ކިންގްޑަމް އޮފް ނޯވޭގެ އައު ސަފީރު، ހަރ އެކްސަލަންސީ މައި-އެލިން ސްޓެނަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ނޯވޭގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، މިދާއިރާގައި ނޯވޭގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް ފަހި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް ނޯވޭއިން ތަޢުލީމީ ފުރުސަތުތައް ހުޅުވާލުމާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ސަފީރުގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާ އިޝާރާތްކުރެއްވި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހިރާއްޖެ އާއި ނޯވޭއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނަ އަހަރުގެ މާޗް މަހުގެ 26ވަނަ ދުވަހުއެވެ.
ނޯވޭގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ