މުއިއްޒު ގައުމު ވައްދަމުންދަނީ އިގްތިސޯދީ ތޫފާނަކަށް!

ހަދާ ގޯސްތައް ގިނަވެ އޮޔާދާ އިގުތިސޯދަކަށް ސަނާކިޔާނީ ބުއްދިފިލާ ގޮސްފަތިބި ބައެކެވެ. ވެރިން ގޯސް ހަދަންޏާ އިހުލާސްތެރިންގެ ވާޖިބަކީ ހަދާ ގޯސްތައް ކިޔައިދީ ހޭރިޔާކުރާނެ މަގު ދައްކައިދިނުމެވެ. ކުރާހާ ކަމަކަށް ސަނާކިޔާ ހަމަދައްކައިގެން ހަދާ ގޯސްތައް ހަލާލު ކުރުމެއް ނޫނެވެ. ރަނގަޅުގޮތް ހިޔާރު ނުކުރާ ވެރިންގެ ކިބައިން ސަލާމަތްވެ ފެތޭ އޮޑީގެ ރިޔާ ދަށުނުވާން ސަނާ ކިޔާމީހުން ވެސް ވިސްނަން ޖެހެއެވެ.
ޒާތީ ތައައްސަބާއި އަމިއްލަ ޖީބަށްޓަކާ ކުރީ ސަރުކާރު ކިޔާލަކިޔާލާ ތިބެވޭކަށް ނެތެވެ. ތޫފާނުގެ ކޮޅިގަނޑު އައިސް ލައިގަންނާނީ ކުރީ ސަރުކާރުތަކުގައި އުޅުނު މީހުންނާ އެކަންޏެއް ނޫނެވެ. ބާރަށް އަތްޖަހާފައި ގަނެގެން ގެނެސްގެން އުޅޭ ޑްރޯނަކުން ޓޭންކަރަކުން ޖެޓްސްކީއަކުން ވާނެކަމެއް އޭރަކުު އޮންނާނެއެވެ. އެންމެ މޮޅު އެންމެ މީހުންގިނަ އެންމެ ބޮޑު ޕާޓީއޭ ސޯޝަލް މީޑިއާގައި ކިޔާކަށް އޭރަކު ނުތިބެވޭނެއެވެ.
ރައްޔިތުންނާއި ގައުމުގެ އާންމު ހާލަތަށް ނުބަލާ ދައުލަތުގެ އިގްތިސޯދީ ލަނޑުދަނޑިތައް ކަނޑައަޅައިގެން ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. ސަރުކާރުގެ ފިސްކަލް ސިޔާސަތް ބޮއްސުންލާ ބޭންކިން ނިޒާމާ މަރުކަޒީ ބޭންކުގެ މިނިވަންކަން ނަގާލުމަކީ ބިރުހުރި ކަމެކެވެ. ވިޔަފާރީގެ އަސާސްތަކާ ސަރުކާރުން ހުއްޓާނުލާ ތޮޅެން ފެށީމާ އިގުތިސޯދު ހަލާކުގެ އަނދަވަޅަކަށް ވެއްޓޭނެކަން އެނގެންޖެހެއެވެ. ކުރިމަތިވެ ބޮޑުވަމުން އަންނަ ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން ސިޔާސަތު ހޭރިޔާ ނުކޮށްފިނަމަ ވަދެވޭނީ އިގުތިސޯދީ ތޫފާނަކަށެވެ. 
އިގުތިސޯދީ ތޫފާނަކަށް ގައުމު ވަންނަމުން ދާކަން ފާޅުވާކަމުގެ ހެކިތައް އެންމެ އާދައިގެ މީހާއަށްވެސް އެހުރީ ފެންނާށެވެ. އެގޮތުން ވިސްނާ ބަލައިލާއިރު:-
ކަން އެހެން ހުރި ނަމަވެސް ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭތަނެއް ނުފެނެއެވެ. ހަރަދާއި އިސްރާފު ކުޑަކުރުމުގެ އެއްވެސް ނިޔަތެއް އޮވެގެން ކަމެއް ނުކުރެއެވެ. އެގޮތުން ނުކުރާކަން ފާހަގަކުރެވޭ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.
ސަރުކާރު ކުޑަކުރުމުގެ ގޮތުން ވުޒާރާތަކާއި އިދާރާތައް މަދުކޮށް ސިޔާސީ ވެރިން މަދުކޮށް ކިރިޔާ ފުދޭވަރަށް މުއައްޒަފުން ގެންގުޅުމުގެ ވިސްނުމެއް ނެތެވެ. ދަރަނިތައް ރީސްޓްރަކްޗަރ ނުކުރެވޭތާ ރިކަރަންޓް ހަރަދަށް ޑޮމެސްޓިކް ދަރަނި ނެގުން ހުއްޓުމެއް ނެތެވެ. މާލީ ބާޒާރުގަ ވާދަވެރިކަން އިތުރުކުރުމަށް ސަރުކާރުން ވިޔަފާރި ކުރުން މަދުކޮށް އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށް ޖާގައެއް ނުދެއެވެ.
ޓެކްސް ބޭސް ފުޅާކުރުމާއި އެފް.ޑީ.އައި އިތުރަށް އިންސެޓިވައިޒްކުރުން ފަދަކަންކަން ކުރާތީއެއް ނުފެނެއެވެ. ސަބްސިޑީ ރޭޝެނަލައިޒް ކުރުމާއި ކުދި ވިޔަފާރީގެ އިގުތިސޯދީ ވާދަވެރިކަން އިތުރުކުރުމަށް ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ރައީސާއި އެހެނިހެން ވެރިންގެ އަގުބޮޑު ދިރިއުޅުން ހަމަބިމަށް ތިރިއެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ