އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި
މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ. އުރީދޫން ބުނީ ރަޖިސްޓާވުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމުތައް ރަޖިސްޓަރީ ކޮށްގެން ކުރިއަށް ގެންދާ ޕަބްޖީ މުބާރާތެކެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތްކަން އުރީދޫން ވަނީ ފާހަގަކޮށްފައެވެ. މުބާރާތުގެ އޮނިގަނޑު އަދި ޓައިމްލައިން: އުރީދޫން ބުނީ އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެއް ކަމަށެވެ. މުބާރާތުގެ ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސްއެވެ. ޖުމްލަ 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި މުބާރާތް ބަހާލެވިފައިވާ ގޮތަށް ބަލާއިރު: ޗެމްޕިއަން: 25،000 ރުފިޔާ ދެވަނަ: 12،000 ރުފިޔާ ތިންވަނަ: 6،000 ރުފިޔާ ހަތަރުވަނަ: 3،000 ރުފިޔާ އެމްވީޕީ: 4،000 ރުފިޔާ އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފި -- ފޮޓޯ/ އުރީދޫ މުބާރާތުގެ ގައިޑްލައިން: މި މުބާރާތުގެ ގައިޑްލައިންގައި ވާގޮތުން ކޮންމެ ޓީމެއްގައި މަދުވެގެން ހަ ކުޅުންތެރިން ހިމަނަންވާނެއެެވެ. ޓީމަށް ނަންދިނުން: އެއް ރަށަކުން ގިނަ ޓީމުތަކެއް ތިބިނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެއެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެއެވެ. އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ހަރަކާތެކެވެ. އުރީދޫން ވަނީ މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމްތައް ބައިވެރިވާނެ ކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ