ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީން ޚަރަދުކުރީ ބަޖެޓުގެ ތެރެއިން، މިހާރު ކުރަނީ ބަޖެޓަށްވުރެ އިތުރަށް: ސުއޫދު
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ބަނގުރޫޓުވެދާނެ ކަމުގެ ބިރުބޮޑުވީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކަންތައް ކުރި ގޮތުން ކަމަށް ވިދާޅުވި ވާހަކައަކީ ދޮގު ކަމަށް އެ ކުންފުނީގެ ބޯޑުގެ ކުރީގެ މެންބަރު، އަބްދުﷲ ސުއޫދު މިއަދު ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރުސީ މާލީ ބޮޑު ގެއްލުމަކަށް ވެއްޓި، ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ވަނީ މިއަދު ބުނެފައެވެ. އެގޮތުން، އެ ކުންފުނީގެ މިދިޔަ ހަތަރު އަހަރުގެ މާލީ ރިކޯޑުތަކާ ހަވާލާދީ އެމްއެމްޕީއާރުސީން ބުނީ، އެ މުއްދަތުގައި ޖުމުލަ 203.8 މިލިއަން ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާ ކަމަށެވެ. https://sun.mv/208129 އެ މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް އެކޯޕަރޭޝަނަށް ލިބިފައި ވަނީ 2021ވަނަ އަހަރެވެ. އެ އަހަރު އެކަނި 141 މިލިއަން ރުފިޔާ ގެއްލުން އެމްއެމްޕީއާރުސީއަށް ލިބިފައިވާއިރު، އޭގެކުރިން 2020 ވަނަ އަހަރު ލިބުނީ 1.6 މިލިއަން ރުފިޔާގެ ގެއްލުމެވެ. އޭގެފަހުން، 2022ގައި 42 މިލިއަން ރުފިޔާގައި ގެއްލުން ހުރި ނަމަވެސް 2023ގައި ގެއްލުންވެފައި ވަނީ 17 މިލިއަން ރުފިޔާއެވެ. މި ކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ދަރަނިވެރިވީ 2013 އިން 2018އަށް ކަމަށާއި، މިދިޔަ ސަރުކާރުގައި އެ ތަން ހިންގުމަށް، ބަޖެޓުން ބޭރުން އެއްވެސް ޚަރަދެއް ކޮށްފައި ނުވާނެ ކަމަށެވެ. "އަޅުގަނޑުމެން އެއް އިރަކު ވެސް ކުންފުނި ދަރަނިވެރިކޮށްލާފައި ދިޔައީއެއް ނޫން. މިދިޔަ ހަތަރު އަހަރޭ ކިޔާފައި އެމްއެމްޕީއާރުސީގެ ސީއީއޯއާއި ޗެއާމަން ދީފައި އޮތް އިންޓަވިއުއަކީ އެއީ ވަރަށް ގޯސްކޮށް ދީފައި އޮތް އިންޓަވިއުއެއް. އެއީ ތެދު ހަގީގަތެއް ނޫން. އެއީ ހަމަ މުޅީން ރޯ ބުހުތާން ދޮގު އެއީ," އޭނާ ވިދާޅުވިއެވެ. ޕީޕީއެމްގެ ވެރިކަމުގައި 2014އިން ފެށިގެން މިދިޔަ އެމްޑީޕީ ސަރުކާރު އައުމާ ހަމައަށް އެމްއެމްޕީއާރުސީ އޮޑިޓުކޮށްފައެއް ނުވެއެވެ. މިދިޔަ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ފަތުރުވެރިކަމަށް ރަށްތައް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ 1.5 ބިލިއަން ރުފިޔާ ނުލިބި އޮތެވެ. އެ ވަރަށް އެ ކުންފުނީގެ ބަޖެޓުގައި ފައިސާ ނެތުމުން، ދައުލަތަށް އެ ފައިސާ ދައްކަންޖެހުނީ ދަރަނީގެ ގޮތުގައެވެ. އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހީމް ޝިއުރީއާއި ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒް: ކުރީ ސަރުކާރުގައި އެމްއެމްޕީއާރުސީން ޚަރަދުކުރީ ބަޖެޓުގެ ތެރެއިން ނަމަވެސް މިހާރު ކުރަނީ ބަޖެޓަށްވުރެ އިތުރަށް ކަމަށް ކުންފުނީގެ ކުރީގެ ބޯޑު މެންބަރު ވިދާޅުވި -- ފޮޓޯ/ އެމްއެމްޕީއާރުސީ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާބެހޭ ކޮމިޓީން އެމްއެމްޕީއާރުސީގެ ހާލަތު ބެލިއިރު، އެ ތަނުގެ ގިއަރިން ރޭޝިއޯތައް ކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯ ހުރީ މައިނަސް ޢަދަދުތަކެއްގައެވެ. މިކަމުން ދޭހަވަނީ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަކަން ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ. ބަނގުރޫޓުވުމުގެ ބިރުބޮޑުވެފައި އޮތަސް، އެ ކުންފުނިން ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް 20.6 މިލިއަން ރުފިޔާ ޚަރަދު ކުރަން ހިމަނާފައިވެއެވެ. https://sun.mv/208085 މި ކަމާ ގުޅިގެން ސުއޫދު ވިދާޅުވީ އެއީ އެއްވެސް މާކެޓިން ޕްލޭނެއް ނެތި މި ސަރުކާރުން ކުރިޔަށް ގެންދާ ކަމެއް ކަމަށާއި، އޭގެ ނަތީޖާ ނުނިކުންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކަމަށް ޚަރަދުކުރަނީ ވެސް އެމްއެމްޕީއާރުސީއަށް ދީފައިވާ ބަޖެޓަށްވުރެ މާ އިތުރަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ދުނިޔޭގައި އިޝްތިހާރު ކުރުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން، އެ ފަރާތްތަކަށް ދޭންޖެހޭ ފައިސާނުދޭކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެ ހަމަ އެކަނި ސޮއިކުރަމުންދަނީ، ތިމަންނަމެން މި ޕްރޮޖެކްޓު ހިންގީމޭ ކިޔާފައި. އެ ބޭފުޅުންނަށް ވެސް ފެންނާނެ ރާއްޖެ ޕްރޮމޯޓު ކުރާކަށް އެއްވެސް ހަރަކާތެއް ނުފެނޭ ދެއްތޯ. އެއީ އެ ދައްކަންޖެހޭ ފައިސާ ނުދައްކާތީ، ސޮއި ކުރުމަކުން އަދި ނުއެއް ނިމޭ ދެއްތޯ،" އޭނާ ވިދާޅުވިއެވެ. ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް ހުރި ކުންފުނިތައް އުވައިލުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިގްތިޞާދީ އެެޖެންޑާގައި ހިމެނޭ ކަމެކެވެ. އެ ވިސްނުމާ އެއްގޮތަށް ސަރުކާރު ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ގެންދަނީ ސަރުކާރު ކުންފުނިތަކުގެ ވެރިން ހާޒިރުކޮށް، ކުންފުނިތަކުގެ ހިންގުމާ ގުޅޭ މައުލޫމާތު ސާފުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ