލެޓު އެހެން މީހަކަށް ދީފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ކަމަށެވެ. 
މާލޭ ރައްޔިތުން ތަމްސީލުކުރާ ބޭފުޅެއްގެ ހައިސިއްޔަތުން އެފަދައިން ފްލެޓު އަތުލަމުންދާ މީހުންގެ މައްސަލަތަކުގައި ވަކާލާތުކުރައްވަމުންދާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވެސް އެތަނުގައި ހުންނެވި އެވެ.
މީޑިއާތަކާ ވާހަކަދައްކަވަމުން ސައިފު ވިދާޅުވީ:
މިދިޔަ ސަރުކާރުގައި ފްލެޓު ހަވާލުކޮށްފައިވާ ސައްހަ އެއްބަސްވުމެއް އޮތް އެފަދަ އެތައް ބަޔަކަށް މިހާރު ހަވާލުކުރަމުންދާ ފްލެޓުތަކުން ޖާގަ ނުލިބޭނެކަން އަންގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް 
އެހެންކަމުން ކުރިއަށް އޮތްތަނުގައި އެއިން ކޮންމެ މީހެއްގެ މައްސަލަ ވެސް ވަކިވަކިން ކޯޓަށް ހުށަހަޅަމުންދާނެ ކަމަށް 
ސައިފު 'ދައުރު'އަށް ވިދާޅުވިގޮތުގައި އެގޮތަށް ސައްހަ އެއްބަސްވުމެއް އޮއްވާ މިހާރު ދެމުންދާ ފްލެޓުތަކުން ޖާގަ ނުލިބޭނެކަން އަންގާފައިވާ 60 އަށްވުރެ ގިނަ މީހުންގެ މައްސަލަ އެބަހުއްޓެވެ. މަސައްކަތްކުރަމުންދަނީ ކުރިއަށް އޮތްތަނުގައި އެއިން ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކިވަކިން ހުށަހެޅުމުގެ ބޭނުމަކީ މިހާރު ފްލެޓުތައް ހަވާލުކުރަމުންދާއިރު އެކަމަށް ހުރަސް އެޅޭނެ ގޮތެއް ނުހެދުން. މިއަދު މި ހުށަހެޅީ ފުރަތަމަ ކޭސް. ކުރިއަށް އޮތްތަނުގައި ކޭސްއަކަށްފަހު ކޭސްއެއް އަޅުގަނޑުމެން ފްލެޓު ލިބިފައިވާ މީހުން ލައްވާ އެހީތެރިކަން ފޯރުކޮށްދީގެން މައްސަލަ ކޯޓަށް ހުށަހަޅަމުންދާނަން. އެބޭފުޅުންނަށް ލިބިފައިވާ ތަނެއް އެހެން ބަޔަކަށް ލިބިގެން ނުވާނެ،" ސައިފް ވިދާޅުވި އެވެ.
ފްލެޓު ލިބޭނެކަން ކަށަވަރުވެ މިދިޔަ ސަރުކާރުގައި ލިއުންދީފައިވާ ހުރިހާ މީހުން ފަރުދީ ހައިސިއްޔަތުން ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިޝާން ގޮވާލެއްވި އެވެ. ނިޝާން ވިދާޅުވީ ފްލެޓުތައް އަތުލާފައިވަނީ އެއްބަަސްވުމާބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ