ކައުންސިލްތައް ކުޑަކުރާ ގަރާރު އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި މަހު 15ގައި އޮތް މަޖިލިސް ޖަލްސާގައި އެ ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި އެ ގަރާރަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު ހުޅުވާލީ އަންނަ މަހު 8ގެ މެންދުރު 12ގެ ނިޔަލަށެވެ. ހިޔާލާއި ކޮމެންޓު ފޮނުވާނީ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ އީމެއިލް [email protected] އަށެވެ.
ތަފްސީލު - ލޯކަލް ކައުންސިލްތަކުގެ ސައިޒު މިހާރު މާބޮޑު ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު މި ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ 7 ޖުލައި 2024ގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގަ އެވެ.
އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުމަކީ 3،000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ.
މަޖިލީހަށް މި މަހު ހުށަހެޅި ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ.
އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީއިން ވަނީ އެ ގަރާރަށް ފާޑުކިޔާފަ އެވެ. އެ ޕާޓީއިން ތުހުމަތު ކުރާ ގޮތުގައި ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ އެހީއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ