ހުއްޓިފައި އޮތް އެމްޑީޕީ ކުރިއަރުވަން ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި
ދެ އަހަރު ފަހުން ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ބާނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި އެވެ.ރައީސް ނަޝީދަކީ އެމްޑީޕީން އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އެ ޕާޓީގެ ބާނީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އަދި އެމްޑީޕީ ރަޖިސްޓްރީކުރުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރޭގައިވެސް ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ.އެމްޑީޕީގެ މިހާރުގެ ލީޑަޝިޕާއި ރައީސް ނަޝީދާ އެންމެ ފުރަތަމަ މައްސަލަ ދިމާވި އެއް ކަމަކީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހިސާބުންނެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ މިވަގުތު ގައުމުގައި ކުރަން ހުރި ކަންކަމަށް ބަލާއިރު އިސްކަންދޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތައް އިތުރަށް ގޯސްވެ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީ ދޫކޮށް ދިޔައީ ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައިގެން ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެން ހިސާބުންނެވެ.ރައީސް ނަޝީދު މީގެކުރިން އެމްޑީޕީ ކޮންޓްރޯލް ކުރެއްވި ނަމަވެސް މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށްފަހު ރައީސް ނަޝީދަށް ވަނީ އެމްޑީޕީގެ ކޮންޓްރޯލް ގެއްލިފަ އެވެ.ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ "ޑިމޮކްރެޓްސް" ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށް ހިންގަވަން ފައްޓަވާފައި އެވެ. ނަމަވެސް ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޑިމޮކްރެޓްސް އިން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ޕާޓީގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމާފަ އެވެ. އެކަން ކުލަގަދަކޮށް ފާހަގަކޮށް، ނަޝީދަށާއި އެހެން މެމްބަރުންނަށް މަރުހަބާ ކިޔުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވާތީ މިރޭ ސަލްޓަން ޕާކުގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައި އެވެ.މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ދެ އަހަރު ފަހުން އަލުން އެނބުރި އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވާ ނަޝީދު ވިދާޅުވީ، މިރޭ އެ މަނިކުފާނަށް ކުރެއްވެނީ އެނބުރި ގެއަށް އާދެވުމުން ކުރެވޭ ފޮނި އިހުސާސް ކަމަށެވެ."އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،" ގިނަ ދުވަސްތަކެއްވަންދެން އެ މަނިކުފާނު ރައީސްކަން ކުރެއްވި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވަމުން އަސަރާ އެކު ވިދާޅުވިއެވެ.ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ 19 މަޖިލީހަށް އިންތިހާބުވެވަޑައިގެން މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ.ރައީސް ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ