ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސްކޭމް ސަރުކާރެއް ކަމަށް އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލަށް ގުޅިވަޑައިގަތުމަށް ބާއްވާ ޖަލްސާގައި ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން އެކި ނަން ނަމުގައި އެތައް ސްކޭމެއް ހިންގާފައިވާ ކަމަށެވެ.
"ބޮޑު ސިންގާ ސްކޭމް ސަރުކާރެއް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ. ބަންކަރިންގެ ސްކޭމް. ޑޮލަރުގެ ސްކޭމް. ރަސްމާލެ، ބިއްލޫރި ޓަނަލްގެ ސްކޭމް. ޗާގޯސްގެ ސްކީމް. އިންޑިއާ އައުޓޭ ކިޔާފައި ނިކުތް ސްކީމް. ބޯހިޔާވެހިކަން އޮޅުވާލުމަށް، ފްލެޓްތައް އޮޅުވާލުމަށް އޮތް ސްކީމް. ޒުވާނުންނަށް އޮޅުވާލުމަށް ނިކުމެގެން އުޅޭ ސްކީމް. ޕާޓީގެ މެންބަރުންތައް ވަގަށް ފޭރިގަތް ސްކީމް. އެއީ މިސަރުކާރަކީ،" ޝާހިދު ވިދާޅުވި އެވެ.
އާސަންދަ މެދުވެރިކޮށް ބޭސްގުޅައެއްހާ މިންވަރުވެސް ނުލިބޭކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މި ސަރުކާރަކީ އެއްވެސް ގޮތެއް ކަމެއް ފުކެއް ނެތް ސަރުކާރެއް ކަމަށެވެ.
މިގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެށި މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މި ސަރުކާރުން ހުއްޓާލާފައިވާއިރު، ރައްޔިތުންނާއި އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާތައް ނުދީ އަދިވެސް ހިފަހައްޓައިގެން ތިބި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފަށާފައި އޮތް މަޝްރޫއެއްވިއްޔާ ވަނީ ހުއްޓާލާފައި. އިއްޔެ ސަރުކާރުން އިއުލާން ކުރެއްވި ތިމަންނާމެން ފަސް ބިލިއަން ރުފިޔާގެ ލޯން ދައްކައިފީމޭ. 1.3 ބިލިއަން ރުފިޔާ އަދިވެސް ޖީބުގައި އެބައޮތޭ ސާޕްލަސް،" ޝާހިދު ވިދާޅުވި އެވެ.
"ބައްލަވާ ރާއްޖޭގެ ރައްޔިތުންނަށް ދެއްވަން ހުރި ފައިސާތައް ދެއްވާ އަމިއްލަ ކުންފުނިތަކަށް ދެއްވަން ޖެހޭ ފައިސާތައް ދެއްވާ. އެ ފައިސާ ދެއްވީމަ ތިޔަ ބާކީ ފައިސާ ހުންނާނީ. އެހެން ނޫނިއްޔާ ތިޔައީ ސްކޭމް ސަރުކާރެއް."
ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކޮންމެހެން ވެސް އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ޖެހޭ ކަމަށާއި އެހެން ހުރިހާ ކަމެއް އެއްކިބާ ކޮށްފައި ފޯކަސް ކުރަން ޖެހެނީ ކައުންސިލް އިންތިހާބަށް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރަކީ ސްކޭމް ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވެއްޖެ ރައީސް މުއިއްޒުގެ ސަރުކާރަކީ ސްކޭމް ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ