ކެމޮމައިލް 35

އެކުވެރިކަމުގެ މޫނުމަތިގަނޑު އަޅައިގެން ވަރަށް ގިނަ ހަސަދަވެރިން އުޅޭނެއެވެ. ސަމާލުވާށެވެ." *** މިރިއަމް ދުޢާކޮށްލިއިރު ހިތަށް ފުން އަސަރަކާއެކު ލޮލުން ކަރުނަތިއްކެއް ވެއްޓިގެން ދިޔައެވެ. އަތުގެ ނުފުށުން ފޮހެލެވުނެވެ. މުސްލިމުންނަށް އަނިޔާ ލިބެމުންދާތާ ކޮން ޒަމާނެއްހެއްޔެވެ؟އެފަދަ އިމްތިހާނުތަކާއި ކުރިމަތިލާ ބަޔަކަށް ނޫނީ އޭގެ ހުރި ވޭނެއް އިހުސާސެއްނުވާނެއެވެ. ގެދޮރު ގެއްލި އާއިލާތައް ނިކަމެތިވެ އަބަދާއަބަދު ހެން ބޮމުގެ އަޑުތަކުގެ ތެރޭގައި ނިދަން މަޖުބޫރުވެފައިވިޔަސް ހިތްވަރުގަަދަ ފަހުލަވާނުންތަކެވެ. ފްލައިޓްގެ ތެރެއަށް ވެރިވީ ހިމޭންކަން އެންމެން ހިއްސާކުރިއެވެ. އެ ހިމޭން ދުޢާތައްވެސް ވިލާތަކާއި އެކުވެގެން މައްޗަށް އަރައިގެން ދިޔަފަދައިން ފްލައިޓްވެސް އޭގެ މަންޒިލަށް މިސްރާބުޖެހިއެވެ. *** މިރިއަމް ދެވަނަފަހަރަށްވެސް ތަކުރާރުކޮށް އެ ދުޢާކިޔަމުން ދިޔައީ ސްކްރީންގެ އަލި ފަނޑުވާންދެން ބަލަހައްޓައިގެން އިނދެފައެވެ. އެ ލަފުޒުތައް ސިކުނޑީގައި ހަރުލާފައިވިއެވެ. ކުރީގެ ކޮންމެވެސް ހަނދާނެއް ހިރިލުމުން މޭގައި ރިހުމެއް އުފެދުނެވެ. އެހާވަރަށް ފުން އަސަރުތަކެއް މިއިން ކުރަންވީ ސަބަބެއް ވިސްނުމަކަށް ނައެވެ. ފަހަރެއްގައި އޭނަގެ ހިތްވެސް އެހާ ބޮޑަށް ހަލާކުވެފައިވާތީކަން ނޭގެއެވެ. އެއްވެސް މީހަކަށް ނުފެނުނަސް އެތަންމިތަނަށް ގެއްލުން ވެފައެވެ. މި ހަޔާތަކީ އިމްތިހާނެކެވެ. ގުރުއާނުގެ ބަގަރާ ސޫރަތުގެ 155ވަނަ އާޔަތުގައި ﷲ ތައާލާ ވަހީ ކުރައްވާފައިވަނީ وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ މާނައަކީ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނު ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ." އޭނަގެ ލޯ ކަރަންފެށިއެވެ. އޭނައަށް އައި އިމްތިހާނުތައްވެސް ގިނައެވެ. ކެތްތެރިވާން އެނގޭހެއްޔެވެ؟ ނޫނީ އޭނަ އެކަމަށް ފިލަން ދުވަނީހެއްޔެވެ؟ ކެތްތެރިކަމުގެ މާނައާއިމެދު ވިސްނާ ދަރުސް ބަލަން ސަޔާރާ އެތައް ފަހަރަކު ވަނީ ބުނެފައެވެ. އެ ޚިޔާލުތައް ބޮލުން ނައްޓައިލަންވެގެން އަނެއް ފަޅިއަށް އެނބުރިލާފައި ފިނި ކުޑަދޮރުގައި ކޯތާފަތް ޖައްސައިލެވުނެވެ. ތިރިން ފެންނަ ވިލާތައް ފެންނަނީ ހުދު މާޝްމެލޯތަކެއްހެންނެވެ. މާސިންގާ އަދި ނިމުމެއްނެތެވެ. ފަހަތުން ކޮންމެވެސް މީހަކު ސީޓްބެލްޓް ނައްޓައިލިއަޑު އިވުނެވެ. އަދި ހަނާންގެ ސެންޓްގެ ވަސް ފްލައިޓްތެރޭގައި ހިފައިލުމާއެކު ނޭފަތުގައި ޖެހުނެވެ. ފިނިފެންމަލާއި ގާޑެނިއާފަދަ ފޮނި އަދި މީރުވަހެއްވެސް އެކުލެވެއެވެ. އޭނަ ފަހަތަށް ބަލައިލަން ބޭނުމެއްނުވިއެވެ. އެދެމީހުން އެކީގައި ފެންނާކަށްވެސް ބޭނުމެއް ނޫނެވެ. އޭނައަށް އެނގިފައިވާ ކަމެއް ނަމަވެސް އެނގެން އޭނަގެ ހިތް ދެކޮޅެވެ. ސީޓުތައް ނެގީ ހަމްޒާ ބޭނުންވި ގޮތަކަށް ނޫނެވެ. ޑޮކްޓަރުންގެ ޓީމުން އެކަން ހަމަޖައްސާފައި އެމީހުން ތިބެން ބޭނުންވާ ސީޓުތައްވެސް ބުކްކުރުވިއެވެ. ހަނާން ބޭނުންވެގެން އެދެމީހުންނަށް ސީޓުނެގީ މެދުތެރެއިންނެވެ. ހަމްޒާ އިށީދެ އިން ތަނުގެ ގޮތުން އޭނައަށް މިރިއަމް ސީދާ ނުފެނުނަސް މިރިއަމް އިށީގެން އިނީ ކިހާހިސާބެއްގައި ކަން އެނގުނެވެ. އޭނަގެ ޟަމީރުގައި ހިމޭން ކަރަންޓެއް އުފެދި އެ ދިމާލަށް ދަމާފަދައެވެ. މިރިއަމް ނުބައި ގޭޓަށް ދަނިކޮށް އޭނަ ގޮވައިލުމުން ބަލައިލިއިރު ފެނުނީ ހަމައެކަނި ލަދުގަތްކަމެއް ނޫނެވެ. އެލޮލުން އޭނައަށް ފެނުނީ ދުރުކަމެވެ. ކުރިން ދުވަހަކުވެސް ދެކެފައި ނުވާ ބީރައްޓެއްސެއްހެންނެވެ. މެންދުރު ކެއުން ބަހަމުން ފްލައިޓް އެޓެންޑެންޓުން ދިޔައިރު ތަށިތަކުގައި އުލާއި ސަމުސާޖެހޭ އަޑާއި ޝުކުރުވެރި ލަފުޒުތައް އަދި ދޭތެރެއިން ކުޑަ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑުވެސް އިވިލައެވެ. މިިރިއަމްވެސް ހޫނު ބްރެޑް ރޯލްއެއް ކާންފެށިނަމަވެސް އޭނަގެ އަރުތެރެ ވަނީ ބެދިފައެވެ. ކާހިތް ކެނޑުނުތާ ކޮން ދުވަހެއްހެއްޔެވެ؟ މަންމަ އޭނައަށް ފަތިސް ނަމާދަށް މަޑުމަޑުން ގޮވާ އަޑު އިވުނެވެ. ކޮންފަދަ އޯގާތެރި އަޑެއްހެއްޔެވެ؟ އޭނަ ކިތަންމެ ނިންޖަށް ބޭނުންވެފައި ހުއްޓަސް މަންމަ އޭނަ ތަންމަތިން ނަގާނެއެވެ. މަންމަގެ ދަރި ނަރަކައިގެ އަލިފާނުން ސަލާމަތްކުރަން މަންމައަށްވުރެ ބޮޑަށް މަސައްކަތްކުރާނެ އެހެން އިންސާނެއް ނުވާނެކަ ކުއްލިއަކަށް ހަނާންގެ އަޑު ކަންފަތުގައި ޖެހުމުން އޭނަގެ ކަންފަތް ބަންދުވެފައި ހުރެވެސް ރަގަޅަށް ހުޅުވުނެވެ. ހަނާންގެ އަޑު މިއުޒިކެއްފަދައެވެ. ކަންފަތަށް ފަސޭހަ އަޑެކެވެ. ހިމޭންކަން ނައްތައިލަން ބޭނުން ނުވިޔަސް ކެތްތެރިކަން ގެއްލުނީކަން ނޭގެއެވެ. "އަދިވެސް ހަމަ މިއީ ހުވަފެނެއް ކަހަލަ.. ކަނޑުގައި އުދުހުން...ފުރަތަމަ ފަހަރަށް މިހާ ދުރު ދަތުރެއް މިކުރެވެނީ..." "ހްމްމމް.."ހަމްޒާ ބުނެލިއެވެ. " މާލޭގެ ތަސްވީރުތަކަށް ބެލިން..."ހަނާން ކުރިއަށް ގެންދިޔައެވެ."ވަރަށް ރީތި ޖަޒީރާ ގައުމެއް. ޕޯސްޓްކާޑެއްހެން. ކުދި މަގުތަކާއި ކުލަކުލައިގެ އިމާރާތްތައް؟ ބުނީމެއްނު ތޮއްޖެހިފައޭ އެކަމަކު އޮންނަނީ.." "ވަރަށް ބޮޑަށް...." "ހެހެ..ތީ ދެން ހަމަ އާދަވެފައިވާކަމެއް..ރަށްތައް ކިހިނެއް؟ ހަމްޒާ ދިޔަ ރަށްތައް؟" "ރަށްތައް ވަރަށް ހިމޭން.." "އެކަހަލަ ރަށެއްގައި އުޅެވިދާނެކަން ނޭގޭ.. ހިމޭން ސާދާ ދިރިއުޅުމެއް..ކައިރޯ ގޮތަކަށް ނޫން. އެއީކަން ނޭގޭ އެންމެ ބޭނުންވާކަހަލަ ތަނަކީ.އާއިލާއެއް ފަށަން..." ހަނާންގެ ފަހު ޖުމްލަ ތަންކޮޅެއް އަޑު ހަރެވެ. ހަމްޒާ އެ ވާހަކައަށް ޖަވާބެއް ނުދިނެވެ. ހިމޭންކަމެވެ. މިރިއަމްއަށް ނޭވާ ހިފަހައްޓައިގެންކަން އެނގުނީ ފަހުންނެވެ. ގަރުނެއްވިހެން ހީވިފަހުން ފްލައިޓް ތިރިކުރާންފެށުމާއެކު މިރިއަމްގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. ފިޔައިގެ ދަށުން ފެންނަން ފެށީ ނޫކުލައިގެ ތެރެއިން އުކާލެވިފައިވާ ކުދި ފެހި ރަށްތަކެވެ. ދެން ފެންނަން ފެށީ ފީރޯޒްކުލައިގެ ވިލެވެ. އިރުގެ އަލިން އާވި އަރާ ފުރާޅުތަކެވެ. ފްލައިޓް ރަންވޭގައި ޖެއްސުމުން މިރިއަމް ފޭބިގޮތަށް މާލެ އަންނާނެ ވާހަކަ ނުބުނެވުކަމުގެ މޮޔަ ހީވިއެވެ. ސަޔާރާ އަދި މަންމަ ގާތުގައިވެސް އޭނަ އެވާހަކަ ނުބުނެއެވެ. ޓާމިނަލުން ބޭރުވުމާއެކު ދެލޯ ބޮޑުވީ މީސްތަކުންގެ ތެރެއިން ޒުބޭރު ފެނުމުންނެވެ. ޒުބޭރުއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަޖައިބެކެވެ. އޭނަ ގާތު ބުނާނީ ކާކުހެއްޔެވެ؟ ހަމްޒާއާއި ޒުބޭރުގެ ގުޅުމެއް އޮތީބާވައެވެ. ޒުބޭރު ހަމަ ކުޑަކުއްޖެއްހެން ވަރަށް ފޯރިއާއެކު އަތް ހޫރުވަންފެށުމުން މިރިއަމް ރުޅި އަންނަގޮތްވިއެވެ. މިއަދު ނަސީބަކުން ހުރީ ތަންކޮޅެއް ރަސްމީކޮށެވެ. ފައިވާނުގެ ބަދަލުގައި ބޫޓަކަށް އަރަން ހަނދާންވީކަން ރަގަޅެވެ. ގަމީހާއިއެކު ފަޓުލޫނެއްލައި ރީތިކޮށް ބެގީޖަހައިގެންނެވެ. ޒުބޭރު ހުރިކަން އެނގޭކަމަށް ހަދާނުލާ އެހެން ދިމާލަކަށް ދާން އުޅެފައިވެސް މިރިއަމްގެ ސިކުނޑިއަށް އެރި އެއްޗަކުން ފިޔަވަޅު ހުއްޓުނެވެ. އޭނަ ހަމްޒާ ގާތުގައި ބުނެފައިވަނީ އޭނަ ކައިވެނިކޮށްގެން ހުރިކަމުގައެވެ. ވީމަ މިފަހަރު އޭނަގެ ފިރިމީހާގެ ގޮތުގައި ދައްކަންވީ މީހަކީ މި ޒުބޭރުތާއެވެ. ކޮންމެ ކަމެއްވާނީވެސް ހަމަ ރަގަޅަށެވެ. އެކަމަކު ހިތުގައި އުފަންވި ބިރުވެރިކަން ފިލާ ނުދެއެވެ. ޔަގީންކަމެއްވެސް ނެތެވެ. ހަމްޒާއާއި ޒުބޭރުގެ ގުޅުމެއް ނެތްނަމަ އޭނަ ބަލާ އަންނަންވީ ކީއްވެހެއްޔެވެ؟ ހަމްޒާ ބުނީހެއްޔެވެ؟ ޔަގީންކަމެއް ނެތަސް ކޮނޑު ސީދާކޮށްލުމަށްފަހު އޭނަ ހިނގައިގަތީ ޒުބޭރުއާއި ދިމާލަށެވެ. "މިރިއަމް. ޑޯންޓް ގެޓް މޭޑް އެޓް މީ....އެކަމަކު އަހަރެން އެއާޕޯޓް ޗެކްކޮށްލުމުން..............." "ޒުބޭރު....އައިކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރު..."އޭނަ ޒުބޭރުގެ ވާހަކަ މެދުކަނޑައިލިއެވެ. ދެމީހުންގެ ދެމެދު ލޮލުން މެސެޖްތަކެއް ބަދަލުކުރެވުނެވެ. ޔަގީނުންވެސް ޒުބޭރުއަށް ދެނެގަނެވުނެވެ. އެއާޕޯޓުތެރޭގެ ހަލަބޮލިކަމާއި އަޑުތައްވެސް މިރިއަމްގެ ކަންފަތުގައި އަލުން ޖެހުނެވެ. ޒުބޭރުވެސް ކުއްލިއަކަށް ފުޅާ ހިނިތުންވުމަކާއެކު އޭނަގެ ފަހަތުގައި ހުރި މީހަކަށް އަތް ނެގިއެވެ. އެނބުރި ބަލާނުލިޔަސް އެއީކާކުކަން ދެނެގަނެވުނެވެ. "ދާންވީ ދޯ...ކާރު ރެޑީއަށް އެބައޮތް..." ޒުބޭރުގެ ޖުމްލައާއެކު އޭނަ ހިނގައިގަތީ އަލުން ހަމްޒާއާއި ހަނާން ދެކެން ބޭނުންނުވާތީއެވެ. *** ޓާމިނަލުން ބޭރަށް ނިކެވުމުން ދިލަ ތެތް ހޫނުކަން އިހުސާސްވިއެވެ. ކަނޑުން އަންނަ ލޮނުގެ އަސަރު އެކުލެވޭވަހާއި ތެލުގެ ވަސްވެސް އެހިސާބަށް ދުވައެވެ. ދެމީހުން އެކީގައި ހިނގަމުން ދިޔައިރު ޒުބޭރުގެ އަތުން މިރިއަމްގެ ސޫޓުކޭސް ބަންޑުން ނުޖެހި ސަލާމަތްވަނީ ހަމަ ކިރިޔާއެވެ. ޒުބޭރު ކަޅުކުލައިގެ ކާރެއްގެ ކުރީ ދޮރުފަތް ހުޅުވައިލިއެވެ. "މިއީ...."މިރިއަމް ޖެހިލުންވިއެވެ. އެކަން ފާހަގަވެ ފަހަތު ދޮރު ހުޅުވާލާފައި އަރަން އިޝާރާތްކުރިއެވެ. އޮރެންޖް އެއާފްރެޝްނާގެ މީރުވަހުން ސިކުނޑިއަށް ތާޒާކަމެއް ލިބުނެވެ. މިރިއަމްއަށް ވާހަކަދައްކަން އުދަގޫވިޔަސް ޒުބޭރު ތަފާތެވެ. ކޮންމެވެސް ލަވައެއް ކިޔަމުން "ޖަބްލާނީ" އެއް ދިއްކޮށްލިއެވެ. އޭނަވެސް އަނގަޔަށް ޕެކެޓެއް ހުރިގޮތަށް އޮއްސައިލިއެވެ. މިރިއަމްވެސް ކަރުތެރެ ހިކިފައިވުމުން އޭގެ ޕެކެޓެއް ހޯދައިގެން އެތިކޮޅެއް އަނގަޔަށް ލިއެވެ. "އިިޖިފްޓަށް ދިޔައީމަ ޔަގީނުންވެސް މި އެއްޗެހި ނުލިބޭނެ. ވަރަށް އެޑިކްޓްވާ އެއްޗެއް ދޯ...ޑްރަގަށްވުރެ ރަގަޅެއްނު ޔަގީނުންވެސް މިއަށް ދެވި ހިފީމަ........" ޒުބޭރު ވާހަކަދެއްކީ ދެނެފަރިތަ އެކުވެރިއެއް ފަދައިންނެވެ. އެދޭތެރޭގައި އުދަގޫ ހިމޭންކަމެއް އަބަދުވެސް އޮންނަ ދެމީހުންހެން އިހުސާސްވިޔަ ނުދެއެވެ. "ހާދަ މަޑުން ތިއިންނަނީ..."ޒުބޭރު ކުޑަކޮށް އެނބުރުނެވެ."ކައިރޯއަށް ދިޔައީމަ ސްޓެޗޫއަކަށް ވީތަ؟" "ވަރުބަލިވެފައި.."އޭނަ ތޫނު ނަޒަރެއް ދިނެވެ. "މިރިއަމްގެ އުމުރުން ބާރަ އަހަރުގައި ކެރަމް މެޗަކުން ބަލިވީދުވަހުވެސް ބުނީ ތިހެން.."ޒުބޭރުގެ އަޑު އޮމާނެވެ."އޭގެ ފަހުން ހަފްތާއެއް ވަންދެން މަށާއި އަނގައިން ބުނަން އިންކާރުކުރި....." "އަހަރެން އެ މެޗުން ބައްޔެއްނުވޭ...."އޭނަ މޫނު ހަދައިލިއެވެ. ޒުބޭރު ހިނިގަނޑެއް ޖަހައިލިއެވެ."އާހް.....އެހެރަ މަންޖެ....އަދިވެސް ބަލިވީކަމަށް ގަބޫލުކުރަން ތައްޔާރެއްނޫން.." "އަހަރެން ބަލިކޮށް އުޅުނީ...ޔޫ ވާ ޗީޓިން..." "މަކަރުހެދީއޭ؟ ޕްލީޒް އަހަރެންގެ އުކުުތައް މޮޅީ. އެއަށް ކިޔަނީ ހިކުމަތްތެރިކަން...."ޒުބޭރު ކާރުގެ ހުންގާނުގައި މަޑުމަޑުން އިނގިލިތަކުން ތަޅަމުން ދިޔައެވެ."އަބަދުވެސް ވަރަށް ޑްރެމެޓިކް........." އެންމެފަހުން އޭނަގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. އޭނަގެ އަޑު އާދައިގެ ގޮތަކަށް ހުއްޓަސް ޝައުގުވެރިވިއެވެ."އަބަދުވެސް ރުޅި އަރުވަން މޮޅު....މިއީ ޒުބޭރުގެ ކާރުތަ؟ "މަންތަކަށް މީތި ކުއްޔަށް ނެގީ...އޭރުން ފަސޭހަވާނެއްނު. ރަށުގެ އެންމެ އެކޮޅުގައިވިއްޔާ މިރިއަމް ހުންނާނީ.." "ތިބުނީ ކީކޭތަ؟"އޭނަ ލޯ ބޮޑުކޮށްލިއެވެ. ޒުބޭރު ބުނީ އޭނަ މިރިއަމްގެ މަންމައާއި މިރިއަމް ހުންނަން އެޕާޓްމެންޓެއް ކުއްޔަށް ހިފި ވާހަކައެވެ. "ތިބުނީ ހަމަ ގެއެއްހެން؟" "އާނ....." މިރިއަމް ބަލަންއިނީ ފަސްދެމުންދާ އިމާރާތްތަކަށެވެ. ޒުބޭރުއަށް އޭނަ އަންނާނެކަން އެނގުމުންވެސް ހައިރާންވިއެވެ. އޭނަގެ ހިތް ދެނެގަތުމުގައި ކުޅަދާނަ މާހިރެކެވެ. "އަހަރެން އަންނާނެކަމެއްވެސް ނޭގެއެއްނު.." "އަހަންނަށް އެނގޭ...އަންނާނީ ކޮން އިރަކުކަމެއް ނޭގުނީ..އެކަމަކު ކޮންމެވެސް އިރަކުން އަނާނެކަން ދެނެހުރިން.. މިރިއަމް މަންމަ ދޫކޮށްފާ ދުރަކަށް ނުދާނެ..." "ކޮބާ މަންމަ؟" ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ