ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު މޫސުން ވަރަށްބޮޑަށް ގޯސްވާނޭކަމުގެ އިންޒާރު އެޤައުމުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓް (ޕީ.އެމް.ޑީ) އިން ދީފިއެވެ.
ޕީއެމްޑީން ވަނީ ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ޕަންޖާބުގެ ދެކުނުގެ އުސް ސަރަހައްދުތަކަށާއި، ޕޮޓޯހަރު، ސިންދުގެ އިރުދެކުނު އަދި އިރުއުތުރު ބަލޮޗިސްތާނުގެ ސަރަހައްދުގެ އިތުރުން ކަޝްމީރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.
ޕީ.އެމް.ޑީން ވަނީ އިސްލާމްއާބާދަށްވެސް މޫސުން ގޯސްވެދާނެތީވެ، އެކަމަށް ސަމާލުވުމަށް އެދިފައެވެ. މީގެ އިތުރުން ޖުލައި މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރުން ފެށިގެން މޫސުން ވަރަށްބޮޑަށް ގޯސްވާނޭކަމަށް ލަފާކޮށްފައެވެ.
ޕާކިސްތާނުގެ އަވަށެއްގައި ކޯރެއް ބަންޑުންވެ ފެންގަނޑު ބޮޑުވެފައި... ފޮޓޯ: އޭޕީ
ފާއިތުވެދިޔަ ދުަވސްތަކުގައި ޕާކިސްތާނުގައި ވާރޭވެހި ފެންބޮޑުވެ ކޯރު ބަންޑުންވުމުގެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައިވާއިރު ގޯތި ގެދޮރަށާއި ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ޕާކިސްތާނަކީ ކުރިމަތިވާ މޫސުމީ ކާރިސާތަކުގައި ބޮޑެތި ގެއްލުންތަކެއް އަބަދުވެސް ލިބޭ ޤައުމެކެވެ. އެގޮތުން 2022 ވަނަ އަހަރު ޕާކިސްތާނަށް ކުރިމަތިވި މޫސުމީ ވިއްސާރާގައި ބައެއް ވިލެޖްތައް އަޑިއަށްގޮސް އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ޕާކިސްތާނަށް ކުރިމަތިވި އެ ކާރިސާގައި ރާއްޖެއިންވެސް ވަނީ ޤައުމީ ފެންވަރުގައި އެޤައުމަށް އެހީވުމުގެ ކެމްޕެއިނެއް ކުރިއަށްގެންގޮސް 4 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ އެހީއެއް ދީފައެވެ.
ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް މޫސުން ވަރަށްބޮޑަށް ގޯސްވާނެކަމުގެ އިންޒާރުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ